ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ބިދޭސީންނަށް ޚާއްސަ ކުލިނިކެއް ހުޅުމާލޭގައި ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓްރީގެ މެޑިކަލް އޮފިސަރ ފާތިމަތު ނަޒުލާ ރަފީގް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެއީ މާލޭގައި މިއަދު ހުޅުވުނު ޓްރެވެލަރސް ކުލިނިކާއި ސެނަހިޔާގައި ގާއިމް ކޮށްފައިވާ ފުލޫ ކުލިނިކުގެ އިތުރުން ހުޅުވާ ތަނެއް ކަމަށެވެ.
ޑރ. ޢަބްދުﷲ ނިޔާފާއި، ޑރ. މުޙައްމަދު ޢަލީއާއެކު ބޭއްވި ޓޯކްޝޯގައި ވާހަކަ ދައްކަވަމުން ޑރ. ނަޒުލާ ވިދާޅުވީ އެ މީހުންގެ ތެރެއިން ދުވަސްވީ މީހަކު ގާތުން މޮނިޓަރ ކުރުމަށްޓަކައި ދަރުމަވަންތައް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖެއިން މިބަލި ފެނުމާއެކު ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އިތުރަށްބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވޮއެވެ.
ޓްރެވެލް ކުލިނިކް ނުވަތަ ޓްރެވެލަރސް ކުލިނިކަކީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުންގެ ތެރެއިން ޝައްކުކުރެވޭ މީހުން ދައްކަން ޚާއްސަ ކުލިނިކެކެވެ. އެތަނުގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެއެވެ. އެތަނަށް ދިވެހީންގެ އިތުރުން ބިދޭސީން ވެސް ދެއްކޭނެ ކަމަށް ނަޒުލާ ވިދާޅުވިއެވެ. ފުލޫ ކްލިނިކަކީ އެއްވެސް ގައުމަކަށް ދަތުރު ނުކޮށް، ރޯގާގެ އަލާމާތެއް ފެނިގެން ދައްކަން ސެނަހިޔާގައި ޚާއްސަކޮށްފައި ކުލިނިކެއް ކަމަށް ވެސް ޑރ. ނަޒުލާ ވިދާޅުވިއެވެ.