ސައުވީސް ގަޑިއިރު ޚިދުމަތްލިބޭ ޑިޖިޓަލް ސެންޓަރެއް އުރީދޫންއިން ގާއިމްކޮށްފި

ސައުވީސް ގަޑިއިރު ޚިދުމަތްލިބޭ ޑިޖިޓަލް ސެންޓަރެއް އުރީދޫންއިން މިއަދު ގާއިމްކޮށްފިއެވެ. މިއީ ޑިޖިޓަލް ދިވެހިރާއްޖޭގެ ތަސައްވުރާއި އެކު އުރީދޫ އިން ކުރަމުންދާ ގިނަގުނަ މަސައްކަތްތަކުގެ ދަށުން ހުޅުވި ސެންޓަރެކެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމް ބައްލަވައިގަނެވޭނެއެވެ.

މިއީ، ދިވެހިރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ. ހަމައެހެންމެ، މި ސެންޓަރު މެދުވެރިކޮށް، ބިލައް ފައިސާ ދައްކައި، ރީޗާޖްކޮށް، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.

"ދުވަހުން ދުވަހަށް ޑިޖިޓަލް ވަމުންދާ ދުނިޔެއްގައި، އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވަނީ އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް. އުރީދޫ ޑިޖިޓަލް ސެންޓަރ މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފަސޭހަވެގެންދޭ. މިގޮތުން، ބޭނުން ކޮންމެ ވަގުތެއްގައިވެސް އުރީދޫގެ ސިމެއް ބައްލަވައިގަނެ، ރާއްޖޭގެ އެންމެ ފުރިހަމަ 4ޖީ+ ނެޓްވަރކުގައި އަޅުގަނޑުމެން ފޯރުކޮށްދޭ ތަފާތު އަދި އުފެއްދުންތެރި ޚިދުމަތްތައް ބޭނުން ކުރަން ފެށޭނެ." އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ކިންގް ސަލްމާން މިސްކިތް ކުރިމަތީގައި ގާއިމްވެފައިވާ މި ޑިޖިޓަލް ސެންޓަރުން 24 ގަޑިއިރު ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ލިބިގެންދެއެވެ. މީގެތެރޭގައި:

ޕްރީޕެއިޑް ސިމް ކާޑު ބައްލަވައިގަތުން

ބިލަށް ފައިސާ ދެށްކުން

ރީޗާރޖްގެ ޚިދުމަތްތައް

އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް

އުރީދޫގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕަރ އެޕް، އުރީދޫ އެޕް މެދުވެރިކޮށް ސައުވީސް ގަޑިއިރުގެ ކަސްޓަމަރ ސާރވިސްގެ ޚިދުމަތުގެ އިތުރުން އެމް-ފައިސާގެ ޚިދުމަތްތައް އަދި އީ ކޮމަރސް ޕްލެޓްފޯރމް، މޫލީގެ ޚިދުމަތްތައްވެސް ލިބިވަޑައިގަންނަވާނެއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރ އިފްތިތާޙް ކޮށްދެއްވީ އެކުންފުނީގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން އެވެ. މި ހަފްލާގައި އެކުންފުނީގެ ބޯޑް ޑައިރެކްޓަރުން ކަމަށްވާ، އަލްއުސްތާޛާ ދީނާ ހުސައިން، ޑރ. އ. ހާމިދު މުހައްމަދު އ. މަރާފީ، ޙާލިދު ހުސައިން މ. އަލް-ހަމާދީ، އަހްމަދު ޒުހޫރު އަދި ސުރޭޝް ކަލްޕަތީ ޗިދަމްބަރަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.