ޢުމުރުން 16 އަހަރުގެ އަންޖެހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ބަނގްލަދޭޝް ފިރިހެނަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ހިނގި މިހާދިސާއާ ގުޅިގެން ބަންދުކޮށްފައިވަނީ ޢުމުރުން 34 އަހަރުގެ މީހެކެވެ.
މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމައްސަލައާ ގުޅިގެން ބަނގްލަދޭޝް މީހާ ބަންދުކުރީ މިއަދުއެވެ. އޭނާ ބަންދުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަ ބައްލަވަމުން ގެންދަވާ ކަމަށެވެ. ފަހަކަށް އައިސް ރާއްޖެގައި ހިނގާ މިފަދަ މައްސަލަތައް ވަނީ ފުލުހަށް ނުވަތަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުން އިތުރުވެފައެވެ. އެއީ މިފަދަ ކަންކަން ހުއްޓުވުމަށް ލިބިގެންދާ ބާރެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.