ފުލުހުންގެ މުއައްސަސާގެ ހައިބަތު ގެއްލޭގޮތަށް ވާހަކަދައްކާ މީހުންނާމެދު ސަމާލުވޭ: ޝައިޚް އިލްޔާސް

ދިވެހި ފުލުހުންގެ މަސައްކަތްތަކަށް ބަސްބުނެ، އެ މުއައްސަސާގެ ހައިބަތާއި ގަދަރު ގެއްލޭގޮތަށް ވާހަކަ ދައްކާ ބަޔަކާމެދު ރައްޔިތުން ސަމާލުވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން އިލްތިމާސް ކުރައްވައިފިއެވެ.

އަންހެނަކު ބިކިނީއާއެކު ކ.މާފުށީ މަގުމަތީގައި އުޅެނިކޮށް ފުލުހުން އޭނާ ބަންދުކުރި މައްސަލާގައި މީހުންގެ ޚިޔާލުވަނީ ތަފާތުވެފައެވެ. ބައެއް މީހުން ގެންދަނީ ފުލުހުންނަށް ތައުރީފް ކުރަމުންނެވެ. އަނެއް ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ. މިފަދަ ވަގުތެއްގައި ޝައިޚް އިލްޔާސް ޙުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހި ފުލުހުންނާއި ސިފައިންނަކީ ދިވެހިން ފަޚުރުވެރިވާ ބައެއް ކަމަށެވެ.

ދިވެހި ގައުމުގެ އިސްލާމީ ވަހުދަތާއި ސަގާފަތާއި ގާނޫނު ދަމަހައްޓަން ދިވެހި ފުލުހުން ކުރައްވާ މަސައްކަތްތަކަށް ބަސްބުނެ އެ މުއައްސަސާގެ ހައިބަތާއި ގަދަރު ގެއްލޭގޮތަށް ވާހަކަ ދައްކާ ބަޔަކާމެދު ރައްޔިތުން ސަމާލު ވާންހޭ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އެ އަމަލާ ގުޅިގެން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ މާފުށިން ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރީ ގޯހުން ނޫން ކަމަށެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ފަތުރުވެރިޔާ އާ މެދު އަމަލު ކުރި ގޮތުން ފާޑުކިޔުން އަމާޒު ވި ނަމަވެސް އެ ސީންނަށް އެޓެންޑް ނުވެ ދޫކޮށްލި ނަމަ ވެސް ފާޑުކިޔުން އަމާޒުވާނެ ކަމަށެވެ. އެހެންކަމުން އެކަމުގައި މާބޮޑު ހިތްހަމަ ނުޖެހުމެއް، އަމާޒު ކުރުމެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

އިމްރާން މިހެން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ރައްދު ދެއްވައިފައެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށިން އެ ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވޭވާހަކައަކީ  ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން ފިރިހެން ފުލުހުން އެފަދަ ގޮތަކަށް އަންހެނަކު ހައްޔަރު ކުރަން އުޅުމީ ރާއްޖޭގެ ރީތި ނަން ޚަރާބުވާ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ފަތުރުވެރިކަމަށް ގެއްލުންވާ ކަންކަން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ކުރިން މައާފަށް އެދިވަޑައިގެން ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި އެއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެކަން ފާހަގަކުރައްވައި އެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.