އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އެފްސީ ބޭރުމަތި އަދި ގޯދިއްޔާ ބައްދަލުކުރި މެޗުގައި ބޭރުމަތީން ގޯދިއްޔާ ކޮޅަށް ފަސްލަނޑު ޖަހައިފިއެވެ. މިއީ މިމުބާރާތުގައި މިހާތަނަށް މިހާ ތަފާތު ބޮޑުކޮށް ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ.
އައްޑޫ ސިޓީކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާގެ މިއަދުގެ މެޗު ފަށައިގެން ދެވަނަ މިނިޓުގައި ބޭރުމަތި ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙަމަދު ސަބާހެވެ. ލީޑުގައި އޮވެ ކުޅެމުން ލީޑު ފުޅާކުރުމަށް އެޓީމުން ކުރަމުން ދިޔަ މަސައްކަތުން އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 39 ވަނަމިނިޓުގައި ކާމިޔާބުކޮށްދިނީ މޫސާ ވަހީދެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 އިން ބޭރުމަތި ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ ކުޅުން ފަށައިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ބޭރުމަތި ޓީމެވެ. ނަތީޖާއަކަށްވީ އެޓީމުގެ ތިންވަނަ ލަނޑު އެޓީމް ކާމިޔާބު ކުރުމެވެ. 50 ވަނަ މިނިޓުގައި އެލަނޑު ޖަހައިދިނީ އިބްރާހީމް ޝާހިދެވެ. އެ ޓީމުގެ 4 ވަނަ ލަނޑު މެޗުގެ 82 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އަޙުމަދު ޙަބީބެވެ. ބޭރުމަތީ ފަސް ވަނަ ލަނޑަކީ ގޯދިއްޔާގެ ޙަސަން ލައުހު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަތުން އެލަނޑު ވަދެފައިވަނީ މެޗުގެ 87 ވަނަ މިނިޓުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުރިހާ ގޮތަކުން ވެސް މޮޅަށް ކުޅުނު ބޭރުމަތީ ޓީމުގެ ޖާޒީ ނަމްބަރ 10 ހާޒިމް ފައުޒީ އެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސްއާއި އެފްސީ ޒެފިއާއެވެ.