މިއީ ޤާނޫނާ ޚިލާފު ވުން ކަމަކަށް ނުވޭބާ؟

"ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު" މިނަން ކިޔާ ޤަނޫނެއް ދިވެހިރާއްޖޭގައި އެބައޮތެވެ. މިއީ އޮވެގެން ނުވާނޭ ޤާނޫނެއް ކަމަށް ނުވަތަ ފޫނުބެދޭ ޤާނޫނެއް ކަމަށް ކިޔައި ބަހުސު ކުރުމަކީ ބޭނުން މީހަކަށް އޮތް ހައްގެކެވެ. އެކަމަކު އެ ޤާނޫނު އުވާނުލައި އޮތްހައި ހިނދަކު އެ ޤާނޫނަށް އަމަލުކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް ލާޒިމު ކަމެކެވެ.

ޤަނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެ ކަމަށެވެ.

އިސްކަންދޭން ކަންތައް ކުރާނޭ ގޮތް އޮތީ މި މާއްދާގެ (ށ) އާއި (ނ) އާއި (ރ) ގައެވެ.

 (ށ) ގައި ބުނެފައި ވަނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތަންތާނގެ ނަން ނުވަތަ ނަމުގެ މާނަ އެތަނެއްގެ ނަމުގެ ތިރީގައި ނުވަތަ ނަމުގެ ވާތްފަރާތުގައި އެހެންބަހަކުން ނުވަތަ ބަސްތަކަކުން ލިޔެފައި ހުރުމަކީ ޤާނޫނު މަނާކުރާކަމެއް ނޫނެކަމުގައެވެ.

(ނ) ގައި ބުނަނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައިވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމުގައެވެ.

(ރ) ގައި ބުނަނީ 5 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށްވުރެ
ބޮޑުވެގެންނުވާނެ ކަމުގައެވެ.

މި ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ދެ ބޭންކެއްގެ ނަން ބޯޑެވެ. އެއް ބޭންކަކީ އަޅުގަނޑުމެންގެ އަމިއްލަ ބޭންކެވެ. ނަންބޯޑު ހުރީ މުޅީން އިނގިރޭސި ބަހުންނެވެ. ވަންނަ ދޮރުމަތީގައި ކުޑަކުޑަ ބޯޑެއްގައި ވަރަށް ކުދި އަކުރުން ތާނައިން ނަން ޖަހާފައި އެބައޮތެވެ. މާލޭގެ އެހެން ތަންތާނގައި ހުރިގޮފިތަކުގައި އެވަރުވެސް ކޮށްފައެއް ނެތެވެ. މިއީ ހަމައެކަނި ބޭންުކްގެ ބޯޑުގެ ވާހަކައެއް ނޫނެވެ. ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑުވެސް ހުރީ މިހެންނެވެ. ބައެއް އިސްކޫލުތަކުގެ ބޯޑުވެސް ހުރީ މިހެންނެވެ. ހަމައެކަނި އިނގިރޭސި ބަހުންނެވެ. އަދި ދިވެހި ބަހުން ނަން އޮތަސް މި ޤާނޫނު ބުނާ ގޮތާ ޚިލާފަށެވެ.

ފޮޓޯއިން ފެނިވަޑައިގަންނަވާ ދެވަނަ ބޭންކަކީ ރާއްޖެއިން ބޭރުގެ ބޭންކެކެވެ. އެތާނގެ ނަން ބޯޑުގައި ބޮޑު އަކުރުން ތާނައިން ލިޔެފައި އެބައޮތެވެ.

ޤަނޫނެއްގައި ކުރުން ލާޒިމުކުރާ ކަމެއް ނުކުރުމަކީ ޤަނޫނާ ޚިލާފުވުން ކަަމަކަށް ނުވާނެތޯއެވެ؟

1 ޚިޔާލު

  1. "އެއް ބޭންކަކީ އަޅުގަނޑުމެންގެ އަމިއްލަ ބޭންކެވެ. ނަންބޯޑު ހުރީ މުޅީން އިނގިރޭސި ބަހުންނެވެ.
    ދެވަނަ ބޭންކަކީ ރާއްޖެއިން ބޭރުގެ ބޭންކެކެވެ. އެތާނގެ ނަން ބޯޑުގައި ބޮޑު އަކުރުން ތާނައިން ލިޔެފައި އެބައޮތެވެ.."

    ގައުމުގެ މީހުންނަށް ހުރިހާ ހަޑިއެއް..ލަދުން ބޯހަލާކުވާވަރު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.