ހުރިހާ ލޯތްބެއްގެ މައްޗަށް އިސްކުރަންވާނީ ﷲ އާއި އެކަލާނގެ ރަސޫލާދެކެވާ ލޯބި ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެންވިދާޅުވީ "ލޮބުވެތި ނަބިއްޔާ" މި މަޢޫޟޫގެ މައްޗަށް މިރޭ ދެއްވި ދަރުސުގައެވެ.
ޝައިޚް ވިދާޅުވީ ﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިވުމުގެ އިތުރަށް ﷲއާއި ރަސޫލާދެކެ ލޯބިވާ މީހުންދެކެ ވެސް ލޯބިވާންޖެހޭ ކަމަށެވެ. ޝައިޚް ވިދާޅުވީ މައިންބަފައިނާއި، އެއްބަނޑުއެއްބަފާ މީހުންނާއި ތިމާގެ މީހުންނާއި އަނބިދަރިންނާއި، ރައްޓެހީންދެކެ ވެސް ލޯބިވާންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ލޯތްބެއްގެ މައްޗަށް އިސްކުރަންވާނީ ﷲ އާއި، ރަސޫލާދެކެވާ ލޯބި ކަމަށް ވެސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ރަސޫލާދެކެ ނަފުރަތުކުރާ ބަޔަކުދެކެ ލޯބިވުމެއްނެތް ކަމަށެވެ. އެއީ މައިންބަފައިން ވިޔަސް އެމީހަކު ތާއިދުކުރާ ޕާޓީ މީހަކަށް ވިޔަސް އެކަންއޮތީ އެގޮތަށް ކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަމަކީ މުސްލިމް ރައްޔިތުން ވަރަށް ބޮޑަށް ވިސްނައި ސަމާލުވާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މުސްލިމުންގެ މައްޗަށްއޮތް ކަމަކީ ރަސޫލާއަށް ފުރައްސާރަ ކުރުންނޫން ކަމަށާއި ކުރަންވީ ކަމަކީ އެކަލޭގެފާނަށް މާތްކޮށްހިތައި ނަސްރު ދިނުން ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. "ﷲއާ ރަސޫލާއަށް މާތްކޮށް ހިތުމާއި ނަސްރު ދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް. އެކަލޭގެފާނު ކުރައްވާ ހުކުމަކަށް ދެކޮޅު ހެދުމެއްނެތް. އެޙުކުމެއް ގަބޫލުކުރުން ނޫން ގޮތެއް ފުރިހަމަ މުސްލިމެއްގެ މައްޗަކަށްނެތް،" ޝައިޚް ވިދާޅުވިއެވެ.
ޤުރުއާނާއި ސުންނަތުން ދަލީލު ދައްކަވަމުން އިލްޔާސް ވިދާޅުވީ އީމާންތެރިކަން ފުރިހަމަ ކުރުމަށްޓަކައި އިޚްލާސްތެރިކަމާއި، ރަސޫލާ ދަސްކޮށްދެއްވި ގޮތަށް އަޅުކަން ކުރަންޖެހޭ ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
އިންސާނީ ޙައްގުތައް ނެތްކަމަށް ބައެއް މީހުން ވާހަކަ ދައްކާ ކަމަށާއި އިސްލާމްދީނުގައި ނެތް ހައްގެއް އިންސާނީ ޙައްގުތަކަށް ވަކާލާތު ކުރަމުންދާ މީހުންނަން ނުގެނެސްދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އިސްލާމްދީނުގައި ނެތް އިންސާނީ ޙައްގެ އެފަދަ މީހުން ގެނެސްދީފި ކަމަށްވާނަމަ އެފަދައިން ވަކާލާތު ކުރާ މީހުންނާ އެއްބަސްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.