ހޭންޑު ސެނިޓައިޒާ އާންމުންނަށް ވިއްކުން އެސްޓީއޯއިން ހުއްޓާލައިފި

ހޭންޑު ސެނިޓައިޒާ އާންމުނަށް ވިއްކުން އެސްޓީއޯއިން ހުއްޓާލައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ އެގޮތަށް ޢަމަލުކުރެއްވީ ޢާއްމުންނަށް ވިއްކާ ވަރަށް ނެތިގެން ނޫންކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ވިއަކަން ފަށައިފިއްޔާ އެންމެ ބޭނުންޖެހޭ ވަގުތު އެ ލިބުން ދަތިވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑޮކްޓަރުން އަބަދުވެސް ބާރު އަޅުއްވާނީ ވީހާވެސް ގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ޢަމްރު ވިދާޅުވީ އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކަނީ ހޮސްޕިޓަލް ފަދަ ތަންތަނުގައި ބޭނުންކުރުމަށް ޚާއްސަ ސެނިޓައިޒާ އެއް ކަމަށެވެ. އެހެންކަމުން އެއްވެސް ދަތިކަމެއްނެތި ހޮސްޕިޓަލް ފަދަ ތަންތަނަށް އެ ލިބޭނެ ކަމަށް ވިދާޅުވިއެވެ. "އެންމެ ރަނގަޅީ ސައިބޯނި ލައިގެން އަތްދޮވުން. އެހެންނަމަވެސް ބައެއް މީހުން ބޭނުންވޭ ގޭގައި ހޭންޑު ސެނިޓައިޒާ ބޭނުން ކުރަން.  އެސްޓީއޯއިން މިގެނެސް ވިއްކާ ހޭންޑު ސެނެޓައިޒަކީ އިންސްޓީޓިއުޝަން ތަކުގައި، ޚާއްސަކޮށް ހޮސްޕިޓަލް ފަދަ ތަންތަނުގައި ބޭނުންކުރާ ހޭންޑު ސެނިޓައިޒާއެއް.  މިފަދަ ބައެއް ތަކެއްޗަކީ ސީދާ އެލިބުން އެންމެ މުހިންމު މީހުންނަށް ލިބެންޖެހޭ އެއްޗެއް،" ޢަމްރު ވިދާޅުވިއެވެ.

ޢަމްރު ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރެން ފެށުމުން އެސްޓީއޯގެ ފާމަސީ ތަކުން ވަރަށްގިނަ ޢަދަދެއްގެ މާސްކު މީހުން ގަންނަން ފެށި ކަމަށެވެ. ދެން ފެނިގެން ދިޔައީ އެސްޓީއޯއިން ދެ ރުފިޔާއަށް ވިއްކަމުން ދިޔަ މާސްކު ފަނަރަ ރުފިޔާއަށް ވިހި ރުފިޔާއަށް އެހެން ފާމަސީ ތަކުން ވިއްކަމުންދިޔަ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.   މިހާރުވެސް އެބަ އާދޭ ދެ ހާސް މާސްކު ތިންހާސް މާސްކު ގަންނަން. ޑޮކްޓަރުން ލަފާ ދެއްވަނީ ބަލިމީހުން މާސްކު އެޅުމަށް. ބަލިވީމަ ބޭނުންކުރާ އެއްޗެއް އެއީ. ރައްޔިތުންނަށް ބޭނުންވާ ވަރަށް  އެސްޓީއޯގައި މާސްކު އެބަހުރި،" ޢަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން މިހާރުވަނީ މާސްކު ވިއްކުން ވެސް ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން މިހާރު މީހަކަށް ވިއްކަނީ ތިން މާސްކެވެ. އަމިއްލަ ބައެއް ފާމަސީތަކުން ވެސް ވަނީ މާސްކު ވިއްކުން ކޮންޓްރޯލް ކޮފައެވެ. އެފަދަ ބައެއް ތަންތަނުން ވިއްކަނީ މީހަކަށް ދިހަ މާސްކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.