އިންޓަރނެޓްގެ އަގު ހެޔޮނުވުމާއި ފެންވަރު ދަށްވުމުގެ މަސައްލަ މަޖިލީހުން ބަލާ ދިރާސާ ކުރުމަށް ގޮވާލައިފި

ރާއްޖޭގައި އިންޓަރނެޓްގެ ޚިދުތަތުގެ އަގު ހެޔޮނުވުމާއި ފެންވަރު ދަށްވުމުގެ މަސައްލަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބަލާ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ގޮވާލައްވައިފިއެވެ. މެމްބަރ ސަލީމް މިކަމަށް ގޮވާލައްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި އިންޓަރނެޓްގެ އަގު ބޮޑުވުމާއި ޚިދުމަތުގެ ފެންވަރުދަށްވުމަކީ ވަރަށް ގިނަބައެއްގެ ޝަކުވާއެއްކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސާލީމް ފާހަގަ ކުރެއްވިއެވެ.

"ރެގިއުލޭޓްރީ އޮތޮރިޓީއެއް ހުރެމެ އަދި ކަމާބެހޭ މިނިސްޓްރީއެއްވެސް ހުރެމެ، އެންމެ ދެކުންފުނި ރެގިއުލޭޓްކުރުމުގެ ޒިންމާ އޮވެމެ، އަޅުގަނޑުމެން އުއްމީދު ކުރާ ކޮލިޓީގައި، އުއްމީދު ކުރާ ފެންވަރުގައި، އުއްމީދު ކުރާއަގުގައި، އެޚިދުމަތް ލިބިގެން ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް އަދި އަޅުގަނޑުމެން ދިރާސާކުރަންޖެހޭ ކަމެއް" މެމްބަރ ސަލީމް ވިދާޅުވިއެވެ.

އިންޓަރނެޓްގެ ޚިދުތަތުގެ އަގު ބޮޑުވުމާއި ފެންވަރު ދަށްވުމުގެ މަސައްލަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ބަލައި ވަމުންދާ ގޮތް ރައްޔިތުންނަށް ސާފުކޮށް ދޭންޖެހޭ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

މުޢާސާލާތީ ޚިދުމަތަކީ ވެސް އަސާސީ ޚިދުމަތެއްގެ ގޮތުގައި އާއްމު އުޞޫލުގެ ތެރެއިން މުޅިދުނިޔެ ބަލައިގެންފައިވާކަމަށް މެމްބަރ ސަލީމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެފަދަ ޚިދުމަތްތައް ރެގިއުލޭޓްކުރުމަށް ޤާނޫނެއްގެ ދަށުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއެއް އުފެދިގެންދާއިރު މުޢާސާލާތީ ޚިދުމަތައްވެސް ރެގިއުލޭޓް ކުރުން އަންނަނަ ޖެހޭނީ އެއޮތޯރިޓީގެ ދަށަށް ކަމަށް ދެކެވަޑައިގަންނަވާކަމަށް ސަލީމް ވިދާޅުވިއެވެ. ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ނަމުގައި ހަމައެކަނި މުޢާސަލާތީ ޚިދުމަތް ރެގިއުލޭޓްކުރުމަށް ވަކި އޮތޯރިޓީއެއް ހުންނަން ނުޖެހޭކަން ވެސް މިނިސްޓަރ ސަލީމް ފާހަގަ ކުރެއްވިއެވެ. މިކަމުގެ ސަބަބުން ޚަރަދު ކުޑަވެގެން ދާނެކަމަށް ވެސް ސަލީމް ފާހަގަ ކުރެއްވިއެވެ. ގޭހުގެ ޚިދުމަތްވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ދަށަށް ގެންނައުމަށް އޭނާ ގޮވާލެއްވިއެވެ.

"ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީއެއް ހެދިޔަސް އަދި ކޮމިޔުނިކޭޝަން އޮތޯރިޓީ އެއް ހެދިޔަސް އަދި މިނިސްޓްރީއެއް ހެދިޔަސް އަދި މަޤްޞަދުތަކުގެ ތެރޭގައި ޚިދުމަތުގެ އަގުހެޔޮކުރުން ހިމެނިޔަސް، ހަމަހަމަ ކަމާއި އިންސާފާއި މިހުރިހާ ކަމެއް ލިޔުނު ކަމުގައިވިއަސް، އެކަންކަން އެގޮތަށް ވަމުންދާތަން ފެނުން، ނުފެނުން އެއީ އަދި މުޅިން އެހެން ކަމެއް. އޭގެ އެންމެ ރަނގަޅު މިސާލަކީ އިންޓަރނެޓްގެ އަގުހެޔޮވެގެން ދާތަން ރާއްޖޭގައި ނުފެނުން." ސަލީމް ވިދާޅުވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލަކީ އަސާސީ ޚިދުމަތްތައް ރެގިއުލޭޓްކުރުން އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ވަކި ކުންފުޏެއް އުފެއްދުމަށް ހުށަހަޅައިފައވާ ބިލެކެވެ. މި ބިލްގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ މި ބިލްގެ ސަބަބުން ފެންވަރު ރަނގަޅު އަސާސީ ޚިދުމަތް، އަތްފޯރާފަށުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމުގައ ޔަޤީންކަން ލިބިގެންދާނެކަމަށެވެ. ބައެއް މެމްބަރުން ވިދާޅުވީ މިދަފަ އަސާސީ ޚިދުމަތްތައް ރެގިއުލޭޓްކުރުންވެސް ލާމަރުކަޒީ ކުރުމަކީ ރައްޔިތުންނަށް މާފައިދާ ބޮޑުވާނެކަމެއްކަމަށެވެ. ރައްޔިތުންނާ ގާތުން އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނީ އެގޮތުން ކަމަށް މިޚިދުމަތް ލާމަރުކަޒީ ކުރުމަށް ތާއީދު ކޮށް ވާހަކަ ދެއްކެވި މެމްބަރުން ފާހަގަ ކުރެއްވިއެވެ.

ޔުޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފެވެ.

1 ޚިޔާލު

  1. ކުރަންވީ ކަމަކީ ސަރުކާރާއި އަމިއްލަ ފަރާތް ތަކުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރެއް ކަނޑައަޅަންވީ. ހަމަ އެކަނި އިންޓަރނެޓެއްނޫން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.