ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އަދިވެސް ބޮޑުކަމާއި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން ދިޔުމާއެކު، މިކަމަށް ދޭންޖެހޭ ސަމާލުކަމާއި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ވަޒީރުންގެ މަޖިލީހުން މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި އިތުރަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަޒީރުންވަނީ މަޝްވަރާ ކުރައްވައިފައެވެ.
މިބައްދަލުވުމުގައި ރައިސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ދުނިޔޭގައި މިބަދަލި ފެތުރެމުންދާތީ ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. ރާއްޖެއިން ބޭރުން ވައިގެ މަގުން އަންނަ ފަތުރުވެރިންނާއި ކަނޑުމަގުން އަންނަ އުޅަނދު ފަހަރު ޗެކްކުރުމުގެ މަސައްކަތަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަބެހޭ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މިބަލީގެ ނުރައްކާތެރިކަން ހާމަކޮށްދީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ހިންގަވާ ޕްރޮގުރާމުތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ. އޭގެ އިތުރުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ލަފާ ވެސް ރައީސް ވަނީ ހޯއްދަވައިފައެވެ.