ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކާއޮތް ކަމަށް ކަނޑައަޅައިފިން: ހެލްތު މިނިސްޓަރ

ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރަކާއޮތް ކަމަށް ކަނޑައަޅައި އެކަން ދެންމެ އިޢުލާން ކުރައްވައިފިއެވެ.

ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ލަފާގެ މަތީން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރަކާ އޮތްކަން ކަނޑައަޅައި އެކަން އިޢުލާން ކުރައްވާފައިވަނީ އާއްމު ސިއްހަތާ ބެހޭ ގާނޫނުން، ހެލްތު މިނިސްޓަރަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ.

މިހާރު ކުރިއަށްދާ ނިއުސް ކޮންފަރެންގައި މިނިސްޓަރ ވިދާޅުވީ މިހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވެސް މިކަމާ ގުޅިގެން ކަންތައްތަކެއް މަތިވެގެންދާނެ ކަމަށެވެ. އެހެންކަމުން މި ރޯގާއިން ސަލާމަތްވުމަށް 24 ގައިރު މަސައްކަތް ކުރުމުގައި މުޅި ހެލްތު ސެކްޓަރ ޙަރަކާތްތެރިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވީ ތިރީސް ދުވަހަށް ކަމަށެވެ. މުއްދަތު އިތުރުކުރައްވާނީ ހާލަތަށް ބެއްލެވުމަށްފަހު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ދުވަހަކު ވެސް ކޮވްޑި 19 ގެ ހާލަތު ގާތުން ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް އަޅުއްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ނުރައްކާތެރި ރޯގާއިން ސަލާމަތްވުމަށްޓަކައި  ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ސިއްހަތާ ބެހޭ މާހިރުންގެ ލަފައަށް ވީހާވެސް އަވަހަށް އަމަލުކުރަމުން ގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ ވަގުތެއްގައި އެއްބަޔަކު އަނެއްބަޔަކު ޕެނިކުވާފަދަ ކަންކަން ނުކުރުމަށް ވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިނިސްޓަރ ވިދާޅުވީ ކޮރޯނާ ވައިރަސް އަކީ ދުނިޔެއަށް ފެތުރެމުންދާ ވަބާއެއް ކަމަށް ޑަބްލިޔުއެޗުއޯއިން ކަނޑައެޅުމުން ވަށައިގެން ރާއްޖެއަށްހުރި ނުރައްކާތެރިކަން ބޮޑުކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ނުރައްކާ ވިހާވެސް ކުޑަކޮށް ރައްޔިތުން މިރޯގާއިން ސަލާމަތް ކުރުމަށް ގާނޫނީ ގޮތުން ވެސް އެޅެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާން ކުރުމުން މިބަލި ފެތުރިގެންދާ ހިސާބުން ބައްޔާ ކުރިމަތިލުމުގެ ގާނޫނޫ ބާރު މުހިންމުވާ ކަމަށާއި،  އެހެންކަމުން ބަލި ރާއްޖޭގައި ފެތުރިގެންދާ ހާލަތުގައި އަދި ސިއްހީދާއިރާގެ މީހުން ޒިންމާ ދާރު ކުރުމަށް ގާނޫނީ ގޮތުން ފަސޭހަކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބަލި ފެތުރޭ ޙާލަތެއް އަތުވެއްޖެ ކަމަށްވާނަމަ އެއްވެސް ދަތިކަމެއްނެތި  އައިސޮލޭޝަން ފެސިލިޓީއާއި ކަންކަން ހަމަޖެނޭނެ އިންތިޒާމު ސަރުކާރުން ވަނީ ކުރިން ފެށިގެން ހަމަޖައްސަވާފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު އޮތް ހާލަތުން އެހެން ޙާލަތަކަށް ބަދަލުވިޔަސް އެކަމަށް މިހާރުވެސް ތައްޔާރުވަމުންދާ ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ދުނިޔެއަށް ފެތުރެމުންދާ ބައްޔެއް ކަމުން ދުނިޔޭގެ އެހެންގައުމުތަކުގައި މިބަލި ފެތުރި ކަންކަމަށް ދަތިވާވަރަކުން އެކަމުގެ އަސަރު ރާއްޖެއަށްވެސް ކުރުން އެކަށީގެންވާ ކަމަށެވެ. އެހެންނަމަވެސް ބޭސްފަރުވާގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ޑަބްލިޔުއެޗުއޯއާއި، އަވަށްޓެރި ގައުމުތަކުން މިހާރުވެސް ގެންދަނީ އެހިވަމުން ކަމަށާއި ކުރިއަށްއޮތްތާގައި ވެސް އެހީވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.