މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި އެންސްޕާއާއި ހައުސިންމިނިސްޓްރީން ސޮއިކޮށްފި

ދައުލަތުން މާލީއެހީތެރިކަން ލިބޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމާބެހޭ ގޮތުން މިނިސްޓްރީ އޮފްހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ދެމެދު ނޮން-ޑިސްކޯލްޝަރ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެންސްޕާ މެދުވެރިކޮށް ދައުލަތުގެ މާލީ އެހީ ލިބޭ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީގެ "މަގޭ ހިޔާވެހި" އޮންލައިން ޕޯޓަލްގެ ބޭނުމަށް ލިބިގެންދާނެއެވެ. އަދި އެ ބޭނުން ފިޔަވައި އެހެން ކަމަކަށް އެ ބޭނުމެއް ނުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެމައުލޫމާތު އެހެން ފަރާތްތަކާ ހިއްސާ ނުކުރެވޭނެ ކަމަށާއި ސިއްރެއްގެ ގޮތުގައި ހިފަހައްޓާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އެކަނިވެރި މައިންގެ މައުލޫމާތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައުލޫމާތާއި، ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެންމީހަކު ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ މައުލޫމާތާއި ޕޯޓަލް މެދުވެރިކޮށް ދެވޭނެއެވެ. އޭގެ އިތުރުން ކާބޯތަކެތި ގަތުމަށް މާލީ އެހީދެވޭ ފަރާތްތަތަކުގެ މައުލޫމާތު ވެސް ޕޯޓަލް މެދުވެރިކޮށް ދެވޭނެއެވެ.

އެންސްޕާއިން ހައުސިން މިނިސްޓްރީއަށް މި މައުލޫމާތު ފޯރުކޮށްދެނީ ޚާއްސަ އިލެކްޓްރޯނިކް ނިޒާމެއް މެދުވެރިކޮށެވެ. އެ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ޕޯޓަލްގައި ރަޖިސްޓްރީވާއިރު ސިއްރު ހިފަހައްޓާނެ ކަމަށ އެއްބަސްވާންޖެހެއެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ ސްޓޭޓު މިނިސްޓަރ އަހުމަދު ނަޝީދެއެވެ. އެންސްޕާއިން ސޮއިކުރެއްވީ ޑެޕިޔުޓީ ސީއީއޯ ރުގިއްޔާ މުހައްމަދެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.