ޖޭޕީން ބޮޑު ޖަލްސާއަކަށް ތައްޔާރުވަނީ

،ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު

ޖުމްހޫރީޕާޓީ (ޖޭޕީ) އިން  ބޮޑު ޖަލްސާއަކަށް ތައްޔާރުވަމުންދާ ކަމުމުގެ މަޢުލޫމާތު ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗު މަހު 13 ވަނަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައެވެ.

މިޖަލްސާއަށް މާލެއާއި އެކިރަށްރަށުގައިތިބި ޖޭޕީގެ މެމްބަރުންގެ އިތުރުން އެޕާޓީއަށް ތާއިދުކުރާ މީހުން ވެސް ބައިވެރިވާނެއެވެ. މިއީ ޖުމްހޫރީޕާޓީން ފަހަކަށް އައިސް މިހާފުޅާކޮށް މިފަދަ ޖަލްސާއެއް ބާއްވާ ފުރަތަމަފަހަރެވެ. އެ ޕާޓީގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ އެޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައެވެ. "ތޭރަވަނަ ދުވަހު އޮންނަނަ ޖަލްސާއަކީ ބިޔަބޮޑު ޖަލްސާއަކަށް ވެގެންދާނެ އިރާދަ ކުރެއްވިއްޔާ،" އެޕާޓީގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ޖުމްހޫރީޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެންމެ ވަރުގަދަ ޕާޓީއެވެ. އެޕާޓީގެ ގިނަ މެމްބަރު ގެންދަވަނީ ސަރުކާރުގެ ސީނިއަރ މަގާމްތައް ފުރުއްވަމުންނެވެ. ރާއްޖޭގެ ނާއިބު ރައީސް ފައިސަލް ނަސީމަކީ ވެސް ޖޭޕީގެ ބޭފުޅެކެވެ. ޓޫރިޒަމް މިނިސްޓަރަ އަލީ ވަހީދަކީ ޖޭޕީގެ ނާއިބު ރައީސެވެ. ހެލްތު މިނިސްޓަރައި، ޓުރާންސްޕޯޓު މިނިސްޓަރާއި، ކޮމިޔުނިކޭޝަން މިނިސްޓަރަކީ އެޕާޓީގެ ބޭފުޅުންނެވެ.

މިދުވަސްވަރަކީ ކޯލިޝަން ރޫޅާލައިގެން ނޫނީ ތަރައްގީގެ ދުވެލި ބާރުކުރެވެންނެތް ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގައި އަޑު އުފުލަމުން ގެންދާ ދުވަސްވަރެކެވެ. އެގޮތުން ބައެއް މިނިސްޓަރުންގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ. މިޖަލްސާގެ މައިގަނޑު ބޭނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަހަތްޕުޅުގައި ޖޭޕީއޮތް ކަން ހާމަކުރުމާއި، ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭން ފެށުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.