މުގާބިލާ - 43

(18 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ދެވަނަ ޓެސްޓް މެޗުގެ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު އިނގިރޭސި ޓީމު ބަލީވާނޭކަން ގާތްގަނޑަކަށް ކަށަވަރު ކުރެވިއްޖެއެވެ.

ޕާާކިސްތާނު ޓީމުން ކުޅެން އަރައި ފުރަތަމަ ދުވަހުގެ ކުޅުން ނިންމައިލީ އެ ދުވަހަށް ކަނޑައެޅިފައިވާ ވަގުތުގެ އެއްގަޑި އިރު ކުރީންނެވެ. އޭރު ޕާކިސްތާނުން ވަނީ ފަސް ވިކެޓަށް 564 ލަނޑު ހަދައިފައެވެ. އެއީ ވަރަށް ރަނގަޅު މިންވަރެކެވެ. އެކަމަކު އެވަރުންވެސް މެޗެއް އެއްވަރު ވުމަކީ އެކަށީގެންވާ ކަމެކެވެ. މިވަރުގެ ގިނަ އަދަދަކަށް ލަނޑު ހަދާފައިވުމާއެކު މެޗުގެ ނަތީޖާއާމެދު ވަކި ގޮތަކަށް ވިސްނާން އެނގޭނީ ދެން އަރާ ޓީމުން ކުޅޭ ގޮތަކުންނެވެ. އިނގިރޭސިން ކުޅެން އެރީމާ ޕާކިސްތާނުން އުކީވެސް އެހައި މޮޅަށެވެ. އެއްގަޑިއިރުގެ ކުޅުމުގައި އިނގިރޭސިންނަށް ހެދުނީ އެންމެ 24 ލަނޑެވެ. އޭރު ދެ ކުޅުންތެރިން ނުބައި ވެއްޖެއެވެ.

ތިންވަނަ ދުވަހުގެ ކުޅުމުގައި މުޅި މެޗުގެ ނަތީޖާ ނެރެވިއްޖެއޭވެސް ބުނެވިދާނެއެވެ. އިނގިރޭސިންނަށް ކުރެވުނު ކަމަކީ ހަމައެކަނި މީހަކު ނުބައި ނުވެ ވޭތޯ ބެލުމެވެ. އެމީހުންނަށް ގަބޫލު ކުރެވުނު ގޮތުގައި އޮތް ގޮތަކީވެސް އެއީއެވެ. ލަނޑު ހަދާން އުޅެފިއްޔާ ބަލިވާނެއެވެ. އެހެންވީމާ މެޗު އެއްވަރު ކުރާން ބޭނުމިއްޔާ ޖެހޭނީ ކުޅުންތެރިޔަކު ނުބައި ނުވެ ހިފަހައްޓާށެވެ. އެކަމަކު ހިފަަހައްޓައިލެވުނީ ތިންވަނަ ކުޅުންތެރިޔާއަށާއި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. އެޔަށްފަހު ފަޓާސްބަރިއެއްހެން ގޮސް އެންމެން ނުބައި ވެއްޖެއެވެ. ބައިގަޑިއިރު ފަހުން ޖެހުނީ އިނގިރޭސިންގެ ދެވަނަ އިނިންގ ފަށާށެވެ. ފުރަތަމަ އޯވަރުގައި ފަށާން އެރި ދެކުޅުންތެރިން ނުބައި ވެއްޖެއެވެ. ދެން އިނގިރޭސިން އެރުވީ ނައިޓްވޮޗްމަނެކެވެ. (ނައިޓްވޮޗްމަނޭ ކިޔަނީ ދުވަހުގެ ކުޅުން ނިމޭން ކައިރި ވެފައި ވަނިކޮށް މޮޅު ކުޅުންތެރިޔަކު ނުބައިވީމާ ދެން އަރާން ހުންނަ ފެންވަރު ރަނގަޅު ކުޅުންތެރިޔާ އަނެއް ދުވަހު އަރާ ގޮތަށް ހިފެހެއްޓޭތޯ ބެލުމަށްޓަކައި ކުޅެން އަރުވާ އާދައިގެ ކުޅުންތެރިއަކަށެވެ. އޭނާއަށް ޖެހެނީ ނުކުޅެ ކޮއްޓާލަކޮއްޓާލާ އޮންނާށެވެ. އެހެން އޮވެގެން އެ ދުވަހުގެ ކުޅުން ނިމުމާ ހަަމައަށް ގެންދާށެވެ.) ހަވަނަ އޯވަރުގައި އޭނާވެސް ނުބައި ވެއްޖެއެވެ. ދެންވެސް އިނގިރޭސިން އެރުވީ ނައިޓްވޮޗްމަނެކެވެ. އޭނާ އޮވެގެން އެގޮތަކުން މިގޮތަކުން އެ ދުވަހުގެ ކުޅުން ނިންމައިލެވިއްޖެއެވެ.

ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު އޮތް ހާލަތުން މެޗުން ބަލި ނުވެ ސަލާމަތް ވުމަށްޓަކައި ހަތަރުވަނަ ދުވަހު އިނގިރޭސިންނަށް 363 ލަނޑު ހަދާން ޖެހެއެވެ. އެގާރަ ލަނޑު ހެދުނުއިރު ދެ ކުޅުންތެރިން ނުބައި ވެއްޖެއެވެ.

އެ ދުވަހުގެ މެޗު ނިމުމުގެ ކުޑައިރުކޮޅެއް ކުރީން ޕީޓަރ ފޯރޑް ޢަދްނާނާ ބައްދަލު ކުރާން އައެވެ. ޢަދްނާން ހައިރާންވިއެވެ. ކަންތައްތައް ދަނީ ރަނގަޅަށެވެ. ފުރަތަމަ ޓެސްޓް މެޗު ވާރެއިން ސަލާމަތް ވެއްޖެއެވެ. ދެވަނަ ޓެސްޓް މެޗުވެސް މިހައިތަނަށް އެދަނީ ރަނގަޅަށެވެ. ވާރޭ ނުވެހޭނޭކަން ޔަގީނެވެ.

"ކިހިނެއްވީތޯ؟ ކޮންކަމެއް ލައިގަތީތޯ؟" ޢަދްނާން އަހައިލިއެވެ.

"އަޅުގަނޑު މިއައީ އެހީތެރިކަމަކަށް އެދިގެން ދަންނަވައިލާން." ޕީޓަރ ފޯރޑް ބުންޏެވެ.

"ކޮން ކަހަލަ އެހީތެރިކަމެއްތޯ؟" ވިޔަފާރީގެ އެހެން މުއާހަދާއެއްގެ ކޮޅުމަތި ފެނުނީއޭ ހިތައި ޢަދްނާން އުފަލުން ފޮޅިއްޖެއެވެ.

"މި މެޗުން ބަލިނުވެ ސަލާމަތްވާނޭ ގޮތް ހަދަން ބޭނުން."

ފުރަތަމަ ޢަދްނާނަކަށް ރަނގަޅަކަށް ވިސްނައެއް ނުގަނެވުނެވެ. "ތިޔަ ދައްކަވަނީ މިހާރު މި ކުޅޭ މެޗުގެ ވާހަކަތޯ؟"

"އާދެ... މި މެޗުގެ ވާހަކަ." ޕީޓަރ ފޯރޑް ބުންޏެވެ.

"މިހާރު ކުރެވޭނީ ކޮން ކަމެއްތޯ؟ ގަވައިދު އޮންނަ ގޮތުން އަޅުގަނޑަކަށް ކުޅޭކަށް ނޭރޭނެ." ޢަދްނާން ހިނިތުންވެލިއެވެ. "ޕާކިސްތާނުގެ އުކުންތެރިންގެ ކުޅަދާނަ ކަމަށް ބަލާއިރު ބްރަޔަން ލާރާ ނުވަތަ ސަޗިން ޓެންޑުލްކަރ ގެންނެވިޔަސް މިހާރު ކުރެވޭނޭ ކަމެއް އޮންނާނޭ ހެންނެއް ހިޔެއް ނުވޭ."

ޕީޓަރ ފޯރޑްގެ މޫނުގެ ކުލަ އޮއްސިއްޖެއެވެ. "ތިޔަހެން ނުހައްދަވާ. އަޅުގަނޑު މި ދައްކަނީއަކީ ސަމާސާ ވާހަކައެއް ނޫން. ވާރޭ ވެހިގެންފިއްޔާ މެޗު ސަލާމަތް ކުރެވިދާނެ."

"ތިޔަ ވިދާޅުވީ ރަނގަޅު ވާހަކަފުޅެއް. އެކަމަކު ވާރޭ ވެއްސަވާތޯ ދުޢާ ކުރުން ކީއްކުރަންތޯ... އެހެން ހިތަށް އަރުވާކަށްވެސް އަޅުގަނޑަކަށް ނުކެރޭނެ. މުއާހަދާގެ ދަށުން އަޅުގަނޑުމެން މި ގެންދަނީ ވާރެއިން ތިޔަ ބޭފުޅުން ސަލާމަތްކޮށްދެމުން. ވާރޭ ނުވެހޭނޭކަންވެސް އަޅުގަނޑަށް ޔަގީން."

"އެކަމަކު އަޅުގަނޑު ބޭނުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ބޯކޮށް ވާރޭ ވެހޭގޮތް ވާން."

"ބޭނުންފުޅުވުމަކުން ވާނީ ވަކި ކީއްތޯ؟"

"އަޅުގަނޑާއި އާދައިގެ މީހުން ބޭނުން ވުމަކުން ވާނޭ ކަމެއް ނެތް. އެކަމަކު ތިޔަ ބޭފުޅުން ބޭނުންފުޅު ވެއްޖެއްޔާ ކޮންމެ ކަމެއްވެސް ވެދާނެ."

ޢަދްނާން ހިތާހިތުން ނަޢޫޛްބިއްލާހި އޭ ކިޔައިލިއެވެ. "ތިޔަ ދައްކަވަނީ ކޮން ކަހަލަ ވާހަކަފުޅެއްތޯ؟ ފުރަތަމަ ކަމަކަށް ތިޔައީ ނާމުމްކިން ކަމެއް. މުމްކިން ކަމަކަށް ވިޔަސް ވާރޭ ވެހިގެންފިއްޔާ ތިޔަ ބޭފުޅުންނަށް އެތައް ލައްކަ ޕައުންޑެއް އެރުވުމަކީ އަޅުގަނޑަށް ކުރާން ޖެހޭނޭ ކަމެއް. އެހެންވީމާ މި ވަގުތަށް ބަލާއިރު ވާރެއަކީ އަޅުގަނޑުގެ ދުޝްމިނެއް."

"އެކުވެރިއަކަށްވެސް ހެއްދެވިދާނެ." ޕީޓަރ ފޯރޑް ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ. "ވާރޭ ވެހުނަސް އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ އަތްޕުޅުން އެކައްޗެއްވެސް ނާތުލާނަން. އޭގެ އިތުރަށް ތިޔަ ބޭފުޅުން ވިދާޅުވާ އަގެއްވެސް އަރުވާނަން."

"ތިޔަވާހަކަފުޅުވެސް ނުބައެއް ނޫން. އެކަމަކު ވާރޭ ވެހޭ ގޮތް އަޅުގަނޑު ހަދާނީ ކިހިނެއްތޯ؟"

"ވިމްބްލްޑަންއަށް ވާރޭ ވެހޭ ގޮތް ހެއްދެވި ގޮތަށް." ފޯރޑް އަނެއްކާވެސް ހިނިތުންވެލިއެވެ.

"ތިޔަބޭފުޅުން ދެކެވަޑައިގަންނަވަނީ އަޅުގަނޑަކީ ކޮން ފެންވަރެއްގެ މީހެއް ކަމަށްތޯ؟" ޢަދްނާން ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހައިލިއެވެ.

"ތިޔައީ އިރުމަތީގެ ޖާދޫގަރެއް." ފޯރޑް އެއްވެސް ޖެހިލުމެއް ނެތި ބުނެލިއެވެ.

"ލާޙަވްލަ ވަލާ ޤުއްވަތަ..." ޢަދްނާނަށް ބޭއިޚްތިޔާރުގައި ކިޔައިލެވުނެވެ. "ތިޔަ ކަހަލަ ކަންތައް ހިނގަނީ ފުލޯކު ވާހަކަތަކުގައި. އަޅުގަނޑުމެންނަކީ ސައިންސީ އުސޫލުތަކުގެ މަތީން މަސައްކަތް ކުރާ ބަޔަކީމު. މިހެން ވިސްނަވާ. އަޅުގަނޑުމެންގެ އަތުގައި ހުރި މޫސުމިއްޔާތުގެ އާލަތަކީ ތިޔަ ބޭފުޅުންނަށް އަދި ސަތޭކަ އަހަރުންވެސް ނުހޯއްދެވޭހައި ފުރިހަމަ އާލަތް."

"އެއްހާސް އަހަރޭ ވިދާޅުވިޔަސް އަޅުގަނޑުގެ މައްސަލައެއް ނެތް." ފޯރޑް ބުންޏެވެ. "އެކަމަކު ވިމްބްލްޑަންގެ ވަށައިގެން އޮތް ވަކި ސަރަހައްދަަކަށް ވާރޭ ނުވެހި މުޅި ލަންޑަނަށް ވާރޭ ވެހުނުތަން އަޅުގަނޑުގެ މި ދެ ލޮލުން ދުށިން. ވާރޭ ނުހެވި އޮތީ ހަމައެކަނި ވިމްބްލްޑަންއަށް."

ވާހަކަ މިހާރު މިހިރަގެން ދަނީ ނުރައްކާތެރި ދިމާއަކަށެވެ. ޢަދްނާާން މަވްޟޫއު ބަދަލު ކޮށްލިއެވެ. "މި ޓެސްޓް މެޗު ސަލާމަތް ކުރުން އެހައި މުހިއްމު ކަމަކަށް ވެގެން އުޅެނީ ކީއްވެގެންތޯ؟"

"މިއަދު މެޗު ބަލަން ވަން މީހުން ވަރަށް މަދު. އިނގިރޭސިން ބަލިވެއްޖެއްޔާ ދެން އޮންނަ މެޗެއް ބަލާކަށް މީހަކު ނުވަންނާނެ. މުޅި ދަނޑު އޮންނާނީ ހުހަށް." ފޯރޑް ބުންޏެވެ. "އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް އެހައި ބޮޑު ފީއެއް މި ދެނީވެސް ޓިކެޓުން ލިބޭ ފައިސާއިން ނޫންތޯ؟"

"ތިޔައީ މުޅީން ރަނގަޅު ވާހަކަފުޅެއް ނޫން. ޓިކެޓްގެ ފައިސާއަކަށް އަންނާނޭ ބަދަލެއް ނެތް. ހަތަރުވަނަ މެޗާއި ފަސްވަނަ މެޗުގެ ޓިކެޓުވެސް މިހާރު ހުރީ ވިކި ހުސްވެފައި. އެކަން އަޅުގަނޑު ދެނަހުރިން."

"ތިޔައީ ތެދުފުޅެއް. އެކަމަކު ޓިކެޓު ގަނެފައިވެސް މެޗު ބަލަން މީހުން ނުވަންނަ ކަމަށް ވަންޏާ އެއީ މި ކުޅިވަރަށް ކުރެވޭ ތައުހީނެއް. ޓެސްޓް ކްރިކެޓުގެ އަގު މިހާރުވެސް ދަނީ ވެއްޓެމުން. އެހެންވީމާ އެވަރުގެ ބޮޑު ގެއްލުމެއް ނުލިބި ވޭތޯ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއް."

"މިއީ ފަސް މެޗުގެ ސިލްސިލާއެއް. ޕާކިސްތާނު ދެ މެޗުން މޮޅު ވިޔަސް ބާކީ ތިން މެޗު އޮންނާނެ. މިހާރު މިދާ ގޮތަށް ދިޔައީމާ މުބާރާތުގެ ފޯރި މާ ގަދަވާނެ ކަމަށް އަޅުގަނޑަށް ފެނޭ." ޢަދްނާން ބުނެލިއެވެ.

"ޢަދްނާނަށް ވިސްނައިދޭނޭ ގޮތެއް އަޅުގަނޑަކަށް ނޭނގޭ. ބަލިވާ އަހަކަށް ނުއެއް ދުވެވޭނެ. އަޅުގަނޑުމެންގެ ކްރިކެޓަށް މިހާރު ދުއިސައްތައެއްހައި އަހަރު ވެއްޖެ. މިދިޔަ ފަނަރަ އަހަރުގެ ތެރޭގައި އިނގިރޭސި ކްރިކެޓް ވަނީ ވަރަށް ނިކަމެތި ވެފައި. އެއްދުވަހުން އަނެއް ދުވަހަށް އެ ދަނީ މަރާ ކައިރިވަމުން. ނޭވާ ހޮޅިއަށް އެޅެމުން. ނިކަން ވިސްނާވަޑައިގެން ބައްލަވާ. މުޅި ދުނިޔެއަށް ބަލާއިރުވެސް ކްރިކެޓްގެ އެންމެ ބޮޑު ނާސަރީ މި ހުންނަނީ އިނގިރޭސިވިލާތުގައި. ދުނިޔޭގެ އެހެން ގައުމުތަކުގެ ކުޅުންތެރިން ކައުންޓީގައި އެބަ ކުޅޭ. އެ ކުޅުންތެރިން ދެތިން އަހަރުގެ ތެރޭގައި ދުނިޔޭގެ އެއްވަނަ ކުޅުންތެރިންނަށް އެބަވޭ. އެކަމަކު މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އުފެއްދުނީ މޮޅު ކިތައް ކުޅުންތެރިންތޯ؟ އެންމެ ކުޅުންތެރިއަކުވެސް ނުއުފެއްދޭ."

"ކްރިކެޓަކީ އަޅުގަނޑުމެންނަށް ވަރަށް މުހިއްމި ކުޅިވަރެއް. އަޅުގަނޑުމެންނަކީ އާދަކާދަޔަށް ވަރަށް ބޮޑަށް އިހްތިރާމްކުރާ ބައެއް. ދުނިޔެއަށް ކްރިކެޓް ކުޅެން ދަސްކޮށްދިނުމުގެ އިތުރަށް ކްރިކެޓްގެ ސުލޫކު ދަސްކޮށްދެނީވެސް އަޅުގަނޑުމެން. ބަލި ވިޔަސް އިސްއުފުލައިގެން ތިބެ ދަނޑުން ނުކުތުމަކީ އަޅުގަނޑުމެންގެ އުސޫލު. އެކަމަކު ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި ހުރިހައި ކަމެއް ބަދަލު ވެގެން ހިނގައްޖެ. އެހެން ގައުމުތަކުން މިތަނަށް ކްރިކެޓް ކުޅޭން އަންނާން ބިރުގަންނާން ފަށައިފި. މިހާރު އަޅުގަނޑުމެންގެ ގައުމުގައި އޮންނަ އުސޫލަކީ ކޮބައިތޯ؟ ދަނޑު ބޭރުން އިދިކޮޅު ޓީމު ބަލި ކުރަން މަސައްކަތް ކުރުން. ހަޅޭއްލަވައި މަލާމާތްކޮށް ޖެއްސުންކޮށް ހެދުން. އެއީ ކީއްވެގެންތޯ؟ އެއީ އަޅުގަނޑުމެންގެ އަމިއްލަ ޓީމުގެ އިތުބާރު ގެއްލުނީމާ ވީގޮތް. އެހެންވީމާ އެ އިތުބާރާއި މަގާމު ހޯދޭތޯ މަސައްކަތް ކުރާން އެބަޖެހޭ."

ޢަދްނާން އަޑު އަހަން އިނީއެވެ. މިހާރު އިނގިރޭސިއަކު އެކިޔައި ދެނީ މުޅި ދުނިޔެ ދައްކާ ވާހަކައެވެ. އެއީ ތެދު ވާހަކައެވެ. މިހާރު މޮޅުވުމަކީވެސް ރިޝްވަތާ ގުޅިފައި އޮންނަ ކަމެކެވެ. މެޗުތައް ގަނެ ވިއްކަނީއެވެ. ގައުމީ ރޫހު ވަން ތަނަކަށް ވަދެ ފިލައިފިއެވެ. ފައިސާގެ ބޭނުންކޮށްގެން ފަގީރުންނާއި ނިކަމެތިންނަށް އެހީތެރިވުމުގެ ބަދަލުގައި ޝުހުރަތާއި މަގާމު ގަންނަނީއެވެ.

"ކީކޭތޯ ވިދާޅުވަނީ؟" ޢަދްނާން ސިއްސައިގެން ދިޔައީ ފޯރޑްގެ އަޑުންނެވެ.

"އަޅުގަނޑަށް ޖެހޭނީ މޫސުމާ ބެހޭ މާހިރުންނާ މަޝްވަރާ ކޮށްލާން. އަޅުގަނޑަށް ދެގަޑިއިރު ދެއްވާ."

"އެންމެ ރަނގަޅު. އަޅުގަނޑު އެދެވޭ ޖަވާބަކަށް އިންތިޒާރު ކުރާނަން." ފޯރޑް ތެދުވެއްޖެއެވެ.

ފޯރޑް ދިއުމާއެކު ޢަދްނާން އެނބުރުނީ ފޯނާ ދިމާއަށެވެ. ސުލައިމާނާ ނުގުޅައި ވާކަށް ނެތެވެ.

* * *

ސުލައިމާން ހުރީ މާޔޫސް ވެފައެވެ. އެކި ކަހަލަ ވަހުމުތަކުން އޭނާގެ ހިތް ފުރެނީއެވެ. އޭނާ އެންމެ ފުރަތަމަ ފަރްޒާނާއަށް ގުޅީ ރޭގަނޑު ނުވައެއް ޖެހިއިރުއެވެ. އޭރު ހުރީ އެންގޭޖުވެފައެވެ. އޭގެ ފަސް މިނިޓެއްހައި އިރުފަހުން ގުޅި އިރުވެސް އެންގޭޖެވެ. އޭގެ ފަހުން އެތައް ފަހަރަކު ގުޅައިފިއެވެ. ހަމަ އެންގޭޖެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.