ފުސްބިއްލޫރި - 21

(13 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޒަނީން، އެންމެ ފެކްޓަރީއެއް ހިންގާލަހިންގާލާ ތިހެން ހުރެވޭނީ ކިހާ ދުވަހަކު؟ އަހަރެމެންނަށް ލިބިފައިވާ އާޓުގެ ތައުލީމުގެ ބޭނުންކޮށްގެން ސެރަމިކްސްގެ ކިތަންމެ ކަމެއް ކުރެވޭނެ. މިއީ ވިޔަފާރި ފުޅާކޮށް ކުރިއަށްދިއުމުގެ ޖާގަ އޮތް ދާއިރާއެއް. ތަށިމުށީގައި އެކި ފަރުމާތައް ބޭނުންކޮށްގެން ތަޖުރިބާ ކުރެވިދާނެ. އެކްސްޕޯޓުކުރެވޭނެ ގޮތްތައް ހޯދިދާނެ." މަރިޔަމް ހުރީ ރަނގަޅަށް ވެސް އެކަމަށް ތައްޔާރުވެގެންނެވެ.

"އާ ޕްރޮޖެކްޓެއް ފަށައި އެ ވިޔަފާރި ހިންގަން ވަރަށް ގިނަ ވަގުތު ބޭނުންވާނެ." ޒަނީން ވިސްނާލާފައި ބުނެލިއެެވެ. "ކަރުދާހުގެ މަސައްކަތް ނިންމަން އެކަނިވެސް މަދުވެގެން ދުވާލަކު ފަސްގަޑިއިރު ހޭދަކުރަންޖެހޭނެ. އަދި މަސައްކަތް ފެއްޓުމުން..."

"ކޮންމެ މަސައްކަތަކީ ވެސް ވަގުތު ހޭދަވާނެ މަސައްކަތެއް. އެއީ އެނގޭ ކަމެއް. ކުރިއެރުން ބޭނުން ނަމަ އިތުރު ވަގުތު ވެސް މަސައްކަތް ކުރަންވާނެ." ޒަނީން ބުނި އެއްޗަކަށް މަރިޔަމް ފަރުވާލެއް ނުބަހައްޓައެވެ.

"އަހަރެން ކިހިނެއް އިތުރު ވަގުތު ހޯދަނީ؟ ދެތިން މަހުގެ ކަމެއް ނަމަ މާބޮޑު މައްސަލައަކަށް ނުވާނެ. އެކަމަކު ދެވަނަ ފެކްޓަރީ އެއް ހެދުމަކީ ތާއުމުރު އެކަމަށް ވަގުތު ހުސްކުރަންޖެހޭނެ ކަމެއް."

"ޒަނީން، ވިސްނައިލަބަލަ. އުމުރު ހޭދަކުރާނީ ތިހެން އެންމެ ފެކްޓަރީއެއް ހިންގާލަ ހިންގާލާތަ؟ ވިޔަފާރި ފުޅާކުރާކަށް ބޭނުމެއް ނޫންތަ؟ ނިކަން ބައްޕަ އަށް ބަލައިލަބަލަ. އަމިއްލަ ލޯ ފާމެއް އެބަހުރި، ހޮޓަލެެއް އެބަހުރި، އަދި ތިން ފެކްޓަރީ އެބަހިންގާ – ހަތަރުވަނަ ފެކްޓަރީ ގުނުމުގައި ނުހިމެނީ އެތަން ޒަނީނަށް ދީފައިވާތީ – އަދި ދަނޑުގޮވާންކުރާ ބިންތައް ވެސް އެބައޮތް."

"ތިކަން އޮތީ ތިހެން. އެކަމަކު އަހަރެންގެ ވިޔަފާރި ރަނގަޅަށް އެބަހިނގާ. އަހަރެން ހިތްހަމަޖެހޭ ވަރުވޭ."

"އަހަރެން މިބުނަނީ ތި ވާހަކަ. އެއީ ރަނގަޅަށް ހިނގަހިނގާ އޮތް ވިޔަފާރިއެއް. އެހެންވީމާ އެ ވިޔަފާރި ކުރިއަރުވަން އިތުރު ހިތްވަރެއް އަދި ވަގުތެއް ބޭނުމެއް ނުވާނެ. އެހެންވީމާ އެވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށްޓަކައި އާ މަޝްރޫއަކަށް އެ ވަގުތު ދޭންވީނުން. މި ކުޑަކުޑަ ގޭގައި މުޅި އުމުރު ހޭދަކުރާން ބޭނުންނުވާނެ ކަން ގައިމު. އަހަރެމެން ފަށަން މިއުޅޭ އާއިލާއާ މެދު ވިސްނައި ދަރީންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށް ވިސްނަންޖެހޭނެ. އަހަރެމެންނަށް ލިބިފައިވާ ފައިން އާޓުގެ އިލްމުގެ ބޭނުންވެސް ހިފަންވާނެ. ފެކްޓަރީގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމުން އެތަން ހިންގަން އަހަރެން އެހީވާނަން. ދެމީހުންނަށް މަސައްކަތް ބަހައިލާނީ."

"މަރިޔަމް، ވިހެއުމުން ތިބުނާހާ ވަގުތެއް މަރިޔަމަކަށް ނޯންނާނެ." މަރިޔަމަކަށް ޒަނީނަށް ވިސްނައެއް ނުދެވުނެވެ.

"ދަރިފުޅު ބަލަން މީހަކު ގެންނާނީ. އެހެން ނޫނަސް ދަރިފުޅާއެކު އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރާކަށް ނުވިސްނަން. އަދި އޭނާ ސްކޫލަށް ދާން ފެށީމާ ވަރަށް ގިނަ ވަގުތު އޮންނާނެ." މަރިޔަމް ހުރީ ޒަނީން ބުނެފާނެ ކޮންމެ އެއްޗަކަށް ތައްޔާރުވެގެންނެވެ.

ޒަނީން އަނގައިން ނުބުނެ އިނެވެ. އޭނާ ފަހަރަކު ސައިކޯވަރެއް ބޮމުން މަރިޔަމް ބުނި އެއްޗަކާ މެދު ވިސްނަމުން ދިޔައެވެ.

***

މިހާރު މަރިޔަމް އޮތީ އާ ފެކްޓަރީ އެއް ހުޅުވުމުގެ ސުރުޚީ އަޅާފައެވެ. އެހެންކަމުން ދޭތެރެއަކުން އެވާހަކަ ދައްކައެވެ. ޒަނީން އެއްބަސްވަންދެން ދުވާލާއި ރޭނގަޑު އޭނާ އެ ވާހަކަ ހުއްޓައެއް ނުލިއެވެ. ސިނާއީ މަސައްކަތަށް ބިން ދޫކުރާ ސަރަހައްދުން ލިބިފައި އޮތް ގޯއްޗެއް ޒަނީން އަތުގައި އެބައޮތެވެ. މަސައްކަތެއް ނުފެށި އޮންނަތާ ވެސް ލައްކަ ޒަމާން ވެއްޖެއެވެ. އެހެން އާ ފެކްޓަރީ އެއް އަޅަން ބިމެއް ގަންނާކަށް ނުޖެހުނެވެ. ފެކްޓަރީގެ ކަރުދާހުގެ މަސައްކަތް ފެށުމުން މަރިޔަމް ހަމައަކަށް އެޅުނެވެ. ޒަނީން މަޝްރޫއު ނިންމާނެކަން އެނގޭތީއެވެ.

ޒަނީނަކީ މީގެ ކުރިން އެހާ ބުރަކޮށް މަސައްކަތް ކުރި މީހެއް ނޫނެވެ. އެހެންކަމުން ދިރިއުޅުމުގެ މަތީން މުޅިން މާޔޫސްވާން ފެށިއެވެ. ހަވީރު ވާންވާއިރަށް މީގެ ކުރިން ގެއަށް އާދެވެއެވެ. އިރު އޮއްސުނީމާ ރައްޓެހިންނާއެކު ބޭރަށް ދެވެއެވެ. ނަމަވެސް މިހާރު ގެއަށް އާދެވެނީ ރޭނގަޑު ވަރަށް ދަންވާ ފަހުންނެވެ. ދުވާލާއި ރޭނގަޑު މަސައްކަތް ކުރަން ޖެހުމުން އިތުރަށް ސްޓްރެސް ވާން ފެށިއެވެ.

***

ދަރިފުޅު ސެރަމިކް ފެކްޓަރީ އެއް ހުޅުވަން އުޅޭ ވާހަކަ އަޑުއިވުމުން ޒަނީންގެ ބައްޕަ ވަރަށް އުފާވިއެވެ.

"ތީ ވަރަށް އަވަހަށް ކުރިއަރާނެ ވިޔަފާރިއެއް. މިއީ ތިކަހަލަ މަސައްކަތެއް ފަށަން އެންމެ ރަނގަޅު ވަގުތު. ދެތިން އަހަރެއް ތެރޭގައި މުޅިން ހަމައަކަށް އެޅޭނެ." ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ބައްޕަ ބުންޏެވެ.

ޒަނީނާއި މަރިޔަމް ވެސް މޭޒުދޮށުގައި ތިއްބެވެ. ބައްޕަ ވާހަކަ ދައްކަން ފެށީ އިތުރު ވަގުތު މަސައްކަތްކުރަން ޖެހޭ ކަމަށް ޒަނީން ބުނުމުންނެވެ.

ކަރުދާހުގެ މަސައްކަތް އުއްމީދު ކުރި މުއްދަތަށް ނުނިމި ދިގުލައިދަނީއެވެ.

"ބައްޕާ، ޒަނީން މި ޕްރޮޖެކްޓާ ވަރަށް ދެކޮޅު. ފުރަަތަމަ ބުނީ މިހާރުވެސް ވަރަށް ބުރަކޮށް އުޅޭ ވާހަކަ، އަދި އެކަހަލަ ޕްރޮޖެކްޓަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާނެ ވާހަކަ. އަހަރެން އަބަދު އެހެން ނުކީނަމަ އެންމެ ފެކްޓަރީއެއް ހިންގަން ހުންނާނީ." މަރިޔަމް ބުންޏެވެ. އެ މަޝްރޫއަކީ އޭނާގެ އިސްނެގުމަކަށް ވީތީ މަރިޔަމް ހުރީ ވަރަށް އުފަލުންނެވެ. "ބައްޕަ އަޅެ ބުނަބަލަ، މި ދުވަސްވަރު އެންމެ ފެކްޓަރީ އަކުން ލިބޭ އާމްދަނީ އިން ފުދޭނެތަ؟"

"ތެދެއް ޒަނީން، ބައްޕަ ވެސް މަރިޔަމާ އެއްބަސް. ވިޔަފާރި ފުޅާކޮށް ދިރިއުޅުން ތަނަވަސްކުރެވެން އޮތް އިރު އެ ފުރުސަތު ނަގައިލާނެ ކަމެއް ނެތް. މާދަމާގެ ހާލަތެއް އެއްގޮަތަކަށް ވެސް ނޭނގޭނެ." އޭނާ މަރިޔަމާ ދިމާއަށް ބަަލައިލިއެވެ.

މަރިޔަމާ އޭނާގެ ބައްޕަގެ ޚިޔާލު އެއްގޮތްކަން ޒަނީނަށް ރޭކާލީ އެވަގުތުއެވެ. ދެމީހުންގެ ވެސް ވިސްނުން ހުރީ ވިޔަފާރިއާއި ފައިސާއަށެވެ. އާޓިސްޓަކަށް ވީއިރުވެސް މަރިޔަމްގެ ވިސްނުން ހުރީ މުދަލާއި ތަކެތި ހޯދުމަށެވެ. ޒަނީނާ ކާވެނި ކުރުމުން މާލީ ހާލަތު ތަނަވަސްވެ ޒާތީ ދިރިއުޅުން އޭނާ ބޭނުންވާ ގޮތަށް ބައްޓަން ކުރަން ފަސޭހަވިއެވެ. ވަގުތު ހޭދަކުރަމުން ދިޔައީ ޕާޓީތަކަށް ދިއުމާއި ރެސްޓޯރެންޓުތަކުގައާއި، އާޓް މައުރަޒުތަކާއި، ވޯކްޝޮޕްތައް ހިންގުން ފަދަ އެކި ހަރަކާތްތަކުގައެވެ. ޒަނީނަށް ވުރެ ގިނައިން ރައްޓެހިންނާއެކު ވަގުތު ހޭދަކުރެއެވެ. ރައްޓެހިންނާއެކު އުޅުމުގެ އިތުރުން ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި އިސްލާމްއާބާދަށް ނުވަތަ ކަރާޗީއަށް ނުވަތަ ކޮންމެވެސް ބޭރު ގައުމަކަށް ދަތުރު ކުރެއެވެ.

ޒަނީން ހީކުރީ އެގޮތަށް އުޅެންޖެހުމުގެ ސަބަބުން ވަރުބަލިކަން އިހުސާސްކުރެވުމުން ދުވަސްކޮޅަކުން މަރިޔަމް ގޭގައި ގިނަ ވަގުތު ހޭދަކުރާން ފަށާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެއާ ޚިލާފަށް ބޭރުތެރޭގައި އުޅޭ ވަގުތު އިތުރުވީއެވެ. ބަލިވެ އިނުމާއި ދަރިއެއް ލިބުމަކުން އޭނާގެ ދިރިއުޅުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ގޭގެ ކަންކަން ބަލަހައްޓަން މަސައްކަތްތެރި ހީވާގި މީހުން ތިބޭކަމީ އޭނާގެ ނަސީބެވެ. ގޭގައި ގެންގުޅޭ ހުރިހާ މުއައްޒަފުންނަކީ ރަނގަޅަށް ތަމްރީނު ކޮށްފައިތިބި ވަފާތެރި މީހުންނެވެ. އެ ހުރިހާ އެންމެންނަކީ ވެސް ޒަނީންގެ ބައްޕަގެ ކުރީގެ މުއައްޒަފުންނެވެ. ހުރިހާ އެންމެންނަކީވެސް އިތުބާރު ހިފޭ މީހުންނެވެ. އެހެންކަމުން އިޖްތިމާއީ މަސައްކަތުގައި އުޅޭކަށް މަރިޔަމަކަށް ހުރަހެއް ނެތެވެ. ޒަނީނާއި މަރިޔަމް އެކުގައި އުޅެން ވަރަށް ވަގުތު ނުވެއެވެ.

ޒަނީނާ އިނދެގެން މިވީ އެއް އަހަރުތެރޭގައި އާޓިސްޓެއްގެ ގޮތުގައި މީހުންނަށް މަރިޔަމް އެނގި މަގްބޫލުކަން ހޯދިއެވެ. މައުރަޒުތައް ބޭއްވުމުގެ އިތުރުން އޭނާވަނީ ބުދު ހެދުމުގެ މަސައްކަތްވެސް ފަށާފައެވެ. އެހެންކަމުން ބުދުހަދާ މީހެއްގެ ގޮތުގައި ވެސް މަޝްހޫރުވިއެވެ. ސަރުކާރުގެ ބޮޑެތި އިމާރާތްތަކުގެ އިންޓީރިއަރ ޑިޒައިންކުރަން ވެސް އޭނާއަށް ލިބުނެވެ. އެއަށްފަހު މަޝްހޫރު ގަހަނާ ވިއްކާ މީހަކާ ބައިވެގެން އޭނާގެ އާ ގަހަނާތައް ފަރުމާ ކުރަން ފެށިއެވެ.

ފަހުން އޭނާ މަޝްހޫރުވީ ޒަނީން އަވާބްގެ އަނބިމީހާގެ ގޮތަކު ނޫނެވެ. ނަމަވެސް މިހާރު ޒަނީނަކީ އާޓިސްޓު އުއްމު މަރިޔަމްގެ ފިރިމީހާއެވެ. އެކަމާ ކަންބޮޑުވެގެނެއް ޒަނީން ނޫޅެއެވެ. އަނބިމީހާގެ ކާމިޔާބީއާ މެދު އޭނާ ފަޚުރުވެރިވެއެވެ. އޭނާއަކީ އަބަދުވެސް މަރިޔަމްގެ ހުނަރާއި ގާބިލުކަން ފާހަގަކުރި މީހެކެވެ. އަދި މިހާރު މަރިޔަމަށް ހައްގު ދަރަޖަ ލިބުމުން ޒަނީން އުފާވެއެވެ. ޒަނީން އެންމެ ހައިރާންވަނީ ދިރިއުޅުމާމެދު މަރިޔަމާ މަންމަ ގެންގުޅޭ ވިސްނުމުގެ ފަރަގު ބޮޑު ކަމުންނެވެ.

މަންމަގެ ހުރިހައި ވެސް އެއްޗަކީ ގެދޮރާއި ގޭގައި ގެންގުޅޭ އެއްޗެއްސެވެ. އެއީ މަރިޔަމް އެންމެ ފޫހިވާ ތަކެއްޗެވެ. މަންމަ ހުންނަނީ މިންވަރުކުރެއްވި ގޮތާ ރުހިގެންނެވެ. މަރިޔަމް ދުވަހަކުވެސް އެގޮތެއް ކަމަކު ނުދެއެވެ. މަންމަ ދެކެނީ އެކަނިވެރިކަމާއި ހިމޭންކަމަކީ އުފަލެއްގެ ގޮތުގައެވެ. މަރިޔަމަށް ކަމުދަނީ މީހުންގެ ތެރޭގައި ކާރޫބާރޫ ބޮޑު ތަންތަނުގައި އުޅުމެވެ. އަވަށްޓެރީންނާއި އެމީހުންގެ އުފަލާއި ހިތާމައިގައި މަންމަ ބައިވެރިވެއެވެ. މަރިޔަމްގެ އަވަށްޓެރިންނަކީ މުޅި ދުނިޔެއެވެ. އޭނާ އުޅެން ބޭނުންވީ މުއްސަނދި ދިރިއުޅުމެކެވެ. މަންމައާއި ދަރިއެއްގެ މިހައި ބޮޑު ފަރަގެއް ހުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

***

މިދިޔަ ހަފްތާގައި ޒަނީން އުޅެންޖެހުނީ ވަރަށް ބުރަކޮށެވެ. އެހެންކަމުން މަންމަގެ ހާލު ބަލައިލަން އެގެއަށް ވަދެލާނެ ވަގުތެއް ނުވިއެވެ. މިއަދުވެސް އޭނާ އެގެއަށް މިއައީ ވަރުބަލިވެފައި ހުރެއެވެ. ނުވަތަ އެގެއަށް އާދެވުމުގެ އަސްލަކީ ވަރުބަލިކަމެވެ.

"ދަރިފުޅު، ކޮންތާކު އުޅުނީ މިދިޔަ ހަފްތާގައި؟" ޒަނީން ފެނުމާއެކު މަންމަ އެހިއެވެ.

"ވަރަށް ބުރަކޮށް އުޅެންޖެހުނީ. އައު ފެކްޓަރީގެ ކަރުދާހުގެ މަސައްކަތް ނިންމައިލެވޭތޯ ބެލީ." ޒަނީން ބުންޏެވެ.

"އައު ފެކްޓަރީ...؟"

"އާނ މަންމާ، ސެރެމިކް ފެކްޓަރީއެއް ހަދަން މަރިޔަމް ބޭނުންވެގެން އުޅޭތީ."

މަންމަ އޭނާއަށް ބަލައިލިއެވެ. "ދެ ވިޔަފާރި އެއް ހިންގޭނެތަ ދަރިފުޅަށް؟"

"ތިއެއް ނޭނގޭ..." އޭނާ ހީނލިއެވެ. "އެކަމަކު ވިޔަފާރި ފުޅާކުރަންވެސް ޖެހޭ... އެކަމަކު އަހަންނަށް އަރާމުކޮށްލާނެ ވަގުތުކޮޅެއް ވެސް، އަދި އެހެން ކަމެއް ކުރާނެ ވަގުތެއްވެސް ނުލިބޭނެ."

"ދަރިފުޅުގެ ވިޔަފާރިން ފުދޭވަރުގެ އާމްދަނީއެއް ލިބެއެއްނުން؟"

"ނޭނގޭ، އެވަރުން ނުފުދެނީ ކަމަށްވެސް ވެދާނެ."

"އާމްދަނީ އިތުރުކުރަން ތިހާވަރުން އުޅެނީ ކީއްކުރަން؟"

ޒަނީން ހައިރާންވެފައި މަންމައަށް ބަލައިލިއެވެ. "މަންމާ އާމްދަނީ އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެއް."

"ކިހާވަރަކަށް؟ އެއް ފެކްޓަރީ އިން ލިބޭ އެއްޗަކުން މިއަދު ނުފުދެނީ. މާދަމާ ދެ ފެކްޓަރީ އިން ލިބޭ އާމްދަނީ އިންވެސް ނުފުދެނޭ... ދެން ތިންވަނަ ފެކްޓަރީ... އެއަށްފަހު ހަތަރުވަަނ ފެކްޓަރީ... އަބަދު ތިހެން ފުޅާކޮށްކޮށް ތިބެންވީ. ދާދި އަވަހަަށް ދަރިފުޅު ބައްޕައަކަށްވާނެ. ދަރިފުޅާއެކު އުޅެން ވަގުތު ހޯދަނީ ކިހިނެއް؟ ދަރިފުޅު ބަލައި ބޮޑު ކުރުމުގެ ޒިއްމާ ނަގަނީ ކާކު؟"

ޒަނީން ހިމޭނުން އިނެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭނގެއެވެ.

"ލިބެން އުޅޭ ދަރިފުޅަށް ވާރުތަވާނީ ކޯޗެއް؟ ފެކްޓަރީ ތަކާއި ބޮޑެތި ކާރުތައްތަ؟ ބޮޑު ގެއަކާއި ނުތަކާ ވަރަށް ބެންކުގައި ރައްކާކޮށްފައި ހުރި ފައިސާތަ؟ މޮޅެތި ޔުނިވަރސިޓީ ތަކާއި ބޭރު ގައުމަކުން ހޯދާ ޑިގްރީތަ؟ ދިރިއުޅެންވީ ގޮތް އޭނާއަށް ދަސްކޮށްދޭނީ ކާކު؟"

"މަންމާ މިއެއްނުން ދިރިއުޅުން ބިނާކުރާ ތަކެއްޗަކީ، އެހެންވީމާ ވާރުތަވާނީ ވެސް އެއް އެއްޗެހި."

"ތި ގޮތް ބަދަލުކުރޭ. ވާރުތައިން ރީތި އަޚްލާގާއި ރަނގަޅު ދިރިއުޅުމެއް ދަރިފުޅަށް ދަސްކޮށްދީ. ވާރުތައިން ލިބޭ މާއްދީ ތަކެއްޗަކުން ދިރިއުޅޭކަށް ނޭނގޭނެ."

ޒަނީން މަންމައާ ދިމާއަށް ބަލަން އިނެވެ.

މަންމަ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދަރިފުޅުމެންނަށް މިހާރު ހުރި ފެކްޓަރީ އިން ލިބޭ އާމްދަނީ އިން އުޅެވޭނެ. މިހާރުވެސް ދިރިއުޅުމުގެ މުުހުތާދުތައް ފުއްދައިގެން އިތުރުވާ ވަރަށް އާމްދަނީ ލިބޭ. އަގުބޮޑު ހުރިހާ އެއްޗެއް މިހާރުވެސް އަތުގައި އެބަހުރި"

"މަންމާ، ކިހިނެއް އެންމެ ފެކްޓަރީއަކުން ފުދޭނީ؟ ކޮންމެވެސް ކަމެއް މެދުވެރިވެގެން އެ ފެކްޓަރީ ބިމާ ހަމަވެއްޖެއްޔާ ކިހިނެއް ހަދާނީ؟ އެކުއެކީގައި އެކި ވިޔަފާރި ކުރުމުން ރައްކާތެރިކަން ކަށަވަރުވޭ." ގުރައެއް ހެން މަރިޔަމް ބުނި ހުރިހާ ވާހަކައެއް ތަކުރާރު ކުރަމުން ޒަނީން ދިޔައެވެ.

"ޒަނީން، މާތްރަސްކަލާނގެ ދަރިފުޅަށް އިރާދަކުރެއްވީ ފަގީރުކަން ކަމުގައި ވާނަމަ، އެއް ފެކްޓަރީ ކީއްކުރަން، ހަތަރު ފެކްޓަރީ ހުއްޓަސް އެއަކުން ސަލާމަތެއް ނުވެވޭނެ. ހަަތަރު ފެކްޓަރީ އެކުއެކީގައި ވެސް ބިމާ ހަމަވެދާނެ. ކިތަންމެ ގިނަ ޑޭމެއް ބިނާކުރިއަސް ފެން ބޮޑުވެއްޖެއްޔާ އެކަމުން ސަލާމަތެއް ނުވެވޭނެ. ﷲ އިންސާނަކަށް އިރާދަކުރެއްވީ ފެން ތިއްކަކަށް ކަމުގައިވާނަމަ، ކޯރެއްގެ އައްސޭރީގައި އިށީނދެގެން މުޅި އުމުރު އިނަސް ލިބޭނީ ހަމަ އެންމެ ފެން ތިއްކެއް."

ޒަނީން ލޯ މަރައިލިއެވެ.

"އިތުރު ވިޔަފާރިއެއް ފަށާނެ ކަމެއް ނެތް. ތި ފެކްޓަރީ ހިންގާ. އިތުރު އާމްދަނީ ހޯދާށޭ ކިޔާފައި މީހާ ހަފުސްވާ ވަރަށް މަސައްކަތް ކުރާނެ ކަމެއް ނެތް." އާދައިގެ މަތިން މަންމަ ވަރަށް ލޯބިން ޒަނީނަށް ވިސްނައިދެވޭތޯ ބެލިއެވެ. "އާއިލާއަށް ވަގުތު ހުސްކުރުމަކީ ފިރިންނާއި ބައްޕައިން ކޮންމެހެން ކުރަންޖެހޭ ކަމެއް. ފައިސާއިން ވަގުތާއި ލޯބީގެ ބަދަލެއް ނުދެވޭނެ."

"މަންމާ، މިއީ އަހަރެން އަމިއްލައަށް ކުރާ ކަމެއް ނޫން. މަރިޔަމް ބޭނުންވެގެން ކުރަންއުޅޭ ކަމެއް." އެންމެ ފަހުން ޒަނީނަށް ޖެހުނީ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.

"ޒަނީން، ދަރިފުޅު ކުރާނެ ކަންކަން ކަނޑައަޅަންވާނީ އަމިއްލައަށް. މަންމަ ދެންމެ ބުނި ގޮތަށް މަންމައަކު ގޭގައި ވަގުތު ހޭދަކުރުން މުހިއްމުވާ ފަދައިން ބައްޕަ ވެސް ގޭގައި ވަގުތު ހޭދަކުރަންޖެހޭ. ދަރިފުޅުމެން ދެ މީހުން އަބަދު ބޭރުގައި އުޅެންޏާ ކުއްޖާއާ އަޅާލާނީ ކާކު؟ އޭނާ ތަރުބިއްޔަތު ކުރާނީ ކާކު؟ ބީރައްޓެހީންގެ އަތް މައްޗަށް ކުއްޖާ ދޫކޮށްލަންތަ ބޭނުންވަނީ؟"

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.