ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުއްލްގައްޔޫމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި މިބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޤައުމަށް މިހާރު ދިމާވެފައިވާ ކަންކަމާއި ގުޅޭ ގޮތުން އެބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރައީސް އިބްރާހީމް ބެހެއްޓެވި ގާތްކަމަށް ރައީސް މައުމޫން ވަނީ ޝުކުރު ވެސް އަދާކުރައްވައިފައެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ރައީސް މައުމޫން ހާމަކުރައްވައިފައެއް ނުވެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން ދާދި ފަހުން ވަނި ކޯވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސް ކުރުމަށް ގޮވާލާފައެވެ. ނަމަވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވަނީ އިންތިހާބު ފަސް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެފައެވެ.
އިންތިޚާބު ފަސް ކުރުމާބެހޭ ގޮތުން ރައީސް މައުމޫނާއި، ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ އާ ޚިޔާލު ތަފާތު ވެފައިވާ މިދަނޑިވަޅުގައި، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމީޝަނަށް އިންތިޚާބު ފަސް ކުރުމަށް އަދި ނުފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް ވުރެ އިންތިޚާބު ފަސް ކުރުމުގެ ބާރު އެކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި އެ ހާލަތުގައި ގޮތް ކަނޑައަޅުއްވާނީ ހައިކޯޓުން ކަމަށް އީސީން ވިދާޅުވިއެވެ.