އުމުރުން 14 އަހަރުގެ އެންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ބަންދުކޮށްފައިވާ ސިފައިންގެ މީހާ ރޭ ސަސްޕެންޑު ކޮށްފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެ ކަމާގުޅިގެން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ މައުލޫމާތު ފުލުހުން ރޭ 8:00 ގައި ހިއްސާރެއްވުމާއެކު އެމްއެންޑީއެފްގެ ގަވާއިދުގެ ތެރެއިން ކަމާބެހޭ ކޮމިޓީ ބާއްވައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތުން ފެށިގެން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ސިފައިންގެ ދެ މީހަކު ބެހުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވުމުން އެއީ ކޮންބައެއްތޯ އޮޅުންފިލުވަން އޭނާ އާ ސުވާލު ކުރެއްވި ކަމަށެވެ. ޖަވާބުގައި އެކަން އެނގޭނީ ފުލުހުންނަށް ކަމަށް އޭނާ ވިދާޅުވި ކަމަށް އެމްއެންޑީއެފުގެ ބަޔާނުގައި ވެއެވެ.
"ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕުކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު ވިދާޅުވުމާ ގުޅިގެން އެމެމްބަރު އެވިދާޅުވަނީ ކޮން ސިފައިގެން މީހެއްގެ ވާހަކަތޯ ހޯދަން އެ އިއްޒަތްތެރި މެމްބަރުގެ އަރިހުން އެދުނީމެވެ. އެ ސިފައިންގެ ދެމީހުންނަކީ ކޮންބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް ވިދާޅުވުމުން މިފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ ދެމީހަކު ވާނަމަ އެބަޔާކާ ގުޅޭ މައުލޫމާތެއް ދެއްވުމަށް ފުލުހުންގެ އިދާރާގައި" އެދުނު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ރޮޒައިނާ އާދަމް ވިދާޅުވީ ސިފައިންގެ ދެމީހެއްގެ ވާހަކަ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް ދެވަނަމީހަކު އެކަމުގައި ބައިވެރިވެފައިވާކަން ނުވަތަ ނޫންކަން އަދި އެމައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ ކޮންއިރު ކަމެއްވެސް ފުލުހުން ހިއްސާކުރެއްވި މައުލޫމާތުން ސާފުނުވާ ކަމަށް އެމްއެންޑީއެފުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މެމްބަރ ރޮޒައިނާ އާދަމަށް އެމައުލޫމާތު ލިބިވަޑައިގަތުމާއެކު އެމްއެންޑީއެފަށް އެމައުލޫމާތު ހިއްސާ ކުރެއްވިނަމަ ވަގުތުން އެމީހުންނާމެދު ފިޔަވަޅު އެޅުނީސް ކަމަށް އެބަޔާނުގައި ވެއެވެ. އަދި ފުލުހުން ވެސް ސިފައިންގެ މީހަކާބެހޭ އެފަދަ މައްސަލައެއް ބައްލަވަމުންދާ ކަމުގެ މައުލޫމާތު ހިއްސާ ކުރެއްވިނަމަ ހަމަ އެގޮތަށް އަމަލުކުރެވުނީސް ކަމަށް ވިދާޅުވެފައިވެއެވެ.
އެމައުލޫމާތު ކުރިން ހިއްސާ ކޮށްފައިނުވާތީ އެކަމާ ހިތާކުރައްވާ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.