މިޤައުމުގެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގެ ހިތްވަރު އެބަހުރި: ޢަބްދުއްރަހީމް

ކުޑަހުވަދޫން ހަވާލުކުރި ޕެޓިޝަނާ ހަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް

މިޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމުގެ ހިތްވަރާއި ޢަޒުމް ޕީޕީއެމް/ޕީއެންސީގައި އެބަހުރި ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ބޭއްވެވި އެޕާޓީގެ "މަގޭ ރާއްޖެ" ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު މިރާއްޖޭގެ ކަންކަން ވަނީ ފާލުންނެއްޓިފައި ކަމަށާއި އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ރައްޔިތުންތިބި އިތުބާރުގެއްލި ނާއުންމީދު ވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރާއްޖެއިން ބޭރުގެ ޖަމާއަތްތައް ގެނެސްގެން ރާއްޖޭގައި ލާދީނިއްޔަތު ފެތުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވައިފި ކަމަށްވާނަމަ އެފަދަ ވޯކްޝޮޕްތައް ރަށްރަށުގެ ބޭއްވުމުގެ ފުރުސަތު އެމީހުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އޭނާ ވިދާޅުވީ ރައީސް ޔާމީން މިޤައުމަށް ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތް ރައްޔިތުން މިއަދު ހަނދާކުރާ ކަމަށެވެ. އެހެންނަމަވެސް ރޭގެ ޖަލްސާގައި އެމަނިކުފާނު ނެތުމަކީ ބޮޑު މަސައްކަތަކަށް ނުކުމެތިބި އިރު ވަރަށްބޮޑު ފަޅުކަމަކަމާއި ހިތްދަތިކަމެއް ލިބުނު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައިސް ޔާމީނަށްވުރެ ބޮޑަށް ރައްޔިތުންގެ ހިތުން ލޯތްބާއި އިހްތިރާމް ހޯއްދެވި ރައީސަކު ދިވެހިރާއްޖޭގެ ތާރީޚުގައި ވެރިކަމަށް ވަޑައި ނުގަންނަވާ ކަމަށެވެ. އެހެންނަމަވެސް މިއަދު އެމަނިކުފާނު ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމުން ރައްޔިތުން ގިސްލައި ހިތާމަ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ވަޑައިގެންނެވުމުން ރައީސް ޔާމީންގެ ޙާލުކޮޅު އައްސަވާ ރައްޔިތުން ވަރަށްގިނަ ކަމަށެވެ. ޙާލުކޮޅު އެއްސެވުމަށްފަހު އެކަމާ ހިތާމަކުރާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕާޓީއާއި އެހެން ކަންކަމަށްވުރެ ކޮންމެ ރައްޔިތަކުވެސް އިސްކަންދޭން ވަނީ ޤައުމާއި، އިސްލާމްދީނާއި މިނިވަންކަން ހިމާޔަތްކޮށް ސަލާމަތް ކުރުމަށް ކަމަށެވެ. ޤައުމު މިހާރުއޮތް ޙާލަތުން ރަނގަޅު އެހެން ހާލަތަކަށް ބަދަލުކުރުމަށް ޕީޕީއެމް/ޕީއެންސީގެ ބިޔަ ލަޝްކަރުން ކުރަމުންދާ މަސައްކަތްތައް ފެނިވަޑައިގެންނެވުމުން ރައީސް ޔާމީންގެ ލޯފުޅުން އުފާވެރިކަމުގެ ކަރުނަ ފޮދު އަންނާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.