އިންޑީގެ ހަރުކަށި ހިންދޫން އެގައުމުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ދިވެހި ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ކުށްވެރި ނުކުރާތީ ޖުމްހޫރީޕާޓީ (ޖޭޕީ) އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑުވައިޒަރ އަދި ޖޭޕީގެ ކައުންސިލް މެމްބަރ އިލްހާމް އަޙުމަދު ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގަމުން ގެންދާ ޢަމަލުތައް އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ. ހަމައެ ގޮތަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ކުށްވެރިކޮށް އެއްޗެއް ވިދާޅުވާން އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ ރާއްޖޭގެ ބައެއް ކަންކަން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މާތްވެގެން އިސްލާމްދީނާ ދެކޮޅު ހަރަކާތްތަކެއް ރާއްޖޭގައި ހިންގާ ކަމުގެ ތުހުމަތު ކުރެވި އެމައްސަލައާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުމުން ރިޔާސަތުގައި އިންނެވި ރައީސް މުޙައްމަދު ނަޝީދު ވަނީ އެޖެންޑާ ނުކޮށް ބޭރުކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިލްހާމް ވިދާޅުވީ މިސަރުކާރުން ވެސް ކޮންމެ ބަޔަކާމެދު ވެސް އިންސާފުން ކަންކަން ކުރަންޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކީ ދިވެހި ތާރީޚުގައި ވެސް ހިންގާފައިވާ އެންމެބޮޑެތި ޖަރީމާތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެކަންކަން ރަނގަޅަށް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އޭނާއަކީ ރައީސް ޔާމީންގެ ވެރިކަމުގައު އެތައް ދުވަހެއް ވަންދެން ކުޑަގޮޅީގައި އޮތް މީހެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަންކަމަށް ރައީސް ޔާމީނަށް އޭނާ މާފުކޮށްފި ކަމާއި ބޭނުންވަނީ ސުލްހަވެރި އަމާން ގައުމެއް ބިނާ ކުރުން ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ވެސް އިންސާފުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.