އެމްބަސީގެ ކާރެއް ބޭނުން ނުކުރަން، ނުވެސް ދެކެން: ޝިދާތާ

މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ކާރެއް އަމިއްލަކަމެއްގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ބޭނުން ކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކަށް އެކަމަނާ ރައްދު ދެއްވައިފިއެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްބަސީގެ ކާރު ބޭނުން ކުރުމުގެ ބަދަލުގައި ނުވެސް ދެކޭ ކަމަށެވެ. ކަމާބެހޭ ފަރާތްތައް މެދުވެރި ކުރައްވައިގެން ބެއްލެވިޔަސް އެކަން ސާފުވެގެންދާނެ ކަމަށް މިނިސްޓަރ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރ ޢާއިލާއާއެކު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެމްބަސީގެ ކާރު ބޭނުން ކުރެއްވި ކަމަށް ބުނެ އެމައްސަލަ ވަނީ އަމިއްލަ ފަރާތަކުން އޭސީސީއަށް ވެސް ހުށަހަޅާފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

"މެލޭޝިއާ އެމްބަސީގެ ކާރު ބޭނުންކޮށްފައެއް ނުވާނެ. އަދި ނުވެސް ދެކެން. އެކަން ކަމާބެހޭ ފަރާތްތަކުން ބެއްލެވުމުން ވެސް ސާފުވާނެ،" މިނިސްޓަރ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެކަމަނާ ވިދާޅުވެފައިވަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ ވަޢުދެއް ކަމަށެވެ. އެހެންކަމުން ވަޒީރަކާމެދުވެސް އެފަދަ ތުހުމަތެއް ކުރެވިއްޖެ ކަމަށްވާނަމަ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅައިގެން ބެލުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެން ވަޢުދުވީ ޚިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ހޯދައިދޭން. ސަރުކާރުގެ ވަޒީރަކާމެދުވެސް ކުރެވޭ ތުހުމަތެއް އޮތްކަމަށް ވާނަމަ އެފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން މިއަދު މިދަނީ ފެންނަމުން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.