ކުދި އަދި މެދު ފަނތީގެ ވިޔަފާރިތަކަށް މިއަހަރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ: ރައީސް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރު 450 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން، މިދިޔަ އަހަރުގެ ނިޔަލަށް 301 ވިޔަފާރިއަކަށް، ޖުމްލަ 335 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައިދެއްވައިފައިވާކަމަށެވެ.

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފުރަތަމަ ފަންޑެއްގެ ގޮތުގައި އެސް.އެމް.އީ އިނޮވޭޝަން ފަންޑެއް މިހާރުވަނީ އިފްތިތާޙްކޮށްފައި ކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"މި ފަންޑުގެ ތެރެއިން، ދިވެހި ޒުވާނުންގެ އީޖާދީ ޚިޔާލުތަކަށާއި ވިޔަފާރިތަކަށް ފައިސާ ލިބޭނެގޮތް ހަމަޖެހިގެންދާނެ. މިއީ، މިހާތަނަށް، ކުދި ވިޔަފާރިތަކާއެކު ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން، ވިޔަފާރީގެ ބޭނުންތަކަށް ފައިސާ ހޯދޭނެގޮތް ހަމަޖެހިގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ފަށްޓަވައިފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް، ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު، އަންނަ އޭޕްރިލް މަސް ތެރޭގައި ހަމަޖެހިގެންދާނެކަމަށް ވެސް ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް، މި ޕޯޓަލްއާ ގުޅައިލެވި، އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް، އަންނަ އަހަރުގެ ތެރޭގައި، އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.