އިންތިޚާބު ފަސްކުރުމުގެ މަޝްވަރާ އަކީ ސިޔާސީ މަޝްވަރާއަކަށް ވާއިރު ސަރުކާރުކާރާއެކު އެއް ވެސް ސިޔާސީ މަޝްވަރާއަކަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ދާނީ ފަސް އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަމުންދާ ރައީސް ޔާމީން މިނިވަން ކުރުމުންކަމަށް އެކޯލިޝަނުން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕީޖީ ލީޑަރ، މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދޭން އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އިންތިޚާބު ފަސް ކުރުމުގެ މަޝަވަރާ ތަކަކީ ސިޔާސީ މަސައްކަތަކަށް ވާއިރު އެމަޝްވަރާގައި އެ ކޯލިޝަނުން ބައިވެރިވާނީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ވިދާޅިވިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އިލެކްޝަން ފަސް ކުރުމާ މެދު ގޮތެއް ނިންމުމުގެ ފުރުސަތު އޮންނަން ވާނީ ޕަބްލިކް ހެލްތަށް ކަމަށެވެ. ޕަބްލިކް ހެލްތުން އާންމު އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރައްވާއިރު، ޕަބްލިކް ހެލްތާ ގުޅޭ ނިންމުމެއް ވައިލޭޓް ކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހައްގަކަށް ވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޭދަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރެމުންދަނީ ކިހާ ބާރަކަށްތޯ އެންމެ ބޮޑަށް އެނގޭނީ ސަރުކާރަށް ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ޖެހޭނެ ކަމަށާއި މާޒީގައިވެސް ރޯގާތައް ފެތުރިގެން ދިޔަ އިރު ޤައުމުގެ އެންމެ އިސްވެރިން ޢަމަލުކޮށްފައިވަނި އެގޮތައްކަން ފާހަގަ ކުރެއްވިއެވެ.
ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ރާއްޖޭގައި ފެތުރިފައިވާއިރު އިންތިޚާބު ފަސް ކުރުމަކީ މިވަގުތަށް މުހިންމު ކަމެއް ކަމަށް ބައެއް އަމިއްލަ މެމްބަރުންވެސް ވަނީ ފާހަގަ ކުރެއްވައިފައެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުންނާއި އަދި މަޖިލީހުގެ ރައީސްގެ ވާހަކަ ފުޅުވެސް ހުރީ އިންތިޚާބު ފަސްކުރުމާ ދެކޮޅަށްކަން ފާހަގަ ކުރެވެއެވެ.