ޝައްކުކުރެވުނު އެއްވެސް މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިފައެއް ނުވޭ

ޝައްކުކުރެވުނު އެއްވެސް މީހެއްގެ ގައިން ކޮރޯނާ ވައިރަސް ފެނިފައެއް ނުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުންނެވެ. ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ޝައްކުކުރެވުނު މީހުންގެ ޓެސްޓްގެ ނަތީޖާ ލިބިވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

"މި ބައްޔަށް ޝައްކު ކުރެވިގެން ލެބޯރެޓަރީ ޓެސްޓް ހެދުމަށް މިހާތަނަށް ރާއްޖެއިން ބޭރަށް ފޮނުވި ހުރިހާ ދިވެހިންގެ ސާމްޕަލްތަކުގެ ނަތީޖާ، ރޭގެ ވަގުތެއްގައި އަޅުގަނޑަށް ވަނީ ލިބިފައި. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން، އޭގެތެރެއިން އެކަކުވެސް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައެއްނުވޭ. މި ނުރައްކާތެރި ވަބާއިން އެންމެހައި ދިވެހިން މިންޖުކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން." ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރޯނާވައިރަސް މުޅިދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅަކީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ރިޔާސީ ބާޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް ސަރުކާރުން މެދުކަނޑައިލީ، ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނަ ކަމުގެ ޔަޤީންކަންވެސް ރިޔާސީ ބަޔާނުގައި ވަނީ ދެއްވައިފައެވެ.

" ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރަމުން މިއަންނަނީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި އޯގާވަންތަކަމާއެކު، ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޝައްކު ކުރެވުނު ތިން މީހުން ވެސް ވަނީ ކ. ފުނަދޫގައި އެކަހެރިކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.