އިރާގުގެ އަސްކަރީ މަރުކަޒަކަށް ދިން ރޮކެޓު ހަމަލާއެއްގައި އެމެރިކާ އާއި އިނގިރޭސި ސިފައިންގެ ތިން މީހުން މަރުވެއްޖެ

ބަދަލު ހިފުމެއް ކަމަށް ބެލެވޭ ހަމަލާއެއްގައި އިރާގުގެ ހަނގުރާމަވެރިންގެ 18 މީހުން ވަނީ މަރުވެފައި

އެމެރިކާ ސިފައިންގެ ބަޔަކު އިރާގުގައި ހަރަކާތްތެރިވަނީ

އިރާގުގައި އެމެރިކާ އިސްވެއޮވެ ހަރަކާތްތެރިވާ ކޯލިޝަނުގެ ސިފައިން ތިބޭ ތާޖީ އަސްކަރީ މަރުކަޒަށް ދިން ރޮކެޓު ހަމަލާއެެއްގައި ސިފައިންގެ ތިން މީހުން މަރުވެ 12 މީހަކު ޒަޚަމްވެއްޖެއެވެ. އެއީ އެމެރިކާގެ ދެ މީހަކާއި، އިނގިރޭސިވިލާތުގެ މީހެކެވެ. ހަމަލާގައި 10 ރޮކެޓް އެ މަރުކަޒަށް އަރާފައިވާ ކަމަށް ވެއެވެ.

އިރާގު ސިފައިންގެ މީޑިޔާ ޔުނިޓުން ބުނި ގޮތުގައި މި ހަމަލާގައި ބޭނުންކޮށްްފައި ވަނީ ކަަޓްޔޫޝާ މަރުކާގެ ރޮކެޓެވެ.

"އަހަރުމެން މިދަނީ ކޭމްޕް ތާޖީގައި ހާލަތު އޮތް ގޮތް ބަލަމުން." ރައީސު ޓްރަމްޕެ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. "ވީ ގެއްލުން ބަލައި ތަހުގީގުކުރުން ކުރިއަށް އެބަދޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.

ތާޖީ އަސްކަރީ މަރުކަޒަކީ އިރާގުގެ ވެރިރަށް ބަޣުދާދުގެ އުތުރުން 35 ކިލޯމީޓަރު ދުރުގައި އޮންނަ މަރުކަޒެކެވެ. އެ މަރުކަޒުގައި މިހާރު ތިބެނީ އިސްލާމިކް ސްޓޭޓް (އައިސިސް) ޖަމާއަތާ ހަނގުރާމަކުރުމަށް އެމެރިކާ އިސްވެ އޮވެ އެކުލަވާލާފައިވާ ކޯލިޝަނުގައި ހިމެނޭ ގައުމުތަކުގެ ސިފައިންނެވެ.

އިރާގެ ތަފާތު އަސްކަރީ މަރުކަޒުތަކުގައި އެމެރިކާ ސިފައިންގެ 5 ހާސް މީހުން ތިބެއެވެ.

އަނެއްކޮޅުން، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮތެއްގައި ރޭގެ ވަގުތެއްގައި އަސްކަރީ ތިން މަތިންދާބޯޓަކުން ވަނީ ހުޅަނގު ސީރިޔާ (ސޫރިޔާ) ގައި އިރާގުގެ ސަރަަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ބޫކަމާލްއަށް ހަމަލާތަކެއް ދީފައެެވެ. ތާޖީ އަސްކަރީ މަރުކަޒަށް ދިން ހަމަލާގެ ބަދަލު ހިފުމެއް ކަމުގައި ބެލެވޭ މިހަމަލާ ދީފައި ވަނީ އިރާގުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (އަލްޙަޝްދުއްޝަޢުބީ) ގެ ހަނގުރާމަވެރިން ތިބޭ މަރުކަޒަކަށެވެ. ސީރިއަން އޮބްޒަވޭޓަރީން ބުނި ގޮތުގައި މިހަމަލާގައި އިރާގުގެ ހަނގުރާމަވެރިންގެ 18 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.