(12 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މަންމާ! އަހަރެން އަމިއްލައަށް ދަސްކޮށްފާނަން." އޭނާ މާބޮޑަށް ލަދު ގެންފިއެވެ. "އެކަމަކު ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދުކުރުމަކީ ވަރަށް އުނދަގޫ ކަމެއް."
"އާނ، އެކަމަކު ހިތްވަރުކުރެވިދާނެ."
"އާނ، ކުރެވިދާނެ. އެކަމަކު ރޭގަނޑު ނުކުރެވޭނެ. އެހާއިރު ހުންނަނީ ވަރަށް ވަރުބަލިވެފައި."
"އެންމެ ރަނގަޅު ރޭގަނޑު ނަމާދު ދޫކޮށްލާ. އަނެއް ހަތަރު ނަމާދުކުރެވޭނެ."
"މެންދުރު ނަމާދު އެހާ ދިގު. އެއީ އަހަރެން އެންމެ ބިޒީ ވަގުތު. އެއީ މެންދުރު ކާ ގަޑިވެސްމެ." ދުވަސް ހޭދަކުރާ ގޮތަށް ބަދަލުގެނެސް، ނަމާދަށް މަސައްކަތް ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ.
"އެންމެ ރަނގަޅު. އަނެއް ތިން ނަމާދު ކުރޭ."
"މަންމާ، މަޣްރިބް ނަމާދުވެސް ވަރަށް އުނދަގޫ. އެގަޑީގައި އަހަރެން އުޅޭނީ ފެކްޓަރީގައި. ނުވަތަ ރައްޓެހިންނާއެކު ކާން ބޭރަށް ގޮސް. ނުވަތަ ކޮންމެވެސް އެހެން ކަމެއްގައި އުޅޭނީ..." އިރުއޮއްސުމާ ހަމައަށް އޭނާ ކުރަންޖެހޭ ހުރިހާ ކަމެއްގެ ލިސްޓެއް ކިޔައިލިއެވެ.
""އަޞްރު ނަމާދު ކުރެވޭނެތަ؟ އެއީ މާ ދިގު ނަމާދެއް ނޫން. އެއީ މަންމަ ކައިރިއަށް އަންނަ ގަޑިއެއްނު، ނުވަތަ އޮފީހުގައި އުޅޭ ގަޑި، ނޫންތަ؟"
ޒަނީން އިރުކޮޅަކު ވިސްނަން އިނެވެ. "އާނ، ޢަޞްރު ނަމާދު ކުރެވިދާނެ."
'އެންމެ ރަނގަޅު. މިހާރު ކުރަންވީނުން. ބަންގި އެ ގޮވީ ދެންމެ. މިސްކިތް ހުންނަ ތަން އެނގެއެއްނު. މިހާރު ދިޔައިއްޔާ ޖަމާއަތުގައި ބައިވެރިވެވޭނެ. ތާކިހަލެއެއް ދެންތަ؟" މަންމަ ތެދުވެ ތާކިހަލެއް ފެނޭތޯ އަލަމާރި ހާވަން ފެށިއެވެ.
ޒަނީން އަންތަރީސް ވިއެވެ. "މިހާރު؟ މިވަގުތު؟"
"އާނ، ކިހިނެއްވީ؟"
"އަހަރެން މި ވިސްނީ މާދަމާ ފަށާގޮތަށް."
ޒަނީނަށް ތާކިހާ ދީފައި މަންމަ ބުންޏެވެ. "މިއަދު ކިހިނެއްވީ؟ މިއަދު ފެށީމާ ކޮބާތަ މައްސަލައަކީ؟"
ތާކިހާ އަތުލައިގެން ޚިޔާލަކަށް ގެއްލިފައި ޒަނީން އިނެވެ.
"ކިހިނެއްވީ ދަރިފުޅާ؟"
"މަންމަ، އަހަންނަށް މިސްކިތަށް ދެވިދާނެ. އެކަމަކު އަހަންނަކަށް ނަމަދުކުރާކަށް ނޭނގޭ. އެހެންވީމާ މިސްކިތަށް ގޮސް ކީއްކުރާނީ؟"
ޒަނީންގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.
"އީދު ނަމާދު ކުރަމެއްނު..."
ޒަނީން މަންމަގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން ނަމާދެއް ނުކުރަން. އެހެން މީހުންނާއެކު ގޮސް އެމީހުންގެ ހަރަކާތްތައް ކޮޕީ ކުރަނީ. ނިމިގެން ދުއާއަށް ދެއަތް އުފުލައި ކޮންމެވެސް ދުއާއެއް ކުރަނީ."
މަންމަ ހިނިގަނޑެއް ޖަހައިލިއެވެ. "މިއަދުވެސް މިސްކިތަށްގޮސް އެެހެން މީހުންގެ ހަރަކާތްތައް ކޮޕީކުރެވޭނެއެއްނު. އެމީހުންގެ ފަހަތުން އެގޮތަށް ހަރަކާތްތައް ގެނައިމަ ރަނގަޅުވާނެ. އާދޭ، މަންމަ ވުޟޫކުރަން ދަސްކޮށްދޭނަން."
ޒަނީން މަންމައާއެކު ބޭރަށް ނުކުމެ މަންމަގެ އިރުޝާދުގެ ދަށުން ވުޟޫކުރިއެވެ. އެއަށްފަހު މިސްކިތަށް ދާން ނުކުތެވެ.
ފަނަރަ ވަރަކަށް މިނެޓުތެރޭގައި އޭނާ އެނބުރި އައެވެ. ލަދުން މޫނު ހުރީ ރަތްވެފައެވެ. ގޭތެރެއަށް ވަދެ އަވަސްއަވަހަށް މަންމަގެ އަތަށް ތާކިހާ ދިނެވެ.
"ނަމާދުކުރިންތަ؟" މަންމަ އެހިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ޒަނީން ބޯ ޖަހައިލިއެވެ. މަންމަ އޭނާގެ ނިތްކުރީގައި ބޮސްދިނެވެ. "ނަމާދުކޮށްގެން އައިމަ މޫނުމަތިން ފާޅުވާ ނޫރު ބަލާބަލަ."
"މަންމަ ތީ ނޫރެއް ނޫން." އޭނާ ހީނގަތެވެ. "އަަހަރެންގެ މޫނު ރަތްވެފައި މިިހިރީ ލަދުން. އަހަންނަކީ ޕަޓާނީ އެއް."
"މިރޭ ގެއަށް ދަމުން ނަމާދުގެ ތަފްސީލާއި ނަމާދުކުރާ ގޮތުގެ އިރުޝާދު ލިޔެފައި ހުރި ފޮތެއް ގަންނާތި. އޭރުން ނަމާދުކުރަން ދަސްވާނެ،"
ޒަނީން ގެއަށް ދިޔައީ މަންމަ ބުނި ކަހަލަ ފޮތެއް ގަނެގެންނެވެ. މަޑުމަޑުން ނަމާދުކުރަން ފަށައި، ގަވައިދުން ހުރިހާ ނަމާދެއް ކުރަން ފެށިއެވެ. ނަމާދަށް ދަނީ މިސްކިތަށެވެ. ނުވަތަ ފެކްޓަރީތެރޭގައި ކުރަނީއެވެ. މަންމަގެ ގޭގައި އުޅޭ ވަގުތު ދަނީ އެ ހިސާބުގަނޑުގެ މިސްކިތަށެވެ.
(ސޯޅަވަނަ ބާބު)
ޚަދީޖާއަށް އޭނާގެ ކޮނޑުމަތީގައި، ދުނިޔޭގެ ބުރަދަން އުފުލަން ޖެހުނެވެ. "އަހަރެން މަޒްހަރާ އިންނާންވީތަ؟ އަހަރެންގެ މާޒީއާ ބެހޭ އެއްވެސް އެއްޗެއް އޭނައަކަށް ނޭނގޭ. އެއީ ރަހުމަތެއްތަ ނުވަތަ ލައުނަތެއްތަ؟ ނޭނގުމެއްގެ ތެރޭގައި ބަހައްޓައިގެން އަހަރެން ދެކެ ލޯބިވާ މީހާއާ އިންނާންވީތަ؟ އޭނައާ ކާވެނި ނުކޮށްފިއްޔާ...؟ މަޒްހަރް ކަހަލަ އެހެން ފިރިހެނަކާ ދިމާވާނެތަ؟ އުފަލުގައި އުޅުމުގެ ހައްގެއް އަހަންނަށް ހަމަ ނެތީތަ؟ މިއީ އުފަލުގައި އުޅެން އަހަންނަށް ލިބޭ ފުރުސަތެއް. މި ފުރުސަތު ދޫކޮށްލާންވީތަ؟" އޭނާގެ ސިކުނޑި ބުރު ނޭގޭ ވަރަށް އެބަ އެނބުރެއެވެ. "އަހަރެންގެ ދީނުގައި އޮންނަ ގޮތުން... އެކަމަކު އަހަރެންގެ ކަޅު މާޒީ އަހަރެން ކުރިން އުޅުނު ދީނާއެކު ވަޅު ލައިފިން. އަހަރެންގެ އާ ހަޔާތް ފެށުނީ ދީން ބަދަލުކުރިފަހުން. މުސްލިމަކަށް ވީ ފަހުން އަހަރެން ފާފައެއް ނުކުރަން. ﷲއަކީ އަފޫކުރައްވާ ރަސްކަލާނގެ." ޚަދީޖާ އޮތީ އެނދުގައި އޮށޯވެގެންނެވެ. އޭނާގެ ހިތާއި ސިކުނޑި އެކަތި އަނެކައްޗާއި ހަނގުރާމަކުރަނީ އެވެ.
"އަހަރެން ވަރުބަލިވެއްޖެ. މިހާރު ގަޔަކު ވަރެެއް ނެތް. އަހަރެން ބޭނުންވަނީ އެންމެ ކަމެއް، އިތުބާރުކުރެވޭ ފިރިހެނެއް. އެމީހަކީ މަޒްހަރް. އޭނަޔާ ނުލައި އަހަންނަކަށް ނޫޅެވޭނެ..."
މަޒްހަރާ ކާވެނިކުރުމާ މެދު އޭނާ ގޮތް ނިންމިއެވެ.
***
"އަހަންނަކީ ވަރަށް ގިނަ ގޮތްގޮތުން މުސްކުޅި އާދަތައް ގަބޫލުކުރާ މީހެއް. ފުރަތަމަ ކަމަކީ ކާވެންޏަށް ފަހު ވަޒީފާއަށް ދިއުން ހުއްޓައިލައި، އަންތބެއްގެ ގޮތުގައި ގޭގައި އިނުން. ހެދުން އެޅުމުގައި ވެސް ހުޅަނގުގެ ސްޓައިލް ދޫކޮށްލުން. މިހާރު ހެދުން އަޅާ ގޮތް ބަދަލުކޮށް އަހަރެން ބޭނުންވަނީ އިރުމަތީ މީހުންގެ ސްޓައިލަށް ހެދުން އެޅުން. ގެއިން ބޭރަށް ދަންޏާ އިސްތަށިގަނޑު ނިވައިކުރަންވާނެ. ކުރީގެ އެއްވެސް ރައްޓެއްސަކާ ބައްދަލެއް ނުކުރެވޭނެ. ގެއަށްވެސް އެމީހުން ނުގެނެވޭނެ. އަހަންނާ އަހަރެންގެ މައިންބަފައިންނާ ޖެހިފައިވާ މައްސަލައާ މެދު ކަންބޮޑުވާނެ ކަމެއް ނެތް. އެމީހުންނާ ބައްދަލުވެއްޖެނަމަ އެމީހުންނަށް ފުރިހަމައަށް އިހްތިރާމް ކުރަންވާނެ. އަހަރެންގެ އެއްބަނޑު އެއްބަފާ ހުރިހާ ބެއިންނާއި ބޫނުންނަށް އިހްތިރާމް ކުރަންވާނެ."
"އަހަރެންގެ މައިންބަފައިން އެއްޗެއް ބުނެފިނަމަ، އެއީ ފާޑެއް ކިޔުން ކަމުގައި ވިޔަސް، އެމީހުންނަށް ރައްދު ދީގެން ނުވާނެ. ހިމޭނުން އިނދެ އެމީހުންގެ ހުރިހާ ވާހަކައެއް އަޑުއަހަންވާނެ. އަހަރެމެންނަށް ލިބޭނޭ ދަރީންވެސް އެގޮތުގެ މަތިން ތަރުބިއްޔަތުކޮށް އެ އަޚުލާގު ދަސްކޮށްދިނުމަކީ ޚަދީޖާގެ ޒިއްމާއެއް."
"އަދި އަހަރެމެން އުޅޭނީ މިކޮޅުގައި. އެއީ ވަގުތީ ގޮތުން. ރަނގަޅު ދަނޑިވަޅެއް ބަލާފައި އެނބުރި ޕާކިސްތާނަށް ދާނީ. އެކަމާ އެއްވެސް ވަރަކަށް ދެކޮޅު ހަދައިގެން ނުވާނެ. އަހަރެންގެ ދަރީންނަށް އެނގެންވާނެ މިއީ އެމީހުންގެ އަމިއްލަ ގައުމު ނޫންކަން. އަހަރެމެން މިތާ މިތިބީ ވަގުތީ ގޮތުންކަން. އެކުދީންނަށް އެކަން އަންގައި ދިނުމަކީވެސް ޚަދީޖާގެ ޒިއްމާއެއް. އަހަރެމެންނަށް އަންހެން ކުއްޖެއް ލިބިއްޖެނަމަ ވީހައިވެސް އަވަހަކަށް – އޭނައަށް ހަތަރު އަހަރު ނުވަތަ ފަސް އަހަރުގައި އަހަރެމެން މިގައުމު ދޫކޮށް ދާނަން. ކަންދިމާކުރާ ގޮތަކުން މިތާ އުޅެންވެސް ޖެހިދާނެ. އެކަމަކު މިގައުމުގެ އެއްވެސް އާދަކާދައެއް ބަލައިގަންނާނޭ އެއްވެސް ހާލަތެއް ނާންނާނެ. ޚަދީޖާ އުޅެން ވާނީ އަހަރެންގެ އާއިލާގެ އެހެން އަންހެނުންވެސް އުޅޭ ގޮތަށް. އާއިލާގެ ރުހުންނެތި ކާވެނި ކުރެވުނަސް ޚަދީޖާއާ ބެހޭ ގޮތުން ނޭދެވޭ އެއްވެސް ވާހަކައެއް ދައްކާނެ ފުރުސަތެއް އެމީހުންނަކަށް ނުދޭނަން." މި ހުރިހާ ވާހަކައެެއް ދެކެވުނީ ކާވެނީގެ ހަފްލާ ނިންމާފައި ގެއަށް އައިހެވެ. މަޒްހަރްގެ އަޑުގައި ހުރި ހަރުކަށިކަމުގެ ސަބަބުން ޚަދީޖާ އިނީ ނުތަނަވަސްވެފައެވެ. ދުވަހަކުވެސް މަޒްހަރްގެ މޫނުމަތިން ހިނިތުންވުމެއް ނުފެންނާނެއޭ އެވަގުތު އޭނަގެ ހިތަށް އެރިއެވެ. އެ ދަނޑިވަޅު މަޒްހަރް ހީނލިއެވެ.
"އެހުރިހާ ކަމެއް ފިޔަވައި، އަހަންނަކީ ޚަދީޖާގެ މިލްކެއް... އެއްވެސް ޝަކުވާއެއް އޮތިއްޔާ މެންދަމުން އަލިވެ ތިނެއް ޖަހާފަހުން ވެސް އަހަންނަށް ގޮވައި އަހަރެން ހޭލެއްވޭނެ. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވިއަސް ބުނެވޭނެ. ރުޅި އަތުވެއްޖެނަމަ ރުޅިވެސް ބޭލޭނެ. މި ގޭގައި މިހިރަ އެއްޗެއްސަކީ ޚަދީޖާގެ އެއްޗެހި. ބޭނުން ގޮތަކަށް އެ އެއްޗެހި ހޭދަކުރެވޭނެ، ބޭނުން އެއްޗެއް ގަނެވޭނެ. އޭގެ ބަދަލުގައި ޚަދީޖާގެ ފަރާތުން އަހަރެން އެދެނީ އެންމެ ކަމަކަށް. އިތުބާރާއި ވަފާތެރިކަން." މަޒްހަރް ވާހަކަ ނިންމައިލިއެވެ.
ޚާދީޖާ ބޯ ޖަހައިލިއެވެ.
***
މަޒްހަރްގެ ވާހަކަ އަޑުއަހަން އިން އިރު އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހިމޭނުން އިނީއެވެ. އޭނާ ދެއްކި ވާހަކަ ޚަދީޖާއަށް އެނގުނު ކަމެއް މަޒްހަރަކަށް ޔަގީނެއް ނުވެއެވެ. "މަޑުމަޑުން ވިސްނައިދޭނީ..." މަޒްހަރް ހިތާހިތުން ބުނެލިއެވެ.
އެކަމަކު އެއްވެސް ވާހަކަައެއް ތަކުރާރު ކުރާނެ ފުރުސަތެއް ޚަދީޖާ މަޒްހަރަކަށް ނުދެއެވެ. އޭނާ އުޅެން ފެށީ މަޒްހަަރް ބޭނުންވި ގޮތަށެވެ. ޖެހިގެން އައި ތިން އަހަރު އޭނާ ޝަލްވާރް ގަމީސް ނޫން އެއްޗެއް ލާފައި ހުއްޓައެއް މަޒްހަރަކަށް ނުފެނެއެވެ. ގޭތެރޭގައި ވެސް އޭނާ އުޅުނީ އިސްތަށިގަނޑު ނިވައިކޮށްގެންނެވެ. ކާވެންޏަށް ފަހު ކުރުކޮށް ބޯކޮށައިލާކަށްވެސް ނޫޅެއެވެ. ކާވެނީގެ ދެވަނަ ދުވަހު އަތުގައި ހުރި ދިގު ނިޔަފަތިިތައް ކަނޑައިލިއެވެ. އޭގެ ފަހުން އޭނާ ނިޔަފަތި ދިގުކުރި ތަނެއްވެސް މަޒްހަރެއް ނުދެކެއެވެ.
މަޒްހަރާއެކު ނޫންގޮތަކަށް އޭނާ ބޭރަކަށް ނުދެއެވެ. ބާޒާރަށް ދަނީ މަޒްހަރާއެކުއެވެ. އިސްލާމިކް ސެންޓަރަށް ގަވައިދުން ދެއެވެ. މަޒްހަރް ހެނދުނު އޮފީހަށް ދަނީ އޭނާ އެތަނަށް ލާފައެވެ. މެންދުރު ކާން އަންނައިރު އަންނަނީ ގޮވައިގެންނެވެ. އެއްދުވަހަކު މަޒްހަރް އޮފީހުގެ ކަމެއްގައި އުޅޭތީ އެކަނި ގެއަށްދާން ބުނީމާވެސް މަޒްހަރް ނިމެންދެން އެތަނުގައި މަޑުކުރީއެވެ. މެންދުރު ކާގަޑިއަށް މަޒްހަރަށް ނާދެވޭ ދުވަސްދުވަސް ގިނަވާން ފެށިއެވެ. އެކަމަކު ނިމިގެން ބަލާ އަންނަންދެން ޚަދީޖާ އެތަނުގައި މަޑުކުރެއެވެ.
އެކަނި ގެއަށް ދިޔައަސް މައްސަލައެއް ނެތްކަމަށް މަޒްހަރު ބުނުމުން ވެސް އޭނާ އެކަނި ދުވަހަކުވެސް ގެއަކަށް ނުދެއެވެ. "އަހަރެން އެކަނި ނުދާނަން ގެއަށް. މަޒްހަރްގެ އަމިއްލަ ކާރެއް އޮވޭ. އަަހަރެން ގެންގޮސް، ގެނެސްދީ ހެދުމަކީ މަޒްހަރްގެ ޒިއްމާއެއް. ކާރަށް އަޅާ ތެޔޮ ގަނެވޭނޭ ތަނަވަސްކަން އެބަހުރި. ހަމައެކަނި މައްސަލައަކީ ކާރުތެރޭގައި ކާންޖެހޭތީ... އެއީ މައްސަލައަކަށް ވަނީ ކިހިނެއް؟ ގިނަ ފިރިން އެއަށްވުރެ މާ ބޮޑެތި ކަންކަން ގުރުބާންކުރޭ. އެހެންވީމާ އަހަރެން އެކަނި ގެއަށް ފޮނުވަން އުޅެނީ ކީއްވެ؟"
އޭގެ ފަހުން ދުވަހަކުވެސް މަޒްހަރު އެ މައުޟޫއަށް ވާހަކައެއް ނުދައްކައެވެ.
ދޭތެރެއަކުން އެމީހުންގެ މަޒްހަރްގެ ރައްޓެހީންނަށް ޒިޔާރަތްކުރެއެވެ.
އެމީހުންގެ އަނބިންނާ އަޅާބަލާފައި ޚަދީޖާ ކަހަލަ އަނތްބެއް ލިބުނީީތީ އެކަމާ ފަޚުރުވެރިވެއެވެ. އޭނާގެ އެކުވެރީންގެ އަނބިންނަކީ ޕާކިސްތާނު މީހުންނެވެ. އެކަމަކު އެއީ ޚަދީޖާ ކަހަލަ މުސްލިމުންނެއް ނޫނެވެ. ނަމުން މުސްލިމުންނެވެ. އިސްލާމިކް ސެންޓަރުން ޚަދީޖާ ޤުރްއާން ކިޔަވަން ދަސްކުރިއެވެ. ޕޮޝްތޫ ބަހާއި އާއި އުރްދޫބަސް ވެސް ދަސްްކުރިއެވެ. ވިހެއުމަށްފަހު ކުރިން ދާ ގޮތަށް ގަވައިދުން އިސްލާމިކް ސެންޓަރަށް ނުދެވެއެވެ. މަޒްހަރް އޭނާއަށް ޤުރްއާން ކިޔަވައިދޭން ފެށިއެވެ. އޭނާ ހުންނަނީ ވަރަށް އުފަލުންނެވެ. އަދި އެގޮތަށް ދިރިއުޅުން ކުރިއަށް ގެންދިއުމުގެ އުއްމީދުގައެވެ. އޭނާއަށް ނޭނގުނީ އެންމެ ކަމެކެވެ. ތޫފާނެއް ބޯމަތިވެފައިވާ ކަމާއި، އެ ތޫފާން އޭނާގެ މުޅި ދިރިއުޅުން ދޮވެލާނެ ކަމެވެ.
***
ބޮޑު މައްސަލަގަނޑަކަށް ވާނޭ ކަމަށް ހީކުރި ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. ޚަދީޖާ ވެސް މާޒީއަށް ދޫކޮށްލި ދިިރިއުޅުމަކީ އަންދާނެއް ކަހަަލަ ދިރިއުޅެމެކެވެ. މަޒްހަރް އޭނާ ގާތު އެދުނު ކަންތައްތަކާ މެދު އޭނާ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވެއެވެ. ކާވެންޏަށް ފަހު ގެއަށް އައިސް މަޒްހަރް ވާހަކަ ދައްކަން ފެށުމުން އޭނާގެ ހިތަށް އެރިއެވެ. "މަޒްހަރް، އަހަންނަށް ތި ދިނީ އަގުނުކުރެވޭނޭ ހަދިޔާއެއް، އެހެންވީމާ މަޒްހަރަށް އަހަރެން ކިޔަމަން ނުވާންވީ ކީއްވެ؟ އަހަންނަށްޓަކައި މުޅި އާއިލާ ދޫކޮށްލާފައި ތިއައީ. ދުވަހަކުވެސް ހިނދުކޮޅަކަށް ވެސް ކަންބޮޑުވާނޭ ފުރުސަތެއް ނުދޭނަން."
އެއީ މަޒްހަރް ދެއްކި ވާހަކައާ މެދު އޭނާގެ ހިތަށް އެރި ވާހަކަައެވެ. ނާމުމްކިން ކަމެއް ކަމަށް ޚަދީޖާ ހީކުރި ކަންތައް އޭނާއަށް ހާސިލުވެއްޖެއެވެ. މާޒީ ހިތަށް ގެނަޔަސް ބިރުވެރި ހުވަފެނަކާ އެއްވަރެވެ. "އެއީ އަހަންނާ މާ ދުރުގައިވާ ދިރިއުޅުމެއް..." އޭނާ ދޭތެރެއަކުން އަމިއްލަ ނަފްސަށް ހަނދާންކޮށްދެއެވެ. "މާ ދުރުގައި..."
އޭނާއަށް ވާނެ ނަމަ ގޭތެރޭގައި އިނީހީ ދުނިޔެއަށް ނުފެންނާނެހެން ގޭގެ ކުޑަދޮރުތަކާއި ބޮޑުދޮރުތައް ލައްޕައިގެންނެވެ. އޭރުން އެއްވެސް މީހަކާ ދިމައެއް ނުވާނެއެވެ. މީހަކަށް ނުފެންނާނެއެވެ. އަމިއްލަ ނަފްސު ވަށައިގެން ފާރެއް ލެވޭނެ ނަމައޭ ވެސް ހިތަށް އަރައެވެ. އޭރުން އެއްވެސް މީހަކަށް އޭނާއާ ގާތަށް ނާދެވޭނެއެވެ. ދުނިޔެއަށް ފިލާ އިނދެވޭނެއެވެ. ފިރިމީހާ ނޫން އެއްވެސް ފިރިހެނަކާ އެއްވެސް ގުޅުމެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. "ގެއާއި، ފިރިއަކާއި، ދަރިއެއް... މިއަށްވުރެ އަގު ބޮޑު ހަދިޔާއެއް ލިބޭނެތަ؟" އޭނާ ދޭތެރެއަކުން ހިތަށް އަރައެވެ.
"އަހަރެންގެ ފިރިމީހާ އެހެން އަންހެނުން ފަހަތުން ނުދުވާ ކަމާއި، މުޅި ދުވަސް ހޭދަކުރަނީ ގޭގައިކަން، އަދި ލިބޭ ކޮންމެ އެއްޗަކީ އަހަރެންގެ އެއްޗެއް ކަމާއި، އަހަރެން ދެކެ ލޯބިވާކަން، އަދި އަހަންނަށް އިހްތިރާމްކުރާކަން – މި ހުރިހާ ކަމެއް މިހެން އޮތިއްޔާ އަހަރެން އޭނާ ބޭނުންވާ ގޮތަށް ބޭރަށް ނުގޮސް ގޭގައި އިންނާނަން. އަދި މިގޮތަށް ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރަން ޖެހުނަސް ޝަކުވާއެއް ނެތް. އުފަލުން އުޅޭނަން." މިއީ މަޒްހަރްގެ ހަރުކަށި ފިކުރާ ބެހޭ ގޮތުން އޭނާގެ އެކުވެރިއެއްގެ އަންހެނުން ކުރި ސުވާލަކަށް ޚަދީޖާ ދިން ޖަވާބެވެ.
ޚަދީޖާގެ ޖަވާބުން އެމީހާ ހައިރާންވިއެވެ. "އަހަންނަށް ހީވަނީ މަޒްހަރަށް ވުރެ ބޮޑަށް ބޯދާޚިޔާލުގެ މީހަކީ ޚަދީޖާހެން." ހީނލާފައި އެމީހާ ބުންޏެވެ.
ޚަދީޖާ ހީނލިއެވެ. "އަހަރެން އުޅުނު ހާލު އެނގޭނަމަ އަހަރެންގެ ބޯދާ ޚިޔާލަށް މަލާމާތްކޮށް ނުހޭނެ. ރައްކާތެރިކަމާއި ސަލާމަތްތެރިކަމަކީ ގޭތެރޭގައި އިނުން ކަމަށްވާނަމަ، މި ޖަލުގައި އުފަލުން އުޅޭނަން." އޭނާ ހިތާހިތުން ބުނެލިއެވެ.
(ސަތާރަވަނަ ބާބު)
"ރޭގަނޑު... ހިމޭންކަން... މިލަ ހަނދުވަރު... ހުވަނދުން އެއްވަސްވެފައިވާ ޖައްވު... ހިމަފޮދު ވާރޭ... ވާރެޔާ ތެމިފޯވެފައިވާ ހަށިގަނޑު، ފައިތިލައިގެ ދަށުގައިވާ މަޚްމަލް ފޮތިހައި މަޑުމަޑު ބިން... އަމާންކަން... އުފާވެރިކަން... އޭނާ އިނީ އެހެން ޚިޔާލަކަށް ގެއްލިފައެވެ. އެހެން ދުނިޔެއެއްގައެވެ.
***
ޒަނީން، ހިނގާ ދެމީހުން ވެގެން ސެރަމިކް ފެކްޓަރީ އެއް ހަދަން.. އެކަމާ ވިސްނާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ." ހެނދުނު ނާސްތާ ކުރަން މޭޒުދޮށުގައި އިނދެފައި މަރިޔަމް ބުންޏެވެ. ޒަނީން ބޯން އިން ސައިތަށި ވަގުތުން މޭޒުމަތީގައި ބެހެއްޓިއެވެ.
"ސެރަމިކްސް އޭ؟ ސެރަމިކްސްއާ ބެހޭ އެކައްޗެއްވެސް އަހަންނަކަށް ނޭނގޭ."
(ނުނިމޭ)
Furihama
vaa vaa vvv salhi mnmge maazee kiaafoohi nuvey
miadhuge part kiyaalumun maadhamaage part vvv bodah kiyaalaahivvejje
maadhamaa akee vv dhigu inthizaarakah vaaney kn yqeen