އަންހެން ކުޖަކަށް ޖިންސީގޯނާކުރި ދޮންބައްޕަ ބަންދުކޮށްފި

ޢުމުރުން ސާތަރަ އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާކުރަމުންދާތީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެރޭ 9:20 އެހައިކަންހާއިރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއް ހޯދައިގެން އެމީހާ ބަންދު ކޮށްފައިވަނީ މިއަދު ހެނދުނު 9:50 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޙާދިސާގައި ބަންދުކޮށްފައިވަނީ ޢުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެވެ. މިޙާދިސާ ހިނގާފައިވަނީ ނޯތު ސެންޓްރަލް ޕޮލިސް ހިމެނޭ ޒޯންގައެވެ.

މި މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުން ފަދަ ކަންކަން މިރާއްޖޭގައި މިހާރުވަނީ ވަރަށް ބޮޑަށް ތިލަވެފައެވެ. އެންމެ ބޮޑަށް ފާހަގަ ކޮށްލެވިފައިވަނީ ޢުމުރުން ދެ އަހަރު އަންހެން ކުއްޖަކު ކަނޑުހުޅުދޫގައި ރޭޕްކުރި މައްސަލައެވެ. އެ ތުއްތު ކުއްޖާ ރޭޕްކޮށްފައިވަނީ އޭނާގެ ކާފައާއި މުނިކާފައެވެ.

އެ މައްސަލަގައި ކުއްޖާގެ ބައްޕައާއި މަންމަގެ މައްޗަށް ދަޢުވާކޮށްދިނުމަށްވަނީ ފޮނުވައިފައެވެ. އެމީހުންގެ މައްޗަށް ކޮށްފައިވަނީ ކުއްޖާއަށް އިހުމާލުވި ކަމުގެ ދަޢުވާއެވެ.

ކުއްޖާއާ ބެހުނު މައްސަލައިގެ ޝަރީޢަތް ވެސް މިހާރުވަނީ ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.