އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

އައްޑޫ ސިޓީކައުންސިލުން މިއަހަރު ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިފިއެވެ.

" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 " ގެ ނަމުގައި ބާއްވާ މިމުބާރާތަކީ އައްޑޫ ސިޓީގެ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ.

މުބާރާތް ފަށާނީ އަންނަ ޑިސެމްބަރުމަހު 26 ގައެވެ. މުބާރާތް ކުރިއަށްދާނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

 މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން ބައިވެރިވުމަށް އެދޭ ފޯމުދޫކުރާނެއެވެ. ފޯމުތައް ލިބޭނީ އައްޑޫސިޓީ ކައުންސިލްގެ އިދާރާއި، ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމްތަކުން  ފޯމު ފުރިހަމަ ކުރައްވައި ޑިސެމްބަރު އެކެއްވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން ސިޓީކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މިއީ އައްޑޫސިޓީއަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގައި 7 ވަރަކަށް ޓީމް ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.