ވޫހާންގައި ތިބި ދިވެހީންނަށް ދުވާލަކު ފަންސާސް ޑޮލަރު ދެއްވަނީ

ޗައިނާގެ ވުހާން ސިޓީގައި ތާށިވެފައިތިބި ދިވެހީންނަށް ދުވާލަކު ފަންސް ޑޮލަރު ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހަމަޖައްސަވައިފި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އެސިޓީން އުފަންވެ ދުނިޔެއަށް މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެ ފައިސާއަކީ އެސިޓީގައި ތިބި ދިވެހީން ކާބީތަކެތި ގަތުމަށް ދެއްވަން ނިންމެވި ފައިސާއެވެ.

ވައިރަސްގެ ސަބަބުން އެސިޓީވަނީ ބަންދުކޮށްފައެވެ. އެއްވެސް ބަޔަކަށް އެސިޓީން ބޭރަށް ނުނުކުމެވެއެވެ. އަދި ސިޓީއަށް ނުވެސް ވަދެވެއެވެ. އެގޮތަށް ކަންތައް ދިމާވުމުން ސިޓީގައި ވަނީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައެވެ.

އެސިޓީގައި 9 ދިވެހީން އެބަތިބި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން ދެއްވަން ހަމަޖެއްސެވި 50 ޑޮލަރުގެ ސަބަބުން އެމީހުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމީހުންގެ ތެރެއިން އެސިޓީން ނުކުންނަށް ބޭނުންވާ މީހުން ނެރުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގެ ތެރެއިން ސިޓީން ނުކުންނަށް ބޭނުންވަނީ 7 މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމީހުން އެތަނުން ނެރެ ވަރަށް އަވަހަށް ރައްކާތެރި ސަރަހައްދަކަށް ބަދަލު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހުން ގެންދަނީ ކޮންތާކަށް ކަމެއް މިނިސްޓަރ ވިދާޅެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.