ނިޒާރުގެ ޔަޤީން ވަޢުދު: ސިޓީގެ މޫނުމަތީގައިވާ ވީރާނާކަން ނައްތާލާނަން!

އައްޑޫސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޢަލީ ނިޒާރު ސިޓީގެ ރައްޔިތުންނަށް އެއްކަމެއް ޔަޤީން ކޮށްދެއްވައިފިއެވެ. އެއީ އައްޑޫ ސިޓީގެ މޫނުމަތި ޒީނަތްތެރި ކޮށްދެއްވުމެވެ. ފެންނަމުންދާ ވީރާނާކަން ނައްތާލައި ސިޓީއެއްގެ ހައިބަތު ފެންނާނެ ވަރުގެ ބަދަލެއް ގެނެސްދެއްވުމުގެ ޔަޤީން ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނުދާއިރާގެ ކުރީގެ މެމްބަރު ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި އެހެން ރަށްރަށުގެ މަލަމަތީންނާއި މޫނުމަތީން ފެންނަ ރީތިކަމަކާއި ޗާލޫކަމަކާއި ޒީނަތްތެރި ކަމެއް އައްޑޫ ސިޓީގެ މޫނުމައްޗަކުން ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ ވީރާނާ ސިފަތައް ކަމަށް  އޭނާ ވިދާޅުވިއެވެ.

ނިޒާރު ވެސް މޭޔަރުކަމަށް ކުރިމަތިލެއްވީ އެޖެންޑާއެއް ހިއްޕަވައިގެންނެވެ. އެ އެޖެންޑާގައި ހުންނާނީ ސިޓީއަށާއި ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަމެވެ. ރައްޔިތުން އެކަންކަމަށް އެދޭކަންކަމެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަފަހަރު ކާމިޔާބު ކުރެވިފައިވަނީ މަދުކަންކަމެވެ. ސަބަބުތަކާ ހެދިއެވެ. އެހުރިހާ ކަމެއް ހަނދާން ނައްތާލާފައި ހަމަ ޔަޤީނުންވެސް ސިޓީގެ މޫނުމަތި ޒީނަތްތެރި ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ނިޒާރު ވަޑައިގަންނަވަން ބޭނުންފުޅުވަނީ އެމްޑީޕީގެ ޓިކެޓުގައެވެ. ޓީކެޓު ހޯއްދެއްވުމަށް އޭނާ މިހާރުވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފައެވެ.

ނިޒާރަކީ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރަކަށް ހުންނެވި ދުވަސްވަރު ވެސް ރައްޔިތުންގެ ލޯތްބާއި ތާއިދު ހޯއްވައިފައިވާ މީހުންނާ ގުޅޭ ބޭފުޅެކެވެ.

ނިޒާރު މިހާރުވެސް ގެންގުޅުއްވާ ސިޔާސަތަކީ އައްޑޫގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރުމުގެ ސިޔާސަތެވެ. ސިޓީގެ ހުރިހާ އަވަށްތަކެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރެއްވުމަކީ އޭނާގެ އުންމީދެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުންނާއި ގުޅިގެން މަޝްވަރާއާ އެކު ރަށްރަށުގެ ނުވަތަ އަވަށްތަކުގެ މަލަމަތި ޒީނައްތެރި ކުރަން. އައްޑު އަށް ޓްއަރިޒަމްގެ ސިނާއަތް ފުޅާކުރަން ވިސްނާއިރު އައްޑުއަކީ ޓްއަރިސްޓުންނަށް ރުހެވޭނެ ހިތްގައިމު މާހައުލަކަށް ހަދަން ޖެހޭ،" ނިޒާރު ވިދާޅުވިއެވެ.

ދިގު މާޒީގައި އައްޑޫ ރައްޔިތުން ޙާސިލް ކުރަން ބޭނުންވެ ޙާސިލް ނުވެފައިވާ ކަންކަން ޙާސިލް ކޮށްދިނުމަކީ ނިޒާރުގެ އަމާޒެކެވެ. އެކަން ކުރެވޭނީ ބުރަ އެހާމެ ސީރިއަސް މަސައްކަތްތަކެއް ރައްޔިތުންނާ ގުޅިގެން ކޮށްގެން ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

އައްޑޫގެ މޫނުމައްޗަށް ޒަމާނީ ކުލަ ގެނެސްދީ އައުފަތިހަކަށް އިރުއަރާނީ މިއަހަރު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުގައި އައްޑޫސިޓީގެ މޭޔަރުކަމަށް ނިޒާރު އިންތިޚާބުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. "އައްޑޫ ސިޓީގެ މޭޔަރު ކަމަށް އަޅުގަނޑު އިންތިޚާބު ކޮށްދެއްވާ. ސިޓީގެ މޫނުމަތިން ފެންނަމުންދާ ވީރާނާކަމާއި އެކަހެރިކަން ނައްތާލައި ހިތްފަސޭހަ މަލަމައްޗެއް ރައްޔިތުންނަށް ހޯދައިދޭނެކަމީ ޔަޤީން ކަމެއް،" ނިޒާރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.