އަނިޔާ ތަޙައްމަލުކޮށްފައިވާ ގިނަބަޔަކަށް އަވަހަށް އިންސާފު ލިބުން - ބަންޑާރަނާއިބުގެ މިއަދުގެ އުއްމީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެބުރުއަރީ ހަތެއް 2012 ވަނަ ދުވަހުގެ ހަދާންތައް އެކިފަރާތްތަކުން މިއަދު އެކިގޮތްގޮތަށް އާކުރަމުންދާއިރު ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާޙިމް ރިއްފަތު މިއަދު ސިފަކުރައްވަނީ ދިވެހި ތާރީޚުގެ "ކަޅު ދުވަހެއް" ގެ ގޮތުގައެވެ. ބަންޑާރަނައިބުގެ މިއަދުގެ އުއްމީދަކީ އެދުވަހުގެ އަނިޔާ ތަޙައްމަލުކޮށްފައިވާ ގިނަބަޔަކަށް އަވަހަށް އިންސާފު ލިބުމެވެ.

މިކަން ހާމަކޮށް ބަންޑާރަނާއިބު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަނިޔާ ތަޙައްމަލުކޮށްފައިވާ ގިނަބަޔަކަށް އަވަހަށް އިންސާފު ހޯއްދަވައި ދެއްވުމަށް ޓަކައި މަޖިލީހުގެ ކޮމެޓީ މަރުޙަލާގައިވާ އިންތިޤާލީ އިންސާފުގެ ބިލް ފާސްކޮށް ޤާނޫނަކަށް ހަދަން ޖެހޭ ކަމަށެވެ.

މިބިލު ސަރުކާރުން މަޖިލީހަށް ހުށެޅުއްވީ، ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި ތަޙްޤީޤްކޮށް، ތެދު ހާމަކޮށް އެފަދަ އަނިޔާތައް ތަކުރާރުވުން ހުއްޓުވައި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައިކަން ބަންޑާރަ ނާއިބް ފާހަގަ ކުރައްވައިފައި ވެއެވެ.

އިންތިޤާލީ އިންސާފުގެ ބިލުގައި ވަނީ ޖެނުއަރީ 2012 އިން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުވާލުމަށެވެ. މިބިލްގައި ކަނޑައެޅިފައިވާ މުއްދަތަކީ އެމްޑީޕީ ވެރިކަން ނިމުމަކާ ހިސާބަށް އައިސް މިހާރު ހިނގަމުންދާ ސަރުކާރު ފެށުމާ ހަމައަށް ހިނގާ ދިޔަ މުއްދަތެވެ.

ބިލްގައިވާ ގޮތުން މިޤާނޫނަށް ޢަމަލުކުރަން ފެށުމާއި އެކު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހެއް ޤާއިމް ކުރަންޖެހޭނެއެވެ. މިއޮފީސް އެކުލެވިގެން ވާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ 3 އޮމްބަޑްސްމަންގެ މައްޗަށެވެ. ތިން އޮމްބަޑްސްމަނުންގެ ތެރެއިން ޗީފް އޮމްބަޑްސްމަނެއް ކަނޑައެޅޭނެއެވެ. އޮމްބަޑްސްމަނުންގެ ހުނަންޖެހޭ ޝަރުތުތަކުގެ ތެރެގައި މުސްލިމަކަށް ވުމުގެ އިތުރުން ޢުމުރުން 30 އަހަރުން މަތީގެ މީހަކަށް ވާންޖެހެއެވެ. އަދި އެމީހަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވެގެން ނުވާނެކަމަށް ބިލުގައި ކަނޑައަޅައިފައި ވެއެވެ. އިންތިޚާބީ މަޤާމެއް ނުވަތަ ދައުލަތުގެ މަޤާމެއްވެސް އަދި ސިޔާސީ މަޤާމެއްވެސް އަދާކުރާ މީހަކަށް ވެގެން ނުވެއެވެ.

މަޤާމުން ވަކިކުރާ ޙާލަތެއްގައި މެނުވީ ޤާނޫނުގެ ދަށުން އޮމްބަޑްސްމަނުންނާ މަތިކޮށްފައިވާ މަސްޢޫލިއްޔަތުތައް އަދާކޮށް ނިމި އޮފީސް އުވެންދެން އެމީހުން މަޤާމުގައި ދެމި ތިބޭނެކަމަށްވެސް ބިލްގައި ބުނެއެވެ. އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަ ނައިބަށް ވެސް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.