ޢުމްރާއަށް މީހުންގެންދިއުން މަޑުޖައްސާލުމަށް ކުންފުނިތަކަށް އަންގައިފިން: އިސްލާމިކް މިނިސްޓްރީ

ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން  އެޚިދުމަތް ދެއްވާ ކުންފުނިތަކަށް އަންގައިފި ކަމަށް އިސްލާމިކް އެފެއާޒު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ސަޢޫދީއަށް މީހުން ޢުމްރާއަށް ގެންދިއުމުގެ ކަންކަން ވަގުތީ ގޮތުން ހުއްޓާލުމަށް ކުންފުނިތަކަށް އެންގީ ސަޢުދީން ޢުމްރާ ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

"ސަޢުދީ ޢަރަބިއްޔާއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދީ ޢަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން ޢާއްމުކޮށް ޢިއުލާންކޮށްފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން  ކުންފުނިތަކަށް މިނިސްޓްރީން މިހާރުވާނީ އަންގާފައި،" އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސަޢުދީން ޢުމްރާ ވިސާ ދޫކުރުން ހުއްޓާލެއްވީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުގައެވެ.

މި ވައިރަސް ވަރަށް ހަލުއިކަމާއެކު ދަނީ މުޅިދުނިޔެއަށް ފެތުރެމުންނެވެ. ރާއްޖެއިން އެފަދަ ބަލި މީހަކު އަދި ފެނިފައެއްނުވެއެވެ. އެހެންނަމަވެސް އެފަދަ ބަލި މީހަކު ފެނިދާނެތީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ އެކަމަށް ތައްޔާރުވަމުންނެވެ.

މި ބައްޔަށް ވެކްސިންއާއި ބޭސް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ވެކްސިނާއި ބޭސް މިހާރު ހުރީ ތަހުލީލު ކުރަމުގެ މަރުޙަލާގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.