އެމެރިކާގެ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސީރިޔާގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒަކަށް ހަމަލާދީފި

ސީރިޔާގެ ތެޔޮ ސާފުކުރާ ކާރުޚާނާއެެއްގެ ކައިރީގައި އެމެރިކާ ސިފައިންގެ މީހަކު ފޯރިމަރަނީ

ސީރިޔާ (ސޫރިިޔާ) އާއި އިރާގުގައި ހަރަކާތްތެރިވާ، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ މަރުކަޒުތަކަށް އެމެރިކާއިން ވައިގެ ހަމަލާތަކެއް ދީފައިވަނިކޮށް، ސީރިޔާގަައި ތިބޭ އެމެރިިކާ ސިފައިންގެ މަރުކަޒަކަށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.

އެމެރިކާއިން އާދީއްތަ ދުވަހު ފަތިހު ވައިގެ ހަމަލާތަކެއް ދީފައި ވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒަަކަށް ދިން ޑްރޯން ހަމަލާއަށް ރައްދުދިނުމުގެ ގޮތުންނެވެ. އަސްކަރީ ހަމަލާއަކަށް ރައީސު ޖޯ ބައިޑަން ނެރުއްވި ފުރަތަމަ އަމުރުފުޅާއެކު ދިން ވައިގެ ހަމަލާތަކަށް ފަހު ހަތިޔާރުއެޅި ޝީޢާ ޖަމާއަތްތަކުން ބުނެފައި ވަނީ އެ ހަމަލާތަކަށް ބަދަލުހިފާނެ ކަމުގައެވެ.

ރޭ ސީރިޔާގައި ދިން ރޮކެޓު ހަމަލާއަކީ ބަދަލުހިފުމުގެ ހަމަލާއެއް ކަމުގައި ބެލެވޭއިރު، އެމެރިކާއިން ބުނެފައި ވަނީ މިހަމަލާގެ ރައްދުގައި އިތުރު ހަމަލާތަކެއް ދިނުމަށް ރައީސު ބައިޑަން މިހާރު ވަނީ ދެވަނަ އަމުރުފުޅެއް ނެެރުއްވާފައެވެ.

ސީރިޔާގައި ހަރަކާތްތެރިވާ އަސްކަރީ ކޯލިޝަންެގެ ތަރުޖަމާނު ކާނަލް ވޭން މަރޯޓޯ މައުލޫމާތު ދިންގޮތުގައި، އެމެރިކާ ސިފައިންނަށް ރޮކެޓު ހަމަލާތަކެއް އަމާޒުވި ނަމަވެސް، ސިފައިންގެ އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ. އަދި އެމެރިކާ ސިފައިން ވަނި ރައްދުގައި ރޮކެޓްތައް އައި ދިމާއަށް ބޮޑު ބަޑީގެ ހަމަލާދީފައެވެ.

ސީރިޔާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުގައި ރޮކެޓު ހަމަލާތައް ދީފައި ވަނީ ދޭރައްޒޫރުގެ އުމަރު އޮއިލް ފީލްޑްސް ކައިރިއަށެވެ. ސީރިޔާގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ކޮންޓްރޯލުކުރާ އެ ތެޔޮވަޅުތައް ކައިރީގައި އެމެރިކާއާއި، ކޯލިޝަންގެ އެހެން ގައުމުތަކުގެ ސިފައިން ތިބެއެވެ.

އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި ސައްޔިދުއްޝުހަދާ ބްރިގޭޑްސްގެ ހަަތަރު މީހަކު ވަނީ މަރުވެފައެވެ. އަދި އެ ޖަމާއަތްތަކުން އެމަރުގެ ބަދަލުހިފާނެއެވެ.

އިރާގު ސަރުކާރުން ވެސް ވަނީ އެމެރިކާއިން ދިން ވައިގެ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި އެމެރިކާއިން ހިންގި އަމަލަކީ "ފާޅުގައި ސީރިޔާއާއި އިރާގުގެ ބިމުގެ މިނިވަންކަމުގެ ހުރުމަތް ކަނޑާލުން" ކަމަށާއި، މިފަދަ ހަމަލާތައް ހުއްޓުވުމަށް "އެޅެން އޮތް ގާނޫނީ ފިޔަވަޅުތައް ދިރާސާކުރަމުން" ދާކަމުގައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.