(7 ފެބްރުއަރީ 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
ކުރީން މިދެންނެވި މިސާލުތަކުން ސާބިތުވާ ފަދައިން ޣައިބަށް އިންކާރުކުރާ މީހުންގެ ވާހަކަޔަކީ އެއްވެސް ދަލީލެއް ނެތް ވާހަކައެކެވެ. ވަރަށް އަނަރޫފަ ދަޢުވާއެކެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمއިންސާނުންގެ ކުރިމައްޗަށް ހުށަހެޅުއްވި އިލާހީ ކަލާމްފުޅުގައި އެފަދަ މީހުންނަށް ސީދާ ރައްދު ދެއްވުމުގެ ބަދަލުގައި އަންގަވައިފައިވަނީ އިންސާނުންނަށް މަރުގެ މައްޗަށް ބާރު ނުފޯރުވޭކަމީ ޣައިބުގެ ޢާލަމެއް ވާކަމުގެ ސާފު ދަލީލެއް ކަމުގައެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"فَلَوْلاَإِذَابَلَغَتِ الْحُلْقُومَ وَأَنتُمْحِينَئِذٍ تَنظُرُونَ وَنَحْنُأَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لاَّتُبْصِرُونَفَلَوْلاَ إِن كُنتُمْ غَيْرَ مَدِينِينَ تَرْجِعُونَهَا إِن كُنتُمْ صَادِقِينَ" (الواقعة: 87-83)
"ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނަ އައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. އަދި އެހިނދު ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާމީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެއެވެ. ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުން އެފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރީން ކަމުގައިވާނަމައެވެ."
ޣައިބަށް އިންކާރުކުރާ މީހުންގެ ދަޢުވާއަކީ ހެކިނެތުމުގެ ސަބަބުން މިހާރުގެ ޢިލްމީ ދުނިޔޭގައި "ކޯޓުން ބޭރުކޮށްފައިވާ" ދަޢުވާއެއްކަން އިސްވެދިޔަ ތާނގައި އެވަނީ ސާބިތުކޮށްދެވިފައެވެ. އަނެއްކޮޅުން އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّمއަށް ބާވައިލައްވައިފައިވާ ކީރިތި ޤުރްއާނުގައި ޣައިބަށް އީމާންވުމަށް ވަރަށްގިނަ އަސާސުތަކެއް ވަނީ ބަޔާން ކުރައްވައިފައެވެ. ނަބީބޭކަލުންނަކީ އިތާބުރުހުރި ބަޔެއްކަމީވެސް މިދެންނެވިފަދަ އަސާސުތަކުގެ ތެރެއިން އެއް އަސާސެވެ.
ނަބީބޭކަލުންނަށް އިތުބާރުކުރުން
އިންސާނާ އަބަދުވެސް ޣައިބުގައިވާ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދަން ބޭނުންވެއެވެ. ކާއިނާތުގެ ޚާލިޤަކީ ކޮބައިކަމާއި، އެކަލާނގެ ސިފަފުޅުތަކެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ އަޅުތަކުންނާ ދެމެދު އޮންނަނީ ކޮންބާވަތެއްގެ ގުޅުމެއްކަމެވެ. މަލާއިކަތުންނަކީ ކޮންބަޔެއްކަމާއި، މަލާއިކަތުންގެ ޚާއްޞިއްޔަތެވެ. ވަޙީގެ ޙަޤީޤަތަކީ ކޮބައިކަމާއި ވަޙީގެ ބާވަތްތަކެވެ. އާޚިރަތުގައި އިންސާނާ ކުރިމަތިލާން ޖެހޭނީ ކޮންކަހަލަ ކަންތައްތަކަކާ ކަމެވެ. މިސުވާލުތަކާއި، މިނޫންވެސް މިބާވަތުގެ އެހެނިހެން ސުވާލުތަކަށް ޖަވާބު ލިބެނީ ނަބީބޭކަލުން ދެއްވާ އިރުޝާދުތަކުންނެވެ. ނަމަވެސް ނަބީބޭކަލުން ދެއްވާ އިރުޝާދުތަކާމެދު ވިސްނައި ފިކުރުކުރުމުގެ ކުރީން އިންސާނުން ޖަވާބު ހޯދަން ބޭނުންވާ ވަރަށް މުހިންމު އެހެން ސުވާލެއް އެބައޮތެވެ. އެސުވާލަކީ އިންސާނުން ނަބީބޭކަލުންގެ ބަސްފުޅުތައް ޔަޤީންކަމާއެކު ޤަބޫލުކުރަންޖެހުނީ ކީއްވެގެން ކަމެވެ.
ކީރިތި ޤުރްއާނުގައި މިސުވާލަށް ޖަވާބުދެއްވައިފައިވާ ގޮތުގައި އެންމެހައި ނަބީބޭކަލުންނަކީވެސް ތެދުވެރި، އަމާނާތްތެރި، އިތުބާރުހުރި ބޭކަލުންނެވެ. އެބޭކަލުން ދުވަހަކުވެސް އިތުރުފުޅެއް ނަހައްދަވައެވެ. އެހެންކަމުން އެބޭކަލުންގެ އެހެނިހެން ވާހަކަފުޅުތަކެކޭ އެއްފަދައިން އެބޭކަލުންގެ ނަބީކަމުގެ ދަޢުވާގައިވެސް އެބޭކަލުންނަކީ ތެދުވެރީންނެވެ. އެބޭކަލުންގެ ތެދުވެރިކަމާއި އަމާނަތްތެރިކަމަށް އެބޭކަލުންގެ ނުބުއްވަތުގެ ކުރީގެ މުޅި ޙަޔާތްޕުޅު ހެކިދެއެވެ.
"وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا بَيِّنَاتٍ قَالَ الَّذِينَ لاَيَرْجُونَ لِقَاءَنَا ائْتِ بِقُرْآنٍ غَيْرِ هَـٰذَا أَوْ بَدِّلْهُ قُلْ مَا يَكُونُ لِي أَنْ أُبَدِّلَهُ مِن تِلْقَاءِ نَفْسِي إِنْ أَتَّبِعُ إِلاَّ مَا يُوحَىٰ إِلَيَّ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍقُل لَّوْشَاءَ اللَّـهُ مَا تَلَوْتُهُ عَلَيْكُمْ وَلاَ أَدْرَاكُم بِهِ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِ أَفَلاَ تَعْقِلُونَ فَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ إِنَّهُ لاَ يُفْلِحُ الْمُجْرِمُونَ"(يونس: 17-15)
"އަދި އެއުރެންނަށް ތިމަންރަސްކަލާނގެ އާޔަތްތައް ބަޔާންވެގެންވާ ގޮތުގައި ކިޔަވައިދެއްވާހިނދު، ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނެތެވެ. ތިޔަނޫން އެހެން ޤުރްއާނެއް ގެނެސްދެއްވާށެވެ! ނުވަތަ އެ ޤުރްއާނަށް ބަދަލުގެނެސް ދެއްވާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަމިއްލަފުޅަށް އެ ބަދަލުކުރެއްވުމަކީ، ތިމަންކަލޭގެފާނަށް އޮތްކަމެއް ނޫނެވެ. ތިމަންކަލޭގެފާނަށް އިއްވަވާ ވަޙީއަށް މެނުވީ، ތިމަންކަލޭގެފާނު ތަބަޢަވެވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޒާބަށް ހަމަކަށަވަރުން، ތިމަންކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللّه އިރާދަކުރެއްވިނަމަ، ތިމަންކަލޭގެފާނު އެ އާޔަތްތައް ތިޔަބައިމީހުންނަށް ވިދާޅުވެއެއް ނުދެއްވީމުހެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އެ އާޔަތްތަކެއް ނުވެސް އެންގެވީހެވެ. ފަހެ، މީގެކުރީން ތިޔަބައިމީހުންގެ ތެރޭގައި އެތައް ދުވަހެއް ވަންދެން (އެބަހީ: ސާޅީސްއަހަރު ވަންދެން) ހަމަކަށަވަރުން، ތިމަންކަލޭގެފާނު ހުންނެވީމެވެ. (މިބާވަތުގެ ވާހަކައެއް ނުދައްކަވަމެވެ.) ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟ اللّه އާމެދު ހަދައިގެން ދޮގެއް ބުނި މީހަކަށްވުރެ، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެ، ކާކު ހެއްޔެވެ؟ ހަމަކަށަވަރުން، ކުށްކުރާ މީހުން ނުދިންނަވާނެތެވެ."
މިބަސްފުޅު އަޑުއަހާ މީހަކު ބުނެފާނެއެވެ. ތެދުވެރި އަމާނާތްތެރިޔެއްގެވެސް ބުއްދިޔަށް ޚަލަލެއް އައިސް އެމީހަކު ހޭނުޖެހޭ މީހުން ދައްކާ ޒާތުގެ ވާހަކަ ދައްކަން ފެށުންވެސް އެކަށީގެންވޭ ނޫންހެއްޔެވެ؟ ކީރިތި ޤުރްއާނުގައިވަނީ އެފޮތުގައި މުޚާޠަބު ކުރައްވާ މީހުންނަށް މިކަމާބެހޭގޮތުންވެސް ވިސްނުމަށް ދަޢުވަތު ދެއްވައިފައެވެ. ނަބީކަމަށް ދަޢުވާކުރައްވާ محمّد صلّى اللّه عليه وسلّمއަކީ އިންތިހާދަރަޖައިގެ ބުއްދިވެރި، ވިސްނުންފުޅު ތޫނު ބޭކަލެއް ކަމުގައި ނުހަނު ބާރުލައްވައި ވަނީ އަންގަވައިފައެވެ. އެކަލޭގެފާނަކީ ވިސްނުންފުޅު ކޮށިކަމުގެ ކުޑަވެސް މިންވަރެއްހުރި ބޭކަލެއް ނޫންކަމުގައި ބަޔާން ކުރައްވައިފައެވެ. ޤުރައިޝުވަންހައިގެ މީހުން ގެފުޅު ޢިމާރާތްކުރަމުން ގެންދިޔައިރު ޙަޖަރުލްއަސްވަދު ބެހެއްޓުމާމެދު އެބައިމީހުން ޚިލާފުވެ ޤަބީލާތަކުގެ މެދުގައި ހަނގުރާމަ ފެށޭ ހިސާބަށް ކަންތައް ދިޔައީ ނަބީކަމުގެ ދާދި ކުޑަ ދުވަސްކޮޅެއްގެ ކުރީންނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّمއެ މައްސަލައިގެ ޙަކަމަކަށް ހަމަޖެއްސީ ޤުރައިޝުންގެ ފުރިހަމަ އިއްތިފާޤުންނެވެ. އެކަލޭގެފާނު އެމައްސަލަ ޙައްލުކުރެއްވި ޙިކުމަތްތެރި ގޮތާމެދުވެސް ޤުރައިޝުންގެ އެންމެން އެއްދުލުން އިޢުތިރާފުވެ އެކަމަށް ތާރީފުކުރިއެވެ. ކަން މިހެން ހުރިއިރު "އެބޭކަލެއްގެ ވިސްނުންފުޅު ތޫނުކަމާއި ބުއްދިވެރިކަން މުޅި ޤައުމަށް ތަޖުރިބާ ކުރެވިފައިވާ ބޭކަލަކާމެދު އެކަލޭގެފާނަކީ މޮޔައެކޭ މިހާރު ތިޔަބައިމީހުން ބުނަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ހިތްތަކުގައިވެސް ވަނީ ތިޔަބައިމީހުންގެ ދޫތަކުން ތިޔަ ފާޅުކުރާ ގޮތަށް ހެއްޔެވެ؟" މިސުވާލުތައް ކުރިމަތި ކުރައްވައިފައެވެ. (ތަފްހީމުލް ޤުރްއާން، ޖިލްދު: 4 ޞަފްޙާ: 211)
އުޖޫރަޔަށް އެދިވަޑައިނުގަތުން
ނަބީބޭކަލުންނަކީ ތެދުވެރި އަމާނާތްތެރި ބޭކަލުންކަމާއި އެބޭކަލުންނަކީ އެބޭކަލުންގެ ބުއްދިފުޅު ތަނަވަސްކަމާއި ވިސްނުންފުޅު ތޫނުކަމާމެދު ކުޑަވެސް ޝައްކެއް ނޯންނަފަދަ ބޭކަލުންކަން އިސްވެދިޔަ ތާނގައި ވަނީ ބަޔާންކުރެވިފައެވެ. އެހެންކަމުން ޣައިބުގެ ކަންކަމާ ބެހޭގޮތުން އެބޭކަލުން ދެއްވާ ޚަބަރުތަކާމެދު ޝައްކުކުރާނެ ޖާގައެއް ނޯންނާނެއެވެ. ނަމަވެސް އިޢުތިރާޟުކުރާ މީހަކަށް ބުނެވިދާނެއެވެ. އެބޭކަލުންގެ މާޒީގައި އެބޭކަލުންގެ ޝަޚްޞީ ދާވަނިކޮޅުގައި ކުޑަވެސް ހިރަފުސްކޮޅެއް ނުވަތަ ލަކެއް ނެތް ކަމުގައި ވިޔަސް މިހާރު އެދައްކަވާ ވާހަކަފުޅަކީ ކޮންމެވެސް އަމިއްލަ ބޭނުންފުޅެއްގައި ހައްދަވައިގެން ދައްކަވާ ވާހަކަފުޅަކަށް ވެދާނެއެވެ. ޙަޤީޤަތެއްކަމުގައި ވިދާޅުވެގެން އެ ވާހަކަފުޅުތައް ފަތުރުއްވަނީ ކަމުގައި ވެދާނެއެވެ.
ކީރިތިޤުރްއާނުގައި ވަނީ މި މައްސަލައިގައިވެސް ވިސްނައި ފިކުރުކުރުމަށް ދަޢުވަތު ދެއްވައިފައެވެ. ބަރާބަރު ތަރާދަކުން ނަބީބޭކަލުންގެ ސީރަތު ކިރައި ވަޒަންކުރުމަށް ގޮވައިލައްވައިފައެވެ. އިންސާނުންގެ ކިބައިން ނަބީބޭކަލުން ބޭނުންފުޅުވެގެން އުޅުއްވާ ކުޑަވެސް މުހުތާދެއް ނޯންނާނެކަން ގޮންޖައްސަވައި އަންގަވައިފައެވެ. އިންސާނުންގެ ފަރާތުން އެބޭކަލުން އެއްވެސް އުޖޫރައެއް ބޭނުންފުޅުވެގެން ނުއުޅުއްވާކަން އަންގަވައިފައެވެ. ކީރިތި ޤުރްއާނުގައި ވަނީ މިދަންނަވާ މޭރުމުންނެވެ.
"وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَاقَوْمِ اعْبُدُوا اللَّـهَ مَالَكُم مِّنْ إِلَـٰهٍ غَيْرُهُ إِنْ أَنتُمْ إِلاَّمُفْتَرُونَيَاقَوْمِ لاَ أَسْأَلُكُمْ عَلَيْهِ أَجْرًاإِنْ أَجْرِيَ إِلاَّ عَلَى الَّذِي فَطَرَنِي أَفَلاَ تَعْقِلُونَ"(هود: 51-50)
"އަދި، ތިމަންރަސްކަލާނގެ ޢާދުބާގައި މީހުންގެ ގާތަށް، އެއުރެންގެ އަޚު ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން اللّه އަށް އަޅުކަންކުރާށެވެ. އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރަޔަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ؟"
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"أَمْ تَسْأَلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ وَهُوَخَيْرُالرَّازِقِينَوَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ"(المؤمنون: 73-72)
"ނުވަތަ ކަލޭގެފާނު، އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ޘަވާބު މާހެޔޮކަންބޮޑެވެ. އަދި އެކަލާނގެއީ، ރިޒުޤުދެއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ. ހަމަކަށަވަރުން ކަލޭގެފާނު ސީދާވެގެންވާ ތެދުމަގަށް އެއުރެންނަށް ގޮވައިލައްވާކަން ކަށަވަރެވެ."
އަދިވެސް ވަޙީކުރައްވައިފައިވެއެވެ.
"وَمَا أَرْسَلْنَاكَ إِلاَّمُبَشِّرًا وَنَذِيرًاقُلْ مَاأَسْأَلُكُمْ عَلَيْهِ مِنْ أَجْرٍ إِلاَّ مَن شَاءَ أَن يَتَّخِذَ إِلَىٰ رَبِّهِ سَبِيلاً"(الفرقان: 57-56)
"އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: ރަސޫލުކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އެހެނެއްކަމަކު، އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތަށް މަގެއް ހިފުމަށް އެދޭމީހާ، އެފަދަ މަގެއް ހޯދައިފާހުށިކަމެވެ."
އިސްވެ ދެންނެވި ފަދައިން ކީރިތިޤުރްއާނުގައި ވަނީ ޙުއްޖަތް ޤާއިމުކުރައްވައިފައެވެ. ނަބީބޭކަލުންނަކީ، ހެޔޮލަފާ، ތެދުވެރި، އަމާނާތްތެރި، ވިސްނުންފުޅު ތޫނު، ބުއްދިފުޅު ކާމިލު، އެއްވެސް ކަހަލަ އަމިއްލަ އެދުންފުޅެއްނެތް ބޭކަލުން ކަމާއި އެފަދަ ބޭކަލުންގެ ބަސްފުޅު ޔަޤީންނުކުރަންވީ މަޤްބޫލު ސަބަބެއް ނޯންނާނެކަން ވަނީ އަންގަވައިފައެވެ. އާދެ، އެބޭކަލުންގެ ސިފަފުޅުތަކަށް ވިސްނާއިރު އެބޭކަލުންގެ ބަސްފުޅު ޤަބޫލުކުރުމަކީ ސަލާމަތް ބުއްދި ލާޒިމުކުރާ ކަމެއްކަން ވަނީ ބަޔާންކުރައްވައިފައެވެ.
ޣައިބުގެ ބައެއް ޙަޤީޤަތްތައް ދެއްކެވުން
އިސްވެދެންނެވި ދަލީލުތަކުގެ އިތުރަށްވެސް މިކަމާ ގުޅިގެން ވިސްނައިލަންޖެހޭ ކަންތައްތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެއްކަމަކީ އަރަހުށި މާތްاللّه ނަބީބޭކަލުންނަށް ޣައިބުގެ ބައެއް ޙަޤީޤަތްތައް ދައްކަވައިފައިވާކަމެވެ. ފުރިހަމަ ޔަޤީންކަމާއި ކަށަވަރުކަމާއެކު އެބޭކަލުންނަށް ޣައިބުގެ ކަންތައްތަކާ ބެހޭގޮތުން މީހުންނާ ވާހަކަދެއްކެވޭނީ އޭރުން ކަމުގައިވާތީއެވެ. ޣައިބަށް އީމާންވުމަށް ދަޢުވަތު ދެއްވޭނީ އޭރުން ކަމުގައިވާތީއެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم، جبريل عليه السّلامދެކެވަޑައިގެންނެވި އަދި جبريل ގެފާނު އިތުރުސާހިބާއަށް ވަޙީ ރައްދުކޮށްދެއްވި ދެއްވުމެއްގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވެއެވެ.
"إِنْ هُوَ إِلاَّوَحْيٌ يُوحَىٰ عَلَّمَهُ شَدِيدُ الْقُوَىٰذُومِرَّةٍ فَاسْتَوَىٰوَهُوَ بِالأُفُقِ الأَعْلَىٰ ثُمَّ دَنَا فَتَدَلَّىٰ فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ فَأَوْحَىٰ إِلَىٰ عَبْدِهِ مَا أَوْحَىٰمَاكَذَبَ الْفُؤَادُ مَارَأَىٰأَفَتُمَارُونَهُ عَلَىٰ مَايَرَىٰ وَلَقَدْ رَآهُ نَزْلَةً أُخْرَىٰ عِندَ سِدْرَةِ الْمُنتَهَىٰعِندَهَا جَنَّةُ الْمَأْوَىٰ إِذْ يَغْشَى السِّدْرَةَ مَا يَغْشَىٰ مَا زَاغَ الْبَصَرُ وَمَا طَغَىٰ لَقَدْ رَأَىٰ مِنْ آيَاتِ رَبِّهِ الْكُبْرَىٰ"(النجم: 18-4)
"އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއް ކަމުގައި ނޫނީ ނުވެއެވެ. ބާރުގަދަ މަލާއިކަތަކު، އެކަލޭގެފާނަށް އެ (ވަޙީ)އުނގަންނައިދެއްވިއެވެ.(އެ މަލާއިކަތާ އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ މަލާއިކަތާ އެކަލޭގެފާނުގެ އަޞްލު ޞޫރައިގައިޤާއިމުވެވަޑައިގެން ހުންނެވިއެވެ. (އެހިނދު) އެ މަލާއިކަތާ ހުންނެވީ، އެންމެމަތީ އުދަރެހުގައެވެ.ދެން އެ މަލާއިކަތާ (ރަސޫލާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ. އެ އަރިސްވުންވީ، ދެ ޤައުސުގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ. ދެން (اللَّه) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ ވަޙީބަސްފުޅުތަކެއް އެކަލޭގެފާނަށްއިއްވެވިއެވެ.) އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمدގެފާނު) އެހެންފަހަރަކުވެސް އެމަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. ސިދުރަތުލްމުންތަހާގެ ކައިރިންނެވެ. އެތާނގެ ކައިރީގައި ޖަންނަތުލްމައުވާ ވެއެވެ. (އެއީ މުއުމިނުތަކުންގެ ފުރާނަތަކުގެމަރުކަޒެވެ.) ސިދުރަތުލްމުންތަހާ ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދިދެކެވަޑައިގަތުމަށް ކަނޑައަޅުއްވައިފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ."
އިސްލާމްދީނުގެނަބިއްޔާ صلّى اللّه عليه وسلّمމިޢުރާޖުގެ ރޭގައި ޣައިބުގެ ވަރަށްގިނަ ކަންތައް ދެކެވަޑައިގެންނެވިއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بَارَكْنَاحَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ الْبَصِيرُ"(الإسراء: 1)
"المسجد الحرام ން المسجد الأقصىއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. އެއީ އެތާނގެ ވަށައިގެން ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
ޣައިބަށް އީމާންވުމުގެ ދަޢުވަތު
މިޒަމާނުގެ ގޮންޖެހުމުގެ ބާވަތް ދެނެގަތުމަށްފަހު އިސްލާމީ އުންމަތަށް ލާޒިމުވަނީ ޢާއްމުކޮށް މުޅި އިންސާނިއްޔަތަށް، ޚާއްޞަކޮށް ހުޅަނގުގެ މީހުންނަށް ޣައިބަށް އީމާންވުމަށް ދަޢުވަތުދިނުމެވެ. ހުޅަނގުގެ މީހުން ޣައިބަށް އީމާންވުމަށް ހުރަސްއަޅަނީ ޣައިބަކީ ނެތް އެއްޗެއްކަމުގެ ޢަޤްލީ ދަލީލެއް އެބައިމީހުންނަށް ލިބިފައި އޮވެގެންނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެބައިމީހުން ޣައިބަށް އީމާންނުވަނީ، "ދީން ދެކެ ގަންނަ ބިރަކުންނެވެ." ކްރިސްޓިއަންދީނުގެ ފާދަރުން ކުރީން ޢަމަލުކޮށްފައިވާގޮތުން ހުޅަނގުގެ މީހުންގެ ހިތްތަކުގައި ދީނާމެދު އުފެދިފައި އޮންނަ ނަފުރަތެއްގެ ސަބަބުންނެވެ. ހުޅަނގުގެ މީހުން ބުނާގޮތުގައި ދީނަކީ ވިސްނުމުގެ ބޭނުންކުރުމެއްނެތި، ދެލޯމަރާލައިގެންތިބެ ކުރާ އިތުބާރެކެވެ. ބިންގަލެއްނެތް ޢަޤީދާތަކެކެވެ. އަޞްލެއްނެތް ޚުރާފާތުތަކެކެވެ. ވަހުމުތަކެކެވެ. ބުއްދި ޤަބޫލުނުކުރާ ޒާތުގެ ރަސްމުތަކަކާއި އާދަކާދަތަކެކެވެ. ފާދިރީންނާއި ޕަރައުހަތުންނާއި، ހާމުދުރުން ފަދަ މީހުން ޢާއްމުންގެ މައްޗަށް ހިންގާ ރަސްކަމެކެވެ. ބޭއިންސާފު ޤާނޫނުތަކެކެވެ. އެބައިމީހުން އެބުނާ ކަހަލަ "ދީނަކާ" ދުރަށް އެބައިމީހުން ފިލަންދުވުމަކީ ތަބީޢީކަމެކެވެ.
ހުޅަނގުގެ މީހުންނަށް އަންގައިދޭންވީ އިސްލާމްދީނަކީ އެބައިމީހުން ބިރުން ފިލަން އެދުވާ ދީންތައް ކަހަލަ ދީނެއް ނޫންކަމެވެ. އިސްލާމްދީން އެކަންކަމަށް އީމާންވާން ދަޢުވަތުދޭ ކަންތައްތަކަކީ އިންސާނީ ބުއްދި ޤަބޫލުކުރާ ކަންތައްތަކެއްކަމެވެ. އިންސާނީ ފިޠުރަތު އެކަންކަމަށް ދަހިވެތިވާ ޒާތުގެ ކަންތައްތަކެއްކަމެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
"يَا أَيُّهَاالَّذِينَ آمَنُوا آمِنُوا بِاللَّـهِ وَرَسُولِهِ وَالْكِتَابِ الَّذِي نَزَّلَ عَلَىٰ رَسُولِهِ وَالْكِتَابِ الَّذِي أَنزَلَمِن قَبْلُ وَمَن يَكْفُرْ بِاللَّـهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ فَقَدْ ضَلَّ ضَلاَلاًبَعِيدًا"(النساء: 136)
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللّهއަށާއި، އެކަލާނގެ ރަސޫލާއަށާއި، އެކަލާނގެ ރަސޫލާއަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރީން (ބާވައިލެއްވި) ފޮތަށް އީމާންވުންމަތީ ތިޔަބައިމީހުން ދެމިތިބޭށެވެ! އަދި اللّهއަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ (ފޮނުއްވި) ރަސޫލުންނަށާއި، އާޚިރަތްދުވަހަށް ކާފިރުވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ."
ދީނީކަންތައްތަކަށް އަތްގަދަކޮށްގެންއުޅޭ ގިންތިއަކަށް(Clergy) އިސްލާމްދީނުގައި، އެއްވެސް ޖާގައެއް ނެތެވެ. މާތްاللّه ދެއްވި ހިދާޔަތު ތިމާމެންގެ ހިތްއެދޭހައި ގޮތްގޮތަށް ޝަރަޙަކުރާކަށް އެއްވެސް ބަޔަކަށް އެދީން އިޚްތިޔާރެއް ނުދެއެވެ. އަރަހުށި މާތްاللّه ވަޙީކުރައްވައިފައިވެއެވެ.
"وَمِنْهُمْ أُمِّيُّونَ لاَيَعْلَمُونَ الْكِتَابَ إِلاَّأَمَانِيَّ وَإِنْ هُمْ إِلاَّيَظُنُّونَ فَوَيْلٌ لِّلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ اللَّـهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلاً فَوَيْلٌ لَّهُم مِّمَّاكَتَبَتْ أَيْدِيهِمْ وَوَيْلٌ لَّهُم مِّمَّا يَكْسِبُونَ"(البقرة: 79-78)
"އަދި އެއުރެންގެ ތެރޭގައި ލިޔާންކިޔާން ނުދަންނަ މީހުންވެސްވެއެވެ. ފޮތުންވެސް މުސްތަޙީލު އުންމީދުތަކެއް ނޫނީ އެއުރެންނަކަށް ނުފެނެއެވެ. އަދި ހީތަކެއް ކުރާކަމުގައި ނޫނީ އެއުރެން ނުވެއެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ފޮތްލިޔެ، މިއީ اللّهގެ ޙަޟްރަތުން ބާވައިލެއްވި ފޮތޭ ބުނާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއުރެން އެކަންކުރަނީ) ކުޑައަގަކަށް އެއުރެން ލިޔުނު ތަކެތި ގަތުމަށްޓަކައެވެ. ފަހެ، އެއުރެންގެ އަމިއްލަ އަތުން ލިޔުނު ތަކެތީގެ ސަބަބުން އެއުރެންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އަދި އެއުރެން ހޯދައިގަތް ތަކެތީންވެސް އެއުރެންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ."
ހުޅަނގުގެ މީހުންނަށް އިތުރަށް ވިސްނައިދޭން ޖެހެއެވެ. އިސްލާމްދީނުގެ ނަބިއްޔާمحمّد صلّى اللّه عليه وسلّمފޮނުއްވި އެއް މަޤްޞަދަކީ އިންސާނީ ބުއްދި ޤަބޫލުނުކުރާ ކަހަލަ ރަސްމިއްޔާތުތަކާއި އާދަކާދަތައް ހުއްޓުވުމެވެ. ބޭއިންސާފު ޤާނޫނުތައް ބާޠިލުކުރައްވައި އުވާލެއްވުމެވެ. رسول اللّه صلّى اللّه عليه وسلّمގެ ރިސާލަތުގެ މަޤްޞަދު ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالأَغْلاَلَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَالَّذِي أُنزِلَ مَعَهُ أُولَـٰئِكَ هُمُ الْمُفْلِحُونَ"(الأعراف: 157)
"އެއުރެންނީ އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢަވާ މީހުންނެވެ. އެރަސޫލާއީ، އެއުރެންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެން ދެކޭ ރަސޫލާއެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށް ހުރި ބުރަތަކާއި އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާ އެކުގައި ބާވައިލެއްވި ނޫރަށް ތަބަޢަވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ ހަމަ އެއުރެންނެވެ." (ނިމުނީ)