(29 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާގުޅޭ)
އެދުވަހު ޒަނީން ދޮރު ހުޅުވިއިރު އޭނާއަށް ފެނުނީ ވަރަށް ބީރައްޓެހި މަންޒަރެކެވެ. ގޯތީގެ މެދުގައި ދޮންވެލި ފުންޏަކާއި ތެތްމަށި ފުންޏެއް ހުއްޓެވެ. ކަށިވެލި ފުނި ތެރޭގައި ހުސްފަޔާ ހުރެގެން މަންމަ އެ ވެއްޔާއި މަށި އެއްކުރަމުން ދިޔައެވެ. މަށި ގަށަމުން ދިޔައީ މަންމަގެ ފައިންނެވެ. ޒަނީން ބަލަން ހުއްޓައި މަންމަ އެ މަށީގެ ތެރެއަށް ފެން ޖަގެއް އޮއްސައިލިއެވެ. އެއަށްފަހު އަނެއްކާވެސް ވެއްޔާއި މަށި ރަނގަޅަށް އެއްކޮށް ގަށަމުން ދިޔައެވެ.
'މަންމާ. ކީއްތިކުރަނީ؟" ޒަނީން އެހިއެވެ.
"މިއުޅެނީ ފުރާޅު މަރާމާތު ކުރަން. ވާރޭ މޫސުން ކައިރިވަނީ. ފޫ ގޮސްފައި ހުރި ތަންތަން ނުބައްދައިފިނަމަ ވާރޭވެހެން ފެށުމުން ގޭތެެރެއަށް ފެން ފައިބާނެ."
"މަންމާ، ބަހައްޓާ. ތި މަސައްކަތް ކުރާނެ މީހުންނާއި ތަކެތި އެބަ ފޮނުވަން. ކުރަންޖެހޭ ހުރިހާ މަރާމާތެއް އެމީހުން ކުރާނެ." މަންމަ އެކަމަށް ދެކޮޅު ހަދަން ފެށުމުން ވެސް ޒަނީން ނުކުމެގެން ފެކްޓަރީއަށް ދިޔައެވެ.
"މި އުމުރުގައި ވެސް މަންމަ އުޅެން އެޖެހެނީ ހާދަ ހާލެއްގައޭ." ޒަނީން ހިތަށް އެރިއެވެ. ފެކްޓަރީއަށް ގޮސް އިދާރީ ކަންކަމާ ހަވާލުވެ ހުންނަ މީހާ އަށް މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދިނެވެ. އެރޭ ފެކްޓަރީން ނިމިގެން ގެއަށް ދިއުމުގެ ކުރިން މަސައްކަތް ނިންމައިލެވުނު ކަން އޮފިސަރު އޭނާއަށް އެންގިއެވެ. މަންމަގެ މަސައްކަތް އެދުވަހުން އެ ދުވަހަަށް ނިންމައިލެވުނީތީ ޒަނީން ވަރަށް ހިތްހަމަ ޖެހުނެވެ. އޭނާ އަވަހަށް ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ވިދިގެން އައި ދުވަހު މެންދުރު މަސައްކަތް ބަލައިލަން އޭނާ މަންމަގެ ގެއަށް ދިޔައެވެ. ޒަނީން ހައިރާންވިއެވެ. މަށި ފުނި ގޯތީގެ މެދުގައި އެހުރި ގޮތަށް ހުއްޓެވެ. ފުރާޅު މަތީގައި މަށި އަޅަން މަންމަ އޮތެވެ.
"މަންމާ، އެމީހުން ނާދޭތަ އިއްޔެ؟" އޭނާގެ އިރުޝާދާ އެއްގޮތަށް ހަވާލުކުރި މީހުން މަސައްކަތް ކޮށްފައިނުވާތީ ޒަނީން ހުރީ ވަރަށް ބޮަޑަށް ހިތްހަމަ ނުޖެހިފައެވެ.
"އެމީހުން އައި. އަަހަރެން އެމީހުން ފޮނުވީ ޒުބައިދާ މެންގެއަށް. އެ ފަކީރުގެ ފުރާޅު މަރާމާތު ނުކުރާތާ އެތައް އަހަރެއް ވެއްޖެ. ފާރުވެސް ގިރިގެން ފައިބަނީ. އެމީހުން ވަރަށް ރަނގަޅު. ވަރަށް ލަސްވަންދެން އުޅުނު. ޒުބައިދާ ހެނދުނު އައި، ދަރިފުޅަށް ޝުކުރު އަދާކުރަން."
ޒަނީން ހުރީ ހިތްހަމަ ނުޖެހިފައެވެ. "މަންމާ، އެމީހުން ފޮނުވީ މަންމަގެ ގެ މަރާމާތު ކުރަން."
"މިގެއަކު ނެތް މާ ބޮޑު މަރާމާތެއް ކުރާކަށް."
"އެހެންވިޔަސް ހުރި މަރާމާތެއް ކުރަންވާނެއެއްނު؟ މިއީ އަންހެނުންނަށް ކުރެވޭ ކަހަލަ މަސައްކަތެއް ނޫން. ފިރިހެނުުންގެ މަސައްކަތް."
"ޝުޖާއު ނިޔާވިފަހުން ކޮންމެ އަހަރަކުވެސް މި މަސައްކަތް ކުރަނީ މަންމަ އަމިއްލައަށް. ދިރިއުޅުމަށްވުރެ މި މަސައްކަތް ގައިމުވެސް ބުރައެއް ނޫން. ދެރަނުވޭ. މިއީ މަންމަގެ ދިރިއުޅުމުގެ ބައެއް." މަސައްކަތް ހުއްޓާނުލައި މަންމަ ވާހަކަ ދެއްކިއެވެ. މިހާރު އޭނާ އިނީ ތިލަ ކަންވާރަކަށް ގަށާފައި ހުރި މަށި އަޅާށެވެ. ޒަނީނަކަށް ބުނަންވީ އެއްޗެއް ކުރަންވީ ކަމެއް ނޭނގުނެވެ. ބަލަހައްޓައިގެން ހުރީއެވެ.
"ދަރިފުޅު ދޭ އަރާމުކޮށްލަން. މަންމަ އިރުކޮޅަކުން މިތަނުން ފައިބާނަން." ކަންވާރު ހިފައިގެން އަނެއްކާވެސް ފުރާޅު މައްޗަށް އަރަމުން މަންމަ ބުންޏެވެ. ޒަނީން ހުރި ތަނުގައި ހުރީއެެވެ.
މަންމަ އަނެއްކާވެސް ފުރާޅުމަތިން ފޭބިއިރު ޒަނީން ބަލަހައްޓައިގެން ހުއްޓެވެ. "އެހީއެއް ބޭނުންތަ؟" ޒަނީން އެހިއެވެ.
މަންމަ ހީނލިއެވެ. "ދަރިފުޅަށް ކޮށްދެވޭނީ ކޮންކަމެއް؟ ދަރިފުޅަކީ މިކަހަލަ ބުރަ މަސައްކަތް ކުރާ ކުއްޖެއް ނޫނެއްނު؟"
"އެހެންވިޔަސް މަންމަ މަސައްކަތްކުރާ ތަން ބަލަން ހުންނާކަށް ފަސޭހައެއް ނޫން. ތި ތަށްޓަށް މަށި އަޅައިދެންތަ؟ އޭރުން އިރުއިރުކޮޅާ މަންމަ ފައިބާކަށް ނުޖެހޭނެ."
ޒަނީން ގޭތެރެއަށް ފޮނުވޭތޯ މަންމަ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު ޒަނީން މަންމަގެ ވާހަކަ އަޑެއް ނޭހިއެވެ. ޒަނީން ޓައީ ނަގައި, ގަމީހުގެ އަތުކުރި އާއި ފަޓުލޫނުގެ ފައިކުރި އޮޅައިލިއެވެ. އަދި އިސްޓާކީނާއި ބޫޓު ވެސް ބޭލިއެވެ. މަންމަ ބަލި ގަބޫލުކޮށް ގޭތެރެއިން ބާ ފެންފައިވާނެއް ޒަނީނަށް ގެނެސްދިނެވެ. އެ ފައިވާން އޭނާއަށް އެތައް ތަނެއް ކުޑައެވެ. ޒަނީން ތަށްޓަށް މަށި އަޅަންފެށިއވެ. ފުރާޅު މައްޗަށް އެރުމުން އެހިސާބުގެ ހުރިހާ މަގެއް އޭނާއަށް ފެނެއެވެ. އަދި އެހިސާބު ގޭގޭގެ މީހުންނަށް އޭނާ ވެސް ފެނެއެވެ. މީހުންތައް ހައިރާންވެފައި އޭނާއަށް ބަލަން ފެށުމުން ފުރަތަމަ އުނދަގޫވިއެވެ. ނަމަވެސް އިރުކޮޅަކުން އެކަން ހަނދާން ނައްތާލާފައި ގަޔާވެގެން މަސައްކަތް ފެށިއެވެ. ސިމެންތި ހިފައިގެން ފުރާޅު މައްޗަށް އަރާ ކޮންމެ ފަހަރަކު ރަތްދަކަ އަވީގައި މަންމަ މަސައްކަތް ކުރާތަން ބަލަން އެތައް އިރެއް ވަންދެން ޒަނީން ހުރެއެވެ.
ދެެގަޑިއިރުތެރޭގައި ފުރާޅު މަރާމާތުކޮށް ނިންމާލާފައި މަންމަ ތިރިއަށް ފޭބިއެވެ. ޒަނީން ލައިގެން ހުރި ގަމީހާއި ފަޓުލޫނަށް މަށި ބުރާފައި ހުއްޓެވެ.
"ދެން އޮތީ ކޮންކަމެއް؟" ޒަނީން އެހިއެވެ. އަދި ވެސް ގޯތިތެރޭގައި ވެލި ފުންޏެއް ހުއްޓެވެ.
"މިހާރު މާ ލަސްވެއްޖެ. މިއަދަށް ދެން ނިންމައިލާނީ. ފުރާޅު މަތީގައި ކުލޭ ފަތުރާނީ މާދަމާ." މަންމަ ބުނެލިއެވެ.
"މަންމައަށް އެހީވާން އަންނާނަން." ދެން ހުރި މަސައްކަތް އަމިއްލައަށް ކޮށްފާނަމޭ ބުނީމާ ވެސް ޒަނީން ބުންޏެވެ.
އެރޭ ގެއަށް ދިޔައިރު ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ޒަނީނަށް އިހުސާސްކުރެވުނެވެ. އޭނާ ހުރީ ވަރަށް އުފާވެފައެވެ.
***
އަނެއްދުވަހު ހެނދުނު ހެނދުނާ އޭނާ މަންމަގެ ގެއަށް ދިޔައެވެ. އޭނާ ދިޔައީ ބާ ފައިވާނަކާއި ގަމީހާއި ފަޓުލޫނު ހިފައިގެންނެވެ. ގޭތެރޭގައި ހުރި ފަރުނީޗަރުތައް ބޭރަށް ނެރެން މަންމައާ އެހީވިއެވެ. އެއަށްފަހު ކުލޭ އެއްކުރުމަށްފަހު ތަށިގަނޑަށް އަޅައިގެން މަންމައަށް ގެންގޮސްދިނެވެ. ކޮޓަރި ނިންމާލާފައި މަންމަ އަސްކަނީގެ މަސައްކަތް ފެށިއެވެ. އެދުވަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި މަސައްކަތް ނިމިއްޖެއެވެ. ފަރުނީޗަރު ގޭތެރެއަށް ވައްދަންވެސް ޒަނީން މަންމައާ އެހީވިއެވެ. އެއަށްފަހު ގޯތިތެރޭގެ މަސައްކަތް ފެށިއެވެ. މަސައްކަތް ނިމުނީ އިރު އޮއްސެން ކައިރިވީފަހުންނެވެ.
އެއީ ޒަނީން މަންމައަށް އެހީވީ އެންމެ ފަހު ފަހަރެއް ނޫނެވެ. އެއީ ފެށުމެވެ. އޭގެ ދުވަސްކޮޅެއް ފަހުން ފާރުތަކުގައި ކުލަލާންވެސް އޭނާ މަންމައަށް އެހީވިއެވެ. ޒަނީން މަންމައަށް އެކި ކުލަކުލައިގެ މާ ފޮޅޭ ގަސް ގަނެދިނެވެ. އަދި ގަސްތަކުގެ ވަށައިގެން ގާ އަތުރަންވެސް އެހީވިއެވެ. ގަސް އިންދާފައި ހުރި ވަށިތަކުގައި ކުލަ ލައި، ގޭ ދޮރާށި މަރާމާތުކޮށްދިނެވެ.
ކޮޓަރިއަށް ވަނުމުން ޒަނީނަށް ކުރެވެނީ އާ ހަޔާތެއް ފެށުނުކަމުގެ އިހުސާސެވެ. އަމިއްލަ ގޭގެ ނުވަތަ ފެކްޓަރީގެ މަސައްކަތެއް އެގޮތަށް ކުރަންޖެހުނު ނަމަ އޭނާ ވަރަށް ލަދު ގަތީހެވެ. އެކަމަކު މިއަދު މަންމައާއެކު އެހައި ބުރަކޮށް މަސައްކަތް ކުރެވުމުން އޭނާއަކަށް ލަދު އިހުސާސެއް ނުކުރެވެއެވެ. އޭނާއަކީ ކުރިން ހުރި ޒަނީނެއް ނޫނެވެ. ރައްޓެހިންނަށް ވެސް އެކަން ފާހަގަކުރެވެން ފެށިއެވެ. އޭނާ މަސައްކަތުގައި އުޅެނިކޮށް މަރިޔަމް އަތުވެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟
ފަހުން ފަހުން އައިސް ޒަނީނަކީ އަވަށްޓެރިންނަށް ވެސް ބީރައްޓެހި މީހެއް ނޫނެވެ. މަގުމަތިން ދިމާވާ މީހުންވެސް އޭނާގެ ހާލުއަހުވާލު އަހައެވެ. ޒަނީން ވެސް އެމީހުންގެ ހާލުއަހުވާލު އަހައި ދިރިއުޅުމުގެ ކަންކަން އޮންނަ ގޮތް އޮޅުންފިލުވައެވެ. މިސްކިތުން ދިމާވާ އެންމެންނަށްވެސް ޒަނީން އެނގެނީ މަންމަގެ ދަނބިދަރީގެ ގޮތުގައެވެ. ފަހަކަށް އައިސް އޭނާ ގަވާއިދުން މަޣްރިބް ނަމާދުކުރަންވެސް ފެށިއެވެ. މަޣްރިބުން ނިމިގެން ޢިޝާ ނަމާދު ގަޑި ޖެހެންދެން މިސްކިތުގައި ގުރްއާން ކިޔަވަން މަޑުކުރެއެވެ. އެހިސާބުގައި އުޅޭ މީހުންނާ މާ ގާތްވެގެން އުޅޭކަށް ޒަނީން ބޭނުމެއް ނުވިއެވެ. ނަމަވެސް އެކަކު އަނެކަކަށް އަބަދު އެނގި، ކޮންމެ ދުވަހަކު އެތައް ފަހަރަކު ފެނިދެނިވާ ތަނެއްގައި އެއީ ފަސޭހަކަމަކަށް ނުވިއެވެ. އެހެންކަމުން މަންމަގެ ގޭގެ ދެ ފަރާތުގައި އުޅޭ އެންމެންގެ ނަމާއި، އެމީހުން ދިރިއުޅެން ކުރާ މަސައްކަތާއި، ޝައުގު ހުންނަ ދާއިރާތަކާއި، ކަންބޮޑުވުންތަކާއި، ހިތްހަމަ ޖެހުންލިބޭ ކަންތައް އޭނާއަށް އެނގުނެވެ. އިސާހިތަކު އެ މާހައުުލުގެ ދިރިއުޅުމަަށް ޒަނީން ހޭނުނެވެ.
އަވަށްޓެރިންގެ އިހުތިރާމާއި ގަދަރު ލިބެންފެށުމުން ޒަނީން ފުރަތަމަ ހީކުރީ އެއީ އޭނާގެ އަގު ބޮޑު ކާރާއި، މުއްސަނދިކަން ފެނި އެ ތަކެއްޗަށް ކުރާ އިހުތިރާމް ކަމަށެވެ. ނަމަވެސް އެއީ މަންމައާއި ޝުޖާއުގެ ހިތްހެޔޮކަމުގެ ސަބަބުން ކަން ފަހުން އޭނާއަށް އެނގުނެވެ. މަންމަގެ ދަނބިދަރިއަކަށް ވުމުން އޭނާއަށްވެސް އެ އިހްތިރާމާއި ލޯބި ލިބެނީއެވެ.
ކާރު ވެއްދޭ ވަރަށްވުރެ މަންމަގެ ގެ ހުންނަ މަގު ހަނިކަމުން ކުރިން ޒަނީންގެ ކާރު ބާއްވަނީ ތަންކޮޅެއް ދުރުގައި އޮންނަ މަގެއްގައެވެ. އޭނާ ހުންނަންޖެހެނީ ކާރަށް ގެއްލުމެއް ދީފާނެތީ އެފިކުރުގައެވެ. އެ ހިސާބުގައި ޕާކުކުރާ އެހެން އުޅަނދުތަކުގެ ޓަޔަރު ފެޅުމާއި ވިންޑްޝީލްޑަށް ގެއްލުންދޭ ވާހަކައަކީ އާއްމު ވާހަކައެކެވެ. ނަމަވެސް ޒަނީނަކަށް އެކަހަލަ ކަމެއް ދިމައެއްނުވެއެވެ. އާއްމުގޮތެއްގައި އޭނާ ކާރު ޕާކުކޮށް ތަޅުލާއިރު އެހިސާބުގައި ކުދިން އުޅެއެވެ. އަދި ކާރަށް ގެއްލުމެއް ވިޔަނުދޭނޭ ކަމުގެ ޔަގީންކަން އެކުދިން އޭނާއަށް ދެއެވެ. އެއީ ވެސް މަންމަގެ ދަނބިދަރިއަށް ވީތީ ލިބޭ އިނާޔަތެއްކަން އޭނާއަށް އެނގުނީ މާ ފަހުންނެވެ.
ދިރިއުޅުމާ މެދު ކުރިން ދެކެމުން އައިގޮތާ ޚިލާފަށް އެހެން ނަޒަރަކުން ބަލަން އޭނާއަށް މަންމަގެ ފަރާތުން ދަސްވިއެވެ. މަންމަގެ ބަހުން ނަމަ ފޮތްފޮތުން ނުލިބުނު ތޫނުފިލިކަން ޒަނީނަށް މިހާރު ލިބިއްޖެއެވެ. މަންމައަށް އެ މައުލޫމާތު ލިބުނީ ކޮންތަނަކުން ބާވައެވެ. އެއްދުވަހަކު އޭނާ މަންމަ ގާތު އެހިއެވެ. "މަންމައަށް ތިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟ ދރިއުޅުމަކީ ކޮބައިކަން އުނގެނެން ޚިލްވަތުގައި އިނުން ކަހަލަ ކަމެއް މަންމަ ކުރިންތަ؟"
"ނޫން." މަންމަ ހީނލިއެވެ. "ހިތާމައަކީ ރަނގަޅު މުދައްރިސެއް. ހިތާމަޔާ އެކީ ދިރިއުޅުމަކީ އެތައް ފިލާވަޅެއް ލިބޭ ކަމެއް. ކަންކަން ދަސްވާ ކަމެއް."
"ކޮން ހިތާމައެއް މަންމާ؟"
އެ ސުވާލަށް ޖަވާބުދޭކަށް މަންމަ ބޭނުމެއް ނުވިއެވެ.
"ވީކަމެއް ވީ މާ ކުރިން. ހިތްދަތި ކަމުގެ ވާހަކަ ދައްކާނަމަ، އެކަމެއް މިހާރަކު ނެތް. އެއީ ހިތްދަތިކަމެއް ނޫން. އެއީ މާޒީ. މާޒީގައި ދިރިއުޅެނީ ކީއްކުރަން؟"
މާޒީގެ އެއްވެސް ވާހަކައަކަށް މަންމަ އިޖާބަ ނުދޭކަން ޒަނީނަށް ފާހަގަކުރެވުނެވެ. އެކަން އިތުރަށް އޮޅުންފިލުވަން މަސައްކަތް ކުރުމުގެ ބަދަލުގައި ޒަނީން އެ މައުޟޫއު ދޫކޮށްލައެވެ.
މަންމަގެ ގޭގައި އުޅޭ ވަގުތު އޭނާއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އިހުސާސް ކުރެވެއެވެ. މީގެ ކުރިން ދުވަހަކުވެސް އެކަހަލަ އިހުސާސެއް ނުކުރެވެއެވެ. އެއްވެސް ރަސްމީ ހައިސިއްޔަތެއް، ޖެހިލުންވުމެއް ނެތި މެންދުރު ކާން އިންނައިރު އެއީ އާ ކަމެއް ހެނެއް ހިއެއް ނުވެއެވެ. އިހުސާސްކުރެވެނީ އެއީ އާދަވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. ބައެއް ދުވަސްދުވަހު މަންމަ މޭޒު މައްޗަށް ކުރީ ދުވަހުގެ ބާކީ ނަގައެވެ. ޒަނީނަކީ ކެއުމަށް ވަރަށް ފަރުވާތެރިވެ ކެވެނީ ކޯޗެއްތޯ ބަލާ މީހެކެވެ. އެކަމަކު މަންމަގެ އަތުން އެއްދުވަސް ވެފައި ހުންނަ ކާނާ ކަނީ އުފަލާއެކުއެވެ. މަރިޔަމާ ޚިލާފަށް، ހަނި މަގުތަކާއި، ފަގީރު އަވަށްގަނޑަަކަށް އޭނާގެ ހިތުގައި ނަފްރަތެއް ނުއުފެދެއެވެ. އަދި މަރިޔަމާ ޚިލާފަށް މަންމަ ގެންގުޅޭ ޖަނަވާރުތައް ދެކެވެސް އޭނާ ވަރަށް ލޯބިވެއެވެ. ޚާއްސަކޮށް ބުޅާ ދެކެއެވެ. ބުޅަލާ ކުޅެން އޭނާ ކިތަންމެ އިރަކުވެސް އިނދެދާނެއެވެ. ބުޅާވެސް އޭނާއާ ޚާއްސަ ގާތްކަމެއް ބަހައްޓާކަން އިހުސާސްކުރެވޭތީ އެވެ.
ޒަނީން މާޒީގެ ތެރެއަށް ގެއްލުނެވެ. އެއީ އިހަށް ދުވަހެވެ.
މަރިޔަމްގެ މަންމައަކީ އޭނާގެ މަންމައޭ ވެސް ބައެއް ފަހަރު އިހުސާސްކުރެވެއެވެ. އެ މަންމައެއް އޭނާއަކަށް ނޭނގެއެވެ. ހަނދާން ހުންނަން ފެށީއްސުރެ ދިމައެއް ނުވެއެވެ. މަންމައަކު އަމިއްލަ ދަރީންގެ ކަންކަން ބަލަހައްޓާ ފަދައިން މަރިޔަމްގެ މަންމަ އޭނާގެ ކަންކަން ބަލަހައްޓައެވެ. އޭނާއާ އަޅާލައެވެ. ފެށުނީއްސުރެ ބައެއްގެ މާ ބޮޑު އަޅާލުމެއް ނުލިބި އެކަނި މާއެކަނި ބޮޑުވި ދަރިއެއްގެ ހައިސިއްޔަތުން މީހުންނަށް ބަރޯސާނުވެ އުޅެން ޒަނީނަށް އެނގެއެވެ. އަމިއްލަ ކަންކަން ބަލަހައްޓަމުން އައީ އަމިއްލައަށެވެ. އެހެން ނަމަވެސް އޭނާގެ ހުރިހާ ކަމެއް ބަލައި އަޅާލާ މީހަކު ހުރިކަން އެނގުމުން ކުރެވެނީ އާދަޔާ ޚިލާފު އިހުސާސެކެވެ. މަންމަގެ ފަރާތުން ލޯބި ލިބެން ފެށުމަކީ އޭނާ ވަރަށް ގަޔާވާ ކަމަކަށް ވިއެވެ. އެހައި ލޯބިވާ މީހެއްގެ އަޅާލުމާއި ލޯބި ލިބިގެން މަރިޔަމް ބޮޑުވުމުން އޭނާގެ ހިތުގައި މަރިޔަމްގެ ދެކެ ކޮންމެވެސް ކަހަލަ ހަސަދަވެރިކަމެއް އުފެދުނެވެ. މަރިޔަމާއެކު އެގެއަށް ދާ ކޮންމެ ފަހަރަކު މަންމަގެ ފަރާތުން މަރިޔަމަށް ލިބޭ އަޅާލުމާއި ލޯބި ފެނުމުން އޭނާއަށް ވެސް އެ ލޯބި ލިބޭނެ ނަމައޭ ޒަނީންގެ ހިތަށް އަރައެވެ. ބޭރުން އައިސް މަރިޔަމް ގެއަށް ވަންނަ ކޮންމެ ފަހަރަކު މަންމަ މަރިޔަމްގެ ދެއަތުގަ އާއި ނިތްކުރީގައި ބޮސްދީ ގައިގައި ފިރުމައެވެ.
އެދުވަހު މެންދުރު މަންމަ ފެންވަރައިގެން، ތުވާލިން ބޯ ހިއްކަމުން އައިސް ކޮޓަރިއަށް ވަން ވަގުތު ޒަނީނަށް މަންމަގެ ރީތިކަން ފާހަގަކުރެވުނެވެ. އެއީ އޭނާގެ ލޮލާއި މަންމަގެ ލޯ ވައްތަރުކަން ޒަނީނަށް ފާހަގަކުރެވުނު ފުރަތަމަ ދުވަހެވެ. އެެހެން ގޮތް ގޮތުން ވެސް އޭނަަޔާ މަންމައާ ވަރަށް އެއްގޮތެވެ. މޫނުގެ ބައްޓަމާއި، ނޭފަތާއި، އިސްކޮޅާއި، ގައިގެ ކުލައާ – އެކަން ފާހަގަކުރެވުމުން އާދަޔާ ޚިލާފަށް ޒަނީން އުފާވިއެވެ. އެއާއެކު ބޭއިޚްތިޔާރުގައި އޭނާއަށް ބުނެވުނެވެ. "މަންމާ! ތީ އަހަރެންގެ އަސްލު މަންމަހެން ބައެއްފަހަރު ހީވޭ. އަހަރެންގެ ލޮލާއި މަންމަގެ ލޯ ވައްތަރުކަން ފާހަގައެއް ނުކުރެވޭތަ؟"
މަންމަ އެނދުން ތެދުވެގެން އައިސް ޒަނީންގެ ދެ ލޮލުގައި ބޮސްދިނެވެ. "ދަރިފުޅަށް ނޭނގުނަސް ދަރިފުޅުގެ ގިނަ ކަންކަން މަންމައާއި ވަރަށް އެއްގޮތް." މަންމަ ބުންޏެވެ.
ޒަނީން ސުވާލުގެ ނަޒަރަކުން މަންމައަށް ބަލައިލިއެވެ. "ދަރިފުޅު ތީ މަންމަގެ މަރިޔަމްގެ ފިރިމީހާ." މަންމަ ބުންޏެވެ. "މަންމަ މިދަނީ ކާން ހަދަން." އެހެން ބުނެފައި މަންމަ ކޮޓަރިން ނުކުތެވެ.
"ޒަނީން އޮތީ މަރިޔަމްގެ އެނދުގައި އޮށޯވެގެންނެވެ. އެހެން އޮވެ މަޑުމަޑުން އޭނާގެ ދެ ލޮލުގައި އަތް ޖައްސައިލިއެވެ. ޒަނީން އޮތީ ވަރަށް އުފަލުންނެވެ.
***
އެއްދުވަހަކު މެންދުރު ޒަނީން މަންމަގެ ގެއަށް ދިޔައެވެ. އޭރު މަންމަ އުޅުނީ މެންދުރަށް ކައްކާށެވެ. އާދައިގެ މަތިން އެތެރެއަށް ވަދެ މަންމަގެ އިންތިޒާރުގައި އޭނާ މަރިޔަމްގެ އެނދުގައި އިށީނެވެ. އެވަގުތު ޖެހިގެން ހުރި އެނދުގެ ބާލީސް ދަށުގައި އޮތް ކަރުދާސްކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހީވާ ގޮތުން އެއީ ފޮޓޯއެކެެވެ. އެއީ ކޯޗެއްތޯ ބެލުމުގެ ޝައުގުވެރިކަން އިތުރުވިއެވެ. އޭނާ ތެދުވެގެން ގޮސް ބާލީސްދަށުން އެ ފޮޓޯ ނެގިއެވެ. ފޮޓޯ ފެނުމާއެކު ހީވީ އޭނާގެ ގަޔަަށް ހޮނެއް އެޅީހެންނެވެ. ހުދާއި ކަޅުގެ އެ ފޮޓޯގައި ތިބި ތިން މީހުންވެސް އޭނާއަށް އެނގެއެވެ. ފޮޓޯގައި ހުރި ފިރިހެން މީހާއަކީ އޭނާގެ ބައްޕައެވެ. ބައްޕަގެ އުނގުގައި އިން ކުޑަކުއްޖާއަކީ އޭނާ އެވެ. އެކަމަކު އެ އަންހެން މީހާ... އެއީ ކާކުކަންވެސް ޒަނީނަށް އެނގެއެވެ. އެކަމަކު އެ އަންހެން މީހާއާއި އޭނާއާއި، އަދި އޭނާގެ ބައްޕައާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟
އެ ވަގުތު މަންމަ ކޮޓަރިއަށް ވަނެވެ. ދެއަތުން ފޮޓޯގައި ހިފަހައްޓައިގެން އެނދު ކައިރީގައި ޒަނީން ހުރިތަން އޭނާއަށް ފެނުނެވެ. "ޔާ ﷲ!" އޭނާއަށް ބުނެވުނެވެ. ޒަނީނާއި މަންމަގެ ހަތަރު ކަޅި ހަމަވިއެވެ. އެކަކުގެ މޫނުމަތިން ފެންނަނީ ބިރުވެރި ކަމެވެ. އަނެކަކުގެ މޫނުމަތިން ފެންނަނީ ގަބޫލުނުކުރެވިފައި ހުރި މަންޒަރެވެ.
ޒަނީންގެ ލޮލުން އެތައް ސުވާލެއް އޭނާއަށް ފެނުނެވެ. ޚަދީޖާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
"މަންމާ، މަންމަ ތީ ކާކު؟ ތީ އަހަރެންގެ..."
(ނުނިމޭ)
ވަރަށް ރީތި ހިސާބަކަށް މިއައީ
Zaneen ge mamma akaee kaakukan en'gumun Maryam ah vee kihinekkan varah balaahiy ebavey.mee Saalaar aa Imaamaa ge vaahaka liyunu meehaage vaahaka eh dhoa.mives varah reethi
Alhey. Haadha reethi hisaabakunney thi ninmaaleee... Dhen anehbai kiyaa hithun kehvanewkee noon... Vvvvv reethi ???