މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފައިމެނުވީ އެމަނިކުފާނުގެ އަސްލު ސޫރަ ރައްޔިތުންނަށް ނުފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމީދޫގައި ސަރުކާރުން ހިންގެވި ތަރައްގީގެ މަޝްރޫއުތަކެއްގެ ނިމުން ފާހަގަ ކުރެއްވުމަށް އެރަށުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާއިރު އެމަނިކުފާނުގެ އަސްލު އިންސާނީ ސޫރަ ދައްކަން ބައެއް މީހުން ގޮވާ ކަމަށެވެ.
"އަޅުގަނޑު ޕޯޑިއަމްތަކުގައި ގަދަފަދަކޮށް ވާހަކަ ދައްކާތީ އަޅުގަނޑާ ދިމާއަށް ބައެއް މީހުން ބުނޭ ރައީސް ޔާމީނުގެ އަސްލު އިންސާނީ ސޫރަ ދައްކަބަލާށޭ. އަޅުގަނޑުގެ އަސްލު އިންސާނީ ސޫރައަކީ ހަތަރު ލައްކަ ދިވެހިރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްގީގެ އައްސޭރިއަށް ދަތުރުކުރާ ރައީސަކީމުއޭ. އަޅުގަނޑުގެ އިންސާނީ ޝުޢޫރު އަންނަނީ އަޅުގަނޑުގެ އިންސާނީ ޝޫޢޫރާއި އިންސާނީ ކުލުނާއި އަޅުގަނޑުގެ ނަފްސުގެ ބަލިކަށިކަން މިއަންނަނީ ހަގީގަތުގައި ރައްޔިތުން ބޭނުންވާ ކަންތައް ރައްޔިތުންގެ ވަލިއްޔުލް އަމްރުގެ ހައިސިއްޔަތުން އެކަންކަންކޮށް ނިންމާފައި،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އަވަހާރަފުޅު ލައްޕަވަންވެސް ޖެހޭނީ އެކަން އެމަގަށް ކުރައްވައިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ފެބުރުއަރީ އެކެއްގެ ކަންތައް ހިނގައި ދިޔައީ އެގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "މިމަހު ތޭވީސް ވަނަ ދުވަހު ނަގާވޯޓުން އަޅުގަނޑު ކާމިޔާބުކޮށްފައިނޫނީ އަޅުގަނޑުގެ އަސްލު ސޫރައެއް ރައްޔިތުންނަކަށް ނުފެންނާނެ،" ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ އަސްލު ސޫރަ ކޮންމެވެސް ވަރަކަށް މިއަދުވަނީ ރައްޔިތުންނަށް ވިދާޅުވެއްދެއްވައިފައެވެ.
"އަޅުގަނޑުގެ އަސްލު ސޫރައަކީ އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑަކީ އަނތްބެއްގެ ފިރިއެއް. އަޅުގަނޑަކީ ދަރިންކޮޅެއްގެ ބައްޕައެއް. އަޅުގަނޑަކީ ރައްޔިތުންނާއެކީ މަސައްކަތްކުރާ މީހަކީމު. އަޅުގަނޑަކީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި އަމާނާތް އާމާނާތްތެރި ކަންމަތީ ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ މީހެއް،" ރައީސް ވިދާޅުވިއެވެ.