ސަރުކާރުން ވަނީ ތަރައްޤީއާ ގުޅޭ 77 މަޝްރޫޢެއް އަލަށް ފަށައިފައި: ރައީސް

މިސަރުކާރުން ވަނީ މުޅިޖުމްލަ 67 ރަށެއްގައި ތަރައްގީއާ ގުޅޭ 77 މަޝްރޫޢެއް މުޅިން އަލަށް ފަށައިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ނޮވެމްބަރ މަސް ނިމުމުގެ ކުރިން 21 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މިހާތަނަށް 6 ރަށެއްގެ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތްވަނީ ފެށިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި 4 މިސްކިތެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް 6 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އިތުރު ދެ ރަށެއްގެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ވިހި ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިތުރު 14 ރަށެއްގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރެއިން މަދުވެގެން 20 ރަށެއްގެ ޢަމަލީ މަސައްކަތް ނޮވެމްބަރުގައި ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 12 ރަށެއްގެ ކުލާސް ރޫމްތައް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި 4 ސްކޫލެއްގެ ކޮންޓްރެކްޓް މިހާރުވަނީ ޙަވާލު ކުރެވިފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލްތަކާ ގުޅޭ ޖުމްލަ 35 މަޝްރޫއެއް ނޮވެމްބަރުގައި ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ފެނަކައިން ވަނީ 53 ޖަނަރޭޓަރު އެކިރަށްރަށަށް ފޮނުވާފައި ކަމަށެވެ. އެއީ ފައިސާއިން ބަލާކަމަށްވާނަމަ 150 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް 16 ރަށެއްގެ އިންޖީނުގެ ހުރިތަނުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.