އިންޑިޔާއިން ކަޝްމީރަށް އިންޓަނެޓުގެ ޚިދުމަތް އަލުން ދީފި

ސަރުކާރުން ކަޝްމީރުގައި ހިންގާ އިންޓަނެޓް ކެފޭއެއްގެ ބޭރުގައި ބަޔަކު ކިޔު ހަދައިގެން

ކަޝްމީރުގެ އިންޑިޔާ ފަޅިން އިންޓަނެޓުގެ ޚިދުމަތް ކަނޑާފައި އޮންނަތާ ފަސް މަސްދުވަސް ފަހުން އެ ޚިދުމަތް ރޭގެ ވަގުތެއްގައި އަލުން ދީފިއެވެ. އިންޑިޔާއިން ކަޝްމީރަށް ދެމުން އައި އިންޓަނެޓުގެ ޚިދުމަތް ކަނޑައިލީ، އިންޑިޔާގެ ގާނޫނު އަސާސީގައި ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތައް ފާއިތުވި އޮގަސްޓު މަހު ނިގުޅައިގަތުމަށްފަހު، ކަޝްމީރު ރައްޔިތުންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އިންޑިޔާ ސަރުކާރުން އޭރު ބުނީ އެ ފިޔަވަޅުތައް އެޅީ ސަރަހައްދުގެ ސުލްހައާއި، ހަމަޖެހުމަށްޓަކައި ކަމުގައެވެ.

"އަހަރުމެންގެ ބައެއް ޚިދުމަތްތައް މިހާރު ދޭން ފަށައިފިން." ކަޝްމީރަށް އިންޓަރނެޓުގެ ޚިދުމަތް ދޭ، އިންޑިޔާ ސަރުކާރުގެ މުވާސަލާތީ ކުންފުނި، ބާރަތު ސަންޗާރް ނިގާމް ލިމިޓެޑް (ބީއެސްއެންއެލް) އިން ބުންޏެވެ.

ޚިދުމަތް އަލުން ދީފައިވަނީ 2 ހަފުތާގެ މުއްދަތަށެވެ. މި މާރިޗު މަހުގެ 7 ވަނަ ދުވަހާ ހަމައަށް ޚިދުމަތް ފުރިހަމައަށް ދޭން ނިންމިކަން ސަރުކާރުން އެންގި އިރު، ވަކި މުއްދަތެއް ކަނޑައެޅި ސަބަބު ހާމަކޮށްފައި ނުވެއެވެ. ވަކި މުއްދަތެއް ނެތް ގޮތަށް އިންޓަނެޓުގެ ޚިދުމަތް ކަނޑާފައި ނުބޭއްވޭނެ ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ހުކުމެއްގައި ބުނެފައި ވެއެވެ. އަދި އެފަދަ ފިޔަވަޅެއް އެޅުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުން ކަމަށާއި، އެފިޔަވަޅު އެޅި ސަބަބު ސާފުކޮށްދިނުމަށް ކޯޓުން ވަނީ އެދިފައެވެ.

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، ވަޓްސްއަޕާއި، ފޭސްބުކާއި، ޓުވިޓާއާއި، އިންސްޓަގްރާމް ފަދަ މީސްމީޑިޔާގެ ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް މިކަން އަދި ވަގުތީ ކަމަކަށް ވުންވެސް އެކަށީގެން ވެއެވެ. އެއީ، މާރިޗު 17 އަށް ފަހު ޚިދުމަތް ދަމަހައްޓާނެކަމަށް އިންޑިޔާއިން ބުނެފައި ނުވާތީއެވެ.

އިންޑިޔާއިން ކަޝްމީރާއި ދެކޮޅަށް އެޅި މިފިޔަވަޅަކީ ޑިމޮކްރެސީއެއްގައި، ބަޔަކާ ދެކޮޅަށް އެންމެ ދިގު މުއްދަތަކަށް އެޅި މިފަދަ ފިޔަވަޅެވެ. މި ފަޔަވަޅުގެ ސަބަބުން ކަޝްމީރުގައި ދިރިއުޅޭ ހަތް މިލިއަން ރައްޔިތުން އެތައް އުނދަގުލެއް ތަހައްމަލްކުރަން ޖެހުނެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ. ކަޝްމީރު ޗެންބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ބުނި ގޮތުގައި 1 ލައްކަ 50 ހާސް މީހުންގެ ވަޒީފާ ގެއްލުނެވެ. އަދި އިންޓަނެޓުގެ ޚިދުމަތް ދެމުން އައި ފަރާތްތަކަށް 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވިއެވެ.

2014 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެރިކަމަށް ވަޑައިގަތް ފަހުން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި 365 ފަހަރު އިންޓަނެޓު ޚިދުމަތް ކަނޑާފައި ވެއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ފަހަރު ކަނޑާފައި ވަނީ ކަޝްމީރުގައެވެ. އދ. ގެ ތަޖުރިބާކާރަކު ވިދާޅުވި  ގޮތުގައި ސަރަހައްދަކުން ދިގު މުއްދަތަކަށް އިންޓަނެޓުގެ ޚިދުމަތް މެދުކަނޑާލުން ބެލެވޭނީ "ޖަމާއީ އަދަބުދިނުން" ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.