ކުޑަކުދިނަށް ޖިންސީ ގޯނާކުރާ މީހުން އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން: މަޖިލިސް

ކުޑަކުދިނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ފަސްނުޖެހި ކުރާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި އެބަޔާނުގައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަޖިލީހުން ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ފަސްނުޖެހި ކުރާނެ ކަމަށެވެ.

ތުއްތު ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާ ނިންމުންތަކެއް ނިންމަވައިފައެވެ.

ކުއްލި ބައްދަލުވުމުގައި އެކޮމެޓީގެ މުޤައްރިރު ހިންނަވަރުދާއިރާގެ މެމްބަރ ޖީހާން މަޙަމޫދު ވަނީ އެމައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ، އިތުރަށް ސާފްކުރަންޖެހޭ ކަންކަންހުރިކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ކަމާ ބެހޭ މުއައްސަސާތަކުން މަޢުލޫމާތު ހޯދުމަށާއި އަދި އެފަރާތްތައް ކޮމެޓީއަށް ހާޒިރުކޮށް މަޢުލޫމާތު ސާފްކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

މިރޭ 9 ޖަހާ އިރު ބާއްވާ ކޮމެޓީ ބައްދަލުވުމަށް ކަމާބެހޭ މުޢައްސަސާތައް ޙާޒިރުކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެ މުއައްސަސާތަކުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއާއި ކްރިމިނަލްކޯޓާއި ފުލުހުންގެ އިދާރާއާއި ފެމެލީ އެންޑް ޗައިލްޑް ޕޮރޮޓެކްޝަން ޑިޕާރޓްމަންޓް (އެފްސީޕީޑީ) އާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި ކަނޑުހުޅުދޫ ކައުސިލް ހިމެނެއެވެ. ކަނޑުހުޅުދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެކައުންސިލްގެ ރައީސްއެވެ.

ޢުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާގެ އާޢިލާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުޙުމަތު ކުރިންވެސް ކުރެވިފައިވާ މީހުން ތިބިކަމާއި އަދި އެކުއްޖާގެ މައިންބަފައިންނަކީ މަސްތުވާތަކެތީގެ ބޭނުންކުރާ ބައެއް ކަމަށްތުޙުމަތު ކުރެވޭބައެއްކަމަށް ޖީހާން ފާހަގަކުރެއްވިއެވެ. މިޙާލަތުގައި ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހިފައިވާ ކުއްޖެއްކަން އެނގޭއިރު، އެކަން ދައުލަތުގެ މުއައްސަސާތަކަށް އެނގިފައިވަނީ ކޮން އިރަކުތޯ ބަލަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޢުލޫމާތު މުޢައްސަސާތަކަށް ލިބިފައިވާނަމަ އެޅީ ކޮން ފިޔަވަޅެއްތޯ އާއި ފިޔަވަޅު ނާޅައި ވާނަމަ، ފިޔަވަޅު ނޭޅިވަނީ ކީވެގެންތޯ ބައްލަވަން ކޮމެޓީން ވަނީ ނިންމައިފައެވެ.

މިމައްސަލަ ނޫނަސް ބ. ގޮއިދޫގައި ހިނގާ ދިޔަ މައްސަލަވެސް ނުބެލި 10 އަހަރު ދުވަސް ވާންދެން އޮތްކަން ޖީހާން ވަނީ ފާހަގަ ކުރައްވައިފައެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދައުލަތުގެ ނިޒާމުގެ ތެރެއިން ހިނގަންޖެހޭ ގޮތަށް އެކަށީގެންވާ ސްޕީޑްގައި ރައްކާތެރިކަން ފޯރުކޮށްދެވިގެން ހިނގާތަނެއް ނުފެނޭ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިފަދަ ތުހުމުތުތައް ކުރެވިފައިވާ މީހުން މުޖުތަމަޢުގައި ތިބިކަން އެމީހުންނަށް އަދަބެއް ނުދެވޭކަން، އެހެންކަމުން މިމައްސަލަތަކުން ފެންމަތިވަނީ ކުޑަކުދިންނަށް ރައްތެރިކަން ފޯރުކޮށް ދިނުމުގެ ނިޒާމުގެ ވީކްކަން" ޖިހާން ވިދާޅުވިއެވެ.

ތުއްތު ކުއްޖާއަށް ޖިންސީގޯނާކުރި ދެކާފައިންގެ ފަރާތުން އެރަށުގެ އެހެން ކުދިންނަށް ވެސް ޖިންސީ ފުރައްސާރަކުރުމާއި ޖިންސީ ގޯނާ ކުރުމަށް މަސައްކަތް ކުރާކަމުގެ މަޢުލޫމާތު އެރަށުގެ މީހުންގެ ފަރާތުން ލިބިފައިވާ ކަން ޖީހާން ފާހަގަ ކުރެއްވިއެވެ. އެކަންކަން ރިޕޯޓްކޮށްފައިވާކަމަށް ވެސް މީހުން މަޢުލޫމާތު ދީފައިވާކަން ޖީހާން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަސައްލަތައް ރިޕޯޓްކުރުމާ ގުޅިގެން އަޅައިފައިވާ ފިޔަވަޅު ތަކަކީވެސް ކޮބައިތޯ ބަލަން ޖެހޭކަމަށް ވެސް ރޭގެ ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.