ހިތަދޫގެ 32 ފުލެޓަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިފި    

ގެދޮރުވެރިކުރުމުގެ ސަރުކާރުގެ ޕްރޮގްރާމްގެދަށުން އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ޑީ  ކެޓަގަރީ ގައި ހިމެނޭ 32 ފްލެޓަށް އެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

 އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ މި ފްލެޓްތަކަށް ކުރިމަތިލެވޭނީ އައްޑޫސިޓީ ހިތަދޫގެ ރައްޔިތުންނާއި  ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށުގެ ރަށްޔިތުންނަށް ކަމަށެވެ. މިއީ، ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޙަލާސްކުރާގޮތަށް، ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކެއް ކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.

ފުލެޓަށް އެދެން ބޭނުންވާ ފަރާތްތަކުން މިހިނގާ ޖެނުއަރީމަހުގެ 16 ވަނަ ދުވަހު 2:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމަށް ސިޓީކައުންސިލުން އެދިވަޑައިގެންފައިވެއެވެ.

  މިކަމަށް އެދޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާ އާއި އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އޭގެ އިތުރަށް އެ އިދާރާގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.