މިއީ ޢަބްދުﷲ ފާރޫޤް ޙަސަން ލިޔުއްވައިފައިވާ "ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް" މި ފޮތުން ނަގައިފައިވާ ލިޔުމެކެވެ.
މިޒަމާނޭބުނުމުން މުރާދުވެވެނީ ކޮންދުވަސްވަރެއްތޯ މިއީ ވަރަށް ޢާއްމުސުވާލެކެވެ. މިސުވާލަށް ދެވޭ އެންމެ މަޤްބޫލު ދެ ޖަވާބުގެ ތެރެއިން އެއްޖަވާބަކީ މިޒަމާނަކީ ފަންނީ ހުނަރުވެރިކަމުގެ އާދަޔާޚިލާފު ތަރައްޤީގެ ޒަމާނޭ ދެންނެވުމެވެ. ދެވަނަ ޖަވާބަކީ މިޒަމާނަކީ ގްލޯބަލައިޒޭޝަންގެ ޒަމާނޭ ދެންނެވުމެވެ. މި ދެޖަވާބަކީ ޢާއްމު ނަޒަރަކުން ބަލާއިރު ރަނގަޅު ދެޖަވާބު ކަމުގައިވިޔަސް "މިޒަމާނުގެ" އަޞްލު ޙަޤީޤަތް ދެނެގަތުމަށްޓަކައި އެނަޒަރިއްޔާތަކެއްގެ ސަބަބުން "މިޒަމާން" އުފެދިގެން އައި ނަޒަރިއްޔާތަކާއި ފިކުރުތަކާއި ޚިޔާލާތުތައް ކިރައި ވަޒަންކުރާން ޖެހެއެވެ.
މިގޮތުން މިޒަމާނުގެ އަޞްލު ކަމުގައި ބެލެވޭ ފިކުރުތަކާއި ނަޒަރިއްޔާތައް އެކި އަރިއަރިމަތީން ބަލައިލާއިރު، އެ ނަޒަރިއްޔާތަކުގައި ހުރި ޚިލާފުތަކާއެކުވެސް، އެނަޒަރިއްޔާތައް ޤަބޫލުކުރާ މީހުން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. ސާދާ ޢިބާރާތުން ދަންނަވާނަމަ އެކަމަކީ ޣައިބަށް އިންކާރުކުރުމޭ ދެންނެވިދާނެއެވެ. ޣައިބަށް އިންކާރުކުރުމުގެ ފިކުރު އުފެދިގެން އައީ ބައެއްމީހުން ބުނާގޮތުގައި "ސައިންޓިފިކު ވިސްނުމުގެ" ސަބަބުންނެވެ. ސައިންޓިފިކު ވިސްނުން ނުވަތަ ސައިންޓިފިކު މެތަޑުގެ އަޑުއަރުވާ މީހުން ބުނާގޮތުގައި ޙަޤީޤަތަކީ ހަމައެކަނި އިންސާނާއަށް އޭނާގެ ޙިއްސުތަކުގެ އެހީގައި ހޯދައިގަނެވޭ ކަންކަމެވެ. އިންސާނާގެ ލޮލަށް ފެންނަ ކަންކަމެވެ. ކަންފަތަށް އަޑުއިވޭ ކަންކަމެވެ. ނޭފަތަށް ވަސްދުވާ އެއްޗެއްސެވެ. އޭނާއަށް ލަންސުވާ އެއްޗެއްސެވެ. މިސިފަތައްނެތް ކޮންމެ އެއްޗަކީ ނުވަތަ ކަމަކީ ޙަޤީޤަތެއްނެތް އެއްޗެކެވެ. ނުވަތަ ކަމެކެވެ. ވަހުމީ ކަމެކެވެ. ޚިޔާލީ އެއްޗެކެވެ. އެހެންކަމުން މިޒަމާނުގެ "ޒަމާނީ މީހުން" މިޒަމާން ސިފަކުރަނީ "ސައިންޓިފިކު ވިސްނުމާ އެއްގޮތަށް އިންސާނީ ދިރިއުޅުން ރާވައި ހަމަޖެއްސުމުގެ ދުވަސްވަރު" ކަމުގައެވެ.
ޒަމާނީ ވިސްނުމުގެ މީހުން އެބައިމީހުން ގޮތް ކަމުގައި އެބުނާ ޣައިބަށް އިންކާރުކުރުމުގެ ވިސްނުމަކީ އެއްކޮޅުން ބަލާއިރު މިހާރުގެ ޢިލްމީ ޙަޤީޤަތްތަކާ ފުށުއަރާ ކަމެކެވެ. އަނެއްކޮޅުން ބަލާއިރު އެއީ ނަބީބޭކަލުން ދެއްވި ފިލާވަޅުތަކާ ދެކޮޅަށް ޖަހާ ގޮންޖެހުމެކެވެ. އެހެނީ ނަބީބޭކަލުން ދެއްވި ތަޢުލީމުގެ ތަރަހައަކީ ޣައިބަށް އީމާންވުމެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم އެކަލޭގޭފާނުގެ ބަސްފުޅާއި ޢަމަލުފުޅުން އުންމަތަށް ދެއްވައިފައިވާ އިރުޝާދުތަކުން އަޅުގަނޑުމެންނަށް މިޒަމާނުގެ މި ގޮންޖެހުމުގެ ފުރިހަމަ ޖަވާބު ލިބެއެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާއަށް އީމާންވާ އެކަލޭގެފާނުގެ އުންމަތުގެ ވާޖިބަކީ މިޒަމާނުގެ ޒަމާނީ މީހުންގެ މި ގޮންޖެހުން ޤަބޫލުކުރުމެވެ. މިހާރަކަށް އައިސް ޢާއްމުންގެ އެތައް ބަޔެއްގެ ގާތުގައި މަޤްބޫލުކަން ހޯދައިފައިވާ މި މަގުފުރެދުމުން އިންސާނިއްޔަތު ސަލާމަތްކޮށްދިނުމެވެ.
ޣައިބަށް އިންކާރުކުރާ މީހުންގެ މިކުށް ދަޢުވާއާ ދެކޮޅަށް މިޒަމާނުގައި ހެކިދެއްކުމުގެ އިތުބާރުހުރި ވަސީލަތެއް ކަމުގައި ޤަބޫލުކުރެވިފައިވާ ބުއްދީގެ ހެކިތަކުންނާއި ވަސީލަތްތަކުގެ ޒަރީޢާއިން ހޯދާ ހެކިތަކުންނާއި، ނަޤްލީ ދަލީލުތަކުންވެސް ހެކިދެއްކޭން އެބައޮތެވެ. ނަމަވެސް އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ "ޣައިބުގެ" މުރާދަކީ ކޮބައިތޯ ބަލައިލުމެވެ.
ޣައިބުގެ މަފްހޫމު
ކީރިތި ޤުރްއާނުގެ ސޫރަތުލްބަޤަރާގެ އެންމެކުރީ ކޮޅުގައި އެފޮތުގެ ހިދާޔަތު ލިބޭ މީހުންގެ ސިފަތައް ބަޔާންކުރައްވައިފައިވާއިރު އޭގެތެރޭގައި ޣައިބަށް އީމާންވުން ހިމެނެއެވެ. އަރަހުށި މާތް اللّه ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"ذَٰلِكَ الْكِتَابُ لاَرَيْبَ فِيهِ هُدًى لِّلْمُتَّقِينَ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلاَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَاأُنزِلَ مِن قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ وَأُولَـٰئِكَ هُمُ الْمُفْلِحُونَ" (البقرة:5-2)
"މިއީ އެފޮތެވެ. އެފޮތާމެދު ޝައްކެއްނެތެވެ. (މިފޮތަކީ) ތަޤްވާވެރީންނަށް ހުރި ހިދާޔަތެކެވެ. އެއުރެންނީ، ޣައިބަށް އީމާންވާ، އަދި ނަމާދު ޤާއިމުކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތީން ހޭދަކުރާ މީހުންނެވެ. އަދި، އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވައިފައިވާ ފޮތަށާއި، ކަލޭގެފާނުގެ ކުރީން ބާވައިލައްވައިފައިވާ ފޮތްތަކަށް އީމާންވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ އާޚިރަތްދުވަހާ މެދުގައި ޔަޤީންކުރާ މީހުންނެވެ. އެއުރެންވަނީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައި ތެދުމަގުގެ މަތީގައެވެ. އަދި ދިންނަވާނެ މީހުންނީ، ހަމަ އެއުރެންނެވެ."
އިސްވެދިޔަ އާޔަތްތަކުގައި ހިދާޔަތު ލިބުމުގެ ހަ ޝަރުޠެއް ވަނީ ބަޔާންކުރައްވައިފައެވެ. އެއީ، ތަޤްވާވެރިވުމާއި، ޣައިބަށް އީމާންވުމާއި، ނަމާދު ޤާއިމުކުރުމާއި،اللّهދެއްވައިފައިވާ ރިޒްޤުން ޚަރަދުކުރުމާއި،اللّه ބާވައިލެއްވި ފޮތްތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމެވެ.
އިސްވެދިޔަ އާޔަތްތައް ޝަރަޙަކުރައްވަމުން سيّد أبوالأعلى مودودى ލިޔުއްވައިފައިވާ ގޮތުގައި ޣައިބަކީ އިންސާނާގެ ޙިއްސުތަކަށް ވަންހަނާ ކުރައްވައިފައިވާ ޙަޤީޤަތްތަކެވެ. އެ ޙަޤީޤަތްތައް ޢާއްމު އިންސާނަކަށް ލޮލުންދެކެ، އަތްލައި ބަލައެއް ނެހެދޭނެއެވެ. މިސާލެއްގެގޮތުން އަރަހުށި މާތް اللّهގެ ޒާތުފުޅާއި، އެކަލާނގެ ސިފަފުޅުތަކާއި، މަލާއިކަތުންނާއި، ވަޙީއާއި، ނަރަކައާއި ސުވަރުގެއާ މިނޫންވެސް މިފަދަ ކަންކަން ލޮލަށްފެނި ލަންސުވުމަކާ ނުލައި، ހަމައެކަނި ނަބީބޭކަލުން އެކަންކަމުގެ ޚަބަރުދެއްވައިފައިވާތީ ޤަބޫލުކޮށް ކަށަވަރުކުރުމަކީ ޣައިބަށް އީމާންވުމެވެ. ކީރިތި ޤުރްއާނުން ފައިދާ ޙާޞިލުކުރެވޭނީ މިދެންނެވި ލަންސު ނުކުރެވޭ ޙަޤީޤަތްތައް ޤަބޫލުކުރަން ތައްޔާރަށް ތިބޭ މީހުންނަށެވެ. އެކަންކަން ޤަބޫލުކުރުމަށްޓަކައި އެކަންކަން ލަންސުވުން ޝަރްޠުކުރާ މީހަކަށް އެފޮތަކުން ތެދުމަގެއް ނުލިބޭނެއެވެ." (ތަފްހީމުލް ޤުރްއާން)
ޣައިބަށް އިންކާރުކުރާ މީހުންގެ ދަޢުވާ
ޣައިބުގެ މަފްހޫމު އޮޅުންފިލުމާ ވިދިގެން ދެން އުފެދޭ ސުވާލަކީ ޣައިބަށް އިންކާރުކުރާ މީހުން އެބައިމީހުންގެ ދަޢުވާ ސާބިތުކުރުމަށް ދައްކާ ހެއްކަކީ ކޮބައި ހެއްޔެވެ؟ މިސުވާލެވެ. މިސުވާލާމެދު ފިކުރު ހިންގައިލުމުން ބަޔާންވެ އެނގެނީ އެބައިމީހުންގެ އަތުގައި އެކަމުގެ ހެއްކެއް ނެތްކަމެވެ. އެބައިމީހުން ކުރަނީ ހުސް ދަޢުވާއެއްކަމެވެ. އާދެ، އެބައިމީހުން ބުނަނީ "ޣައިބުގައިވާ ކަންތައްތައް (މިސާލަކަށް: ކަލާނގެ ޒާތުފުޅާއި، މަލާއިކަތުންނާއި، ނަރަކައާއި، ސުވަރުގެ) އަހަރެމެންނަކަށް ލަންސެއްނުވެއެވެ. އެހެންކަމުން އެކަންކަމަކީ، ވާކަންކަމެއް ނޫނެވެ."
ޣައިބަށް އީމާންނުވާ މީހުންގެ މި ދަޢުވާއާ ދެކޮޅަށް ހެކިދައްކަން ވިސްނައިލާއިރު، ކަލަކު ވޮޑިގެންވާކަމުގެ ހެކި ދެއްކުމަކީވެސް އެހެނިހެން ކަންކަމުގެ ހެކި ދެއްކުމުގެ އެކަށޭނަކަން އޮތް މިންވަރަށް އެކަމުގެ އެކަށޭނަކަން އޮތް ކަމެކެވެ. ތާރީޚުގެ ހުރިހާ ދައުރުތަކެއްގައިވެސް، އިންސާނުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް، ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަނީ އެހެންވެގެންނެވެ. ކަލަކު ވޮޑިގެންވާކަމަށް އިންސާނުންގެ އަޣުލަބިއްޔަތު އިންކާރުކުރި އެއްވެސް ދައުރެއް، ތާރީޚު ދެކެފައެއް ނުވެއެވެ. ނަމަވެސް، މިޒަމާނަކަށްއައިސް، ބައެއް މީހުން ކަލަކު ވޮޑިގެންވާކަމުގެ ޢަޤީދާއަކީ، އެއްވެސް ބިންގަލެއްނެތް ޢަޤީދާއެކޭ ބުނެލަން ފަސްނުޖެހޭކަން ހާމަކުރަނީއެވެ. ކަލަކު ވޮޑިގެންވާކަމުގެ އެއްވެސް ޢިލްމީ އަދި ޢަޤްލީ ދަލީލެއް ނެތޭ ބުނަންކެރޭކަން ހާމަކުރަނީއެވެ. ޣައިބަށް އީމާންނުވާ މީހުންނަށް މިހެން ބުނަންކެރުނީ ސައިންޓިފިކު ވިސްނުމުގެ މީހުން އުފެއްދި އާ ނަޒަރިއްޔާއެއްގެ ސަބަބުންނެވެ.
މީލާދީން ނަވާރަވަނަ ސައްތައިގައި ކަމެއް ސާބިތުކުރުމަށް އެކަށައެޅުނު އާގޮތަށް، ނަންދީފައިވަނީ ސައިންޓިފިކް ގޮތުގެ (Scientific Method) ނަމުންނެވެ. އެގޮތުގައި އެއްޗެއް ނުވަތަ ކަމެއް ވަޒަންކުރެވެނީ، ލޮލަށް ފެންނަ ނުވަތަ ތަޖުރިބާކުރެވުމުގެ އެކަށޭނަކަން ލިބިފައިވާ ވާޤިޢާތަކެއްގެ އަލީގައެވެ. މިގޮތް ޢާއްމުވުމަށްފަހު، އިންސާނުން ވަނީ ވަރަށްގިނަ އާކަންތައްތަކެއް ހޯދައިފައެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ، ސޯލާ ސިސްޓަމާބެހޭ ތަފްޞީލީ މަޢުލޫމާތުތަކާއި، ބިމުގެ އަޑީގެ ފަށަލަތަކާބެހޭ ޞަރީޙު މަޢުލޫމާތުތަކާއި، މިބާވަތުގެ އެތައް ކަމެކެވެ.
މިދެންނެވި މާއްދީ ހޯދުންތަކަށްފަހު، މުސްތަޤިއްލު ފަލްސަފާއެއް ވަނީ އުފެދިފައެވެ. ޢާއްމުގޮތެއްގައި އެ ފަލްސަފާއަށް ކިޔައި އުޅެނީ، ޕޮޒިޓިވިޒަމް (Positivism) އެވެ. މިފަލްސަފާގެ ދަށުން ބެލެވޭން ފެށީ، ކަމެއްގެ ޙަޤީޤީ ޢިލްމާ ހަމަޔަށް ވާޞިލުވުމުގެ މިންގަނޑަކީ (criterion) އެންމެ ކަމެއް ކަމަށެވެ. އެއީ ތަޞްދީޤުކުރެވޭފަދަ (verifiable) ގޮތެއްގައި ކުރެވޭ ސީދާ ތަޖުރިބާ ނުވަތަ ފެންނަ ފެނުންކަމެވެ.
މި ފަލްސަފާގެ އަލީގައި ދަޢުވާކުރެވޭން ފެށީ، ކަލަކު ވޮޑިގެންވާކަމުގެ ޢަޤީދާ، މި ޢިލްމީ މިންގަނޑަށް ފުރިހަމަޔަށް ފެތޭކަމަށް ނުފެންނަ ކަމަށެވެ. ސަބަބަކީ، ކަލަކު ވޮޑިގެންވާކަމުގެ ޢަޤީދާއަކީ، ވަސީލަތެއް މެދުވެރިކޮށް ކުރެވޭ ތަޖުރިބާގެ ބިންގަލުގެ މަތީގައި ޤާއިމުވެފައިވާ ޢަޤީދާއަކަށް ވާތީއެވެ. ކަލަކު ވޮޑިގެންވުމަކީ، ޢާންމު އިންސާނީ ލޯތަކުން ބަލައި، އަތުން ހިފައި، ތަޖުރިބާކުރެވޭ ބާވަތުގެ ކަމެއް ނޫނެވެ. ކަލަކު ވޮޑިގެންވާކަމަށް ދެއްކޭ ދަލީލުތަކަކީ، މިކައުނުގައި ޑިޒައިނެއްވުމާއެކު، ޑިޒައިނަރަކު ހުރުން ލާޒިމުކަމުގެ ދަލީލުފަދަ ދަލީލުތަކެވެ. ވަސީލަތެއް މެދުވެރިކޮށް ދެއްކޭ މިބާވަތުގެ ދަލީލުތަކަކީ، އެއްބަޔަކު ދަޢުވާކުރަމުން އަންނަގޮތުގައި، ޒަމާނީ ޢިލްމީ މިންގަނޑުން ބަލާއިރު، ބުއްދިއާ ނުގުޅޭ، (invalid) ދަލީލުތަކެކެވެ. އެހެންކަމުން، ވަސީލަތެއް މެދުވެރިކޮށް ހޯދޭ ދަލީލުތަކަކީ، ޚިޔާލީ ސިފަކުރުން (pseudo - explanation) ތަކެއް ކަމުގައި މިދެންނެވިފަދަ މީހުން ބުނެ ރައްދުކުރާން ފެށިއެވެ.
"ކޯޓުން ބޭރުކޮށްފައިވާ" ދަޢުވާއެއް
ޢިލްމީ ދުނިޔޭގައި ގާތްގަނޑަކަށް ސަތޭކަ އަހަރު ވަންދެން މި ފިކުރީ ބަޙުޘް ހިނގަމުން ދިޔައެވެ. ނަމަވެސް، މި ދަޢުވާގައި ޢިލްމީ ބުރަދަނެއް ހުރިކަމުގައި ބެލެވުނީ، އިންސާނާގެ މަޢުލޫމާތުގެ ދާއިރާ ހަމައެކަނި ބޮޑުދުނިޔެ (macro-world) އާ ހަމަޔަށް ހިފެހެއްޓިފައި އޮތް ދުވަސްވަރުއެވެ. ވިހިވަނަ ސައްތައިގެ ކުރީކޮޅުގައި، ކުޑަދުނިޔެ (micro-world) އާ ހަމަޔަށް އިންސާނީ ޢިލްމުގެ ދާއިރާ ތަނަވަސްވުމާއެކު، ޙާލަތު މުޅީން ބަދަލުވެގެން ހިނގައްޖެއެވެ.
އިންސާނާއަށް އެހައިތަނުން އެނގި ބަޔާންވެގެން ދިޔައީ، ސީދާ ހެކި ހޯދޭ މައިދާނަކީ، ވަރަށް ދާއިރާ ހަނި މައިދާނެއްކަމެވެ. އިންސާނާގެ ޢިލްމުގެ ދާއިރާއަށް އަލަށް އިތުރުވަމުން އަންނަ މަޢުލޫމާތުގެ "ކަވިކަމާއި، ލުއިކަމުގެ" ސަބަބުން، އެކަންކަމުގައި ބޭނުންކުރެވޭނީ ހަމައެކަނި ވަސީލަތެއް މެދުވެރިކޮށް ހޯދޭ ހެކިކަމެވެ. މިސާލެއްގެ ގޮތުން، ޖަރުމަނުވިލާތުގެ ސައިންޓިސްޓެއް ކަމުގައިވާ ރޮންޓްޖެން Whilhelm Conrad Rontgen)1895) ގައި ތަޖުރިބާއެއް ކުރައްވަމުން ގެންދަވަނިކޮށް އޭނާއަށް ފެނިވަޑައިގަތީ، އޭނާގެ ކުރިފުޅުމަތީގައި ހުރި ބިއްލޫރިގަނޑުން ކޮންމެވެސް އަސަރުތަކެއް (effects) ފާޅުވަމުން ދާތަނެވެ. އޭނާގެ ތަޖުރިބާއާ އެ ބިއްލޫރިގަނޑާދެމެދު އެނގޭބާވަތުގެ އެއްވެސް ގުޅުމެއް ނެތެވެ. އޭނާ ވިދާޅުވިއެވެ. މިތާނގައި ލޮލަށް ނުފެންނަފަދަ ދޯދިތަކެއް (invisible radiation) އެބަހުއްޓެވެ. އެ ދޯދިތައް ސިކުންތަކު 186،000 މޭލުގެ ބާރުމިނުގައި ދަތުރުކުރަމުން އެބަގެންދެއެވެ. އެދޯދީގެ ގޮތްނޭނގޭ ބާވަތުގެ (unknownnature) މައްޗަށް ބިނާކުރައްވައި ރޮންޓްޖެން އެއަށް ދެއްވި ނަމަކީ، އެކްސްރޭ (x-rays) އެވެ. (1058/19)
ވިހިވަނަ ޤަރްނުގައި ވަނީ، އެކަންކަން ސީދާ ލޮލުން ބެލުމުގެ އެކަށޭނަކަން ލިބިފައިނުވާ ވަރަށްގިނަ ޙަޤީޤަތްތަކެއް ހާމަވެފައެވެ. އެ ޙަޤީޤަތްތަކުގެ އަސަރު، އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ހޯދޭތީ، އެ ޙަޤީޤަތްތަކާމެދު އިންކާރުކުރެވޭކަށެއްވެސް ނެތެވެ. އެހެންކަމުން، މިޒަމާނުގެ ޢިލްމުވެރީންނަށް މަޖުބޫރުވެވަޑައިގެންފައިވަނީ، ސީދާ ހެކިތަކެކޭ އެއްގޮތަށް، ވަސީލަތްތައް މެދުވެރިކޮށްގެން ހޯދޭ ހެކިތަކަކީވެސް، ހެކި ދެއްކުމުގެ ބުއްދި ޤަބޫލުކުރާ މިންގަނޑެއްކަން ޤަބޫލުކުރައްވާށެވެ. ސަބަބަކީ، އެގޮތް ޤަބޫލު ނުކުރައްވައެއް އެކްސްރޭ ޝަރަޙައެއް ނުކުރެއްވޭނެއެވެ. އެޓަމްގެ ސައިންޓިފިކް އޮނިގަނޑު ޤަބޫލުކުރެއްވޭނެ ގޮތެއް ނޯންނާނެއެވެ. ބްލެކްހޯލް ނުވަތަ ޑާކްމެޓަރެއް ވާކަމެއް ޤަބޫލެއް ނުކުރެއްވޭނެއެވެ. މިނޫން އެތައް ކަމެއްވެސް މިގޮތުން ފާހަގަކުރެވޭން އެބައޮތެވެ.
މިޒަމާނުގެ ހޯދުންތަކުން ސާބިތުވެފައިވާ ގޮތުގައި، އިންސާނާގެ ހަމަލޮލަށް ފެނުމުގެ އެކަށޭނަކަންނުވާ ވަރަށްގިނަ ޙަޤީޤަތްތަކެއް އެބަވެއެވެ. ފޮޒިޓިވިޒަމްގެ އުޞޫލުން، އެ ޙަޤީޤަތްތަކެއް ސާބިތެއް ނުކުރެވޭނެއެވެ. ތަޖުރިބާގެ އަލީގައި އެ ޙަޤީޤަތްތައް ހާމަވާން ހުރުމާއެކު، އެކަންކަމާ އިންކާރު ކުރެވޭކަށެއްވެސް ނެތެވެ. އެހެންކަމުން، ސައިންސްވެރީންނަށް އިޢުތިރާފުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ވަސީލަތެއް މެދުވެރިކޮށް ހޯދޭ ހެކިތަކަކީވެސް، ސީދާ ފެންނާން ހުންނަ ހެކިތަކެކޭ އެއްހަމަޔަކުން ޤަބޫލުކުރުން ބުއްދި ލާޒިމުކުރާ ހެކިތަކެއްކަމެވެ.
މިބާވަތުގެ މިސާލުތަކުގެ ތެރެއިން މިސާލެކެވެ. ކާއިނާތުގައި ލައްވައިފައިވާ ބައެއް ތަކެއްޗަކީ ފުރާނަހުރި ތަކެއްޗެވެ. އަނެއްބައި އެއްޗެއްސަކީ ފުރާނަނެތް އެއްޗެހިތަކެވެ. މިއީ އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. ނަމަވެސް ފުރާނަ ނުވަތަ ދިރޭ އެއްޗެހީގައިވާ ދިރިހުރުމުގެ ބާރު އެއްވެސް މީހަކަށް ލަންސު ކުރެވިފައެއް ނެތެވެ. އެންމެންވެސް ދަންނަ ފަދައިން ފުރާނަ އެޅުއްވި އެއްޗެއް ހުވާސް ހިނގައިފިނަމަ އެ އެއްޗެއް މަރުވީއެވެ. އެ އެއްޗެއްގެ ފުރާނަނެތް ހަށިގަނޑެކޭ އެހެންވެސް ފުރާނަނެތް އެއްޗެއްސެކޭ ތަފާތެއް ނުހުރެއެވެ. ނަމަވެސް ފުޅިޔަކުން ފެން ހުސްވާތަން ފެންނަގޮތަށް ހަށިގަނޑުން ފުރާނަ ނުކުންނަތަން އެކަކަށްވެސް ފެނިފައެއް ނެތެވެ. ފުރާނަ ނުކުމެގެންދާތަން ލޮލަށްފެނި އަތުންހިފިފައިނުވާތީ އެކަކުވެސް ފުރާނަޔާމެދަކު އިންކާރެއް ނުކުރެއެވެ. ފުރާނަ ދާކަމާމެދަކުވެސް ދެކޮޅެއް ނަހަދައެވެ.
އިސްވެދެންނެވި ގޮތުގެމަތީން، ހެކިދެއްކުމުގެ މިންގަނޑު ފުޅާވެގެން ދިޔުމާއެކު، ކުރީގެ ދަޢުވާތައް މުޅީން ބަދަލުވެގެން ހިނގައްޖެއެވެ. ޢިލްމީގޮތުން މިހާރު ޤަބޫލުކުރެވިފައިވާ ގޮތުގައި، ކަލަކު ވޮޑިގެންވާކަމަށް ދެއްކޭ ހެކިތަކަކީވެސް، ބުއްދި ޤަބޫލުކުރާ ޞައްޙަ (valid) ހެކިތަކެކެވެ. މަންޠިޤަށް މިއައި ފުޅާކަމާ ވިދިގެން، ދީނީގޮތުން ދައްކާ ހެތްކާއި ސައިންޓިފިކް ހެތްކާ ދެމެދު އެއްވެސް ކަހަލަ އުޞޫލީ ތަފާތެއް ނެތެވެ. ކަލަކު ވޮޑިގެންވާކަން ސާބިތުކުރުމަށްޓަކައިވެސް ބޭނުންކުރެވެނީ، މިޒަމާނުގެ ސައިންޓިފިކް އާ ނަޒަރިއްޔާތައް ސާބިތުކުރުމަށްޓަކައިވެސް ހަމަ ބޭނުންކުރާ، ވަސީލަތެއް މެދުވެރިކޮށް ހެކި ހޯދުމުގެ މަންޠިޤެވެ. (ނުނިމޭ)