ފުސްބިއްލޫރި (10)

(26 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)

"ތީ ރަނގަޅު ވާހަކައެއް ނޫން މަރިޔަމް." ޒަނީންގެ އަޑުގައި ހުރީ އޭނާ މަސަލަސްކުރުމުގެ ރާގެވެ. "މަރިޔަމާ ބައްދަލުވީ ދުވަހު އަހަރެން ބުނިން މަސައްކަތުގައި އަހަރެން ބޭނުންވާ ފެންވަރު ހުރިނަމަ އެއާ އެކަށޭނެ އަގު ދޭނަމޭ."

"ފުރަތަމަ ބައްދަލުވީ ދުވަހު އަގުގެ ވާހަކަ ދެއްކީމަ ލަދުގަތް ވާހަކަ ބުނީ ދެންމެ. އަގުގެ ވާހަކަ ދެއްކީމާ ޒަނީނަށް ހީވީ އަހަރެންގެ މަސައްކަތުގެ އަޚުލާގެއް ނެތޭ. ބިޒްނެސް އެޑްމިނިސްޓްރޭޝަން ކިޔަވާދޭ ތަނަކަށް ގޮސް އަހާބަލަ އާ ޕްރޮޖެކްޓެއް ފަށާއިރު އެންމެ ފުރަތަމަ މަޝްވަރާކުރާ ކަމަކީ ކޮބައިތޯ. އެންމެ ފުރަތަމަ ކަމަކީ ބަޖެޓުކަމަށް އެމީހުން ބުނާނެ. އާޓުގައި ވެސް އަގެއް ހުންނަކަށް ބަޔަކަށް ރޭކާލާންދެން އަހަރެމެން އާޓިސްޓުން ގަނަތެޅޭންވީތަ؟ އިންތިޒާރުކުރާންވީ ކިހާ ދުވަހަކަށް؟ ކުރާ މަސައްކަތަށް ހައްގުވާ އަގު ހޯދަން އަހަރެމެން އާޓިސްޓޫންނަށް އެދެވޭނެ. ޒަނީން ކަހަލަ އާޓުގެ އަގު ވަޒަންކުރާ މީހުންނަށް އެކަން އެނގެންދެން އަހަރެމެން އާޓިސްޓުންގެ ހަށިގަނޑުގައި ދައުރުވާ ލޭ ކެންވާސް އަށް އަޅައި ހުސްކުރާންވީތަ؟ އިންތިޒާރުކުރަންވީ ކިހާ ދުވަހަކަށް؟"

"ވަކީލުންނާއި ޑޮކްޓަރުން ފަދައިން މަސައްކަތެއް ފެށުމުގެ ކުރިން އެމަސައްކަތުގެ އުޖޫރައިގެ ވާހަކަ ދެއްކުމަކީ އާޓިސްޓުންނަށް ވެސް ލިބިގެންވާ ހައްގެއް. އޭގެ މާނައަކީ ސަލާންޖަހާ މީހަކަށް ނުވަތަ މަސައްކަތުގެ އަޚުލާގު ދަށް މީހުންނަށް އާޓިސްޓުންވުމެއް ނޫން. އޭނާވެސް ދެނީ ޚިދުމަތެއް. އެއީ މީހުންގެ ޖަމާލިޔާތީ (އީސްތެޓިކް) ހިއްސަށް ހަމަޖެހުން ގެނެސްދޭ ޚިދުމަތެއް. އެކަމަކު ޒަނީން ކަހަލަ "ފަންނުގެ ލޯބިވެރީން" ދެކޭގޮތުގައި އާޓިސްޓެއްގެ މަސައްކަތަކީ ހަމައެކަނި ވައިއަޅުވައިގެން ހަމަޖައްސާލެވޭނެ އެއްޗެއް. ވައިއަޅުވައިގެން އަހަރެމެންގެ ބިލްތަކަށް ފައިސާ ދެއްކޭނެތަ؟ ވައިއަޅުވައިގެން އަހަރެމެންގެ ދަރީންގެ ސްކޫލް ޚަރަދު ހަމަޖެއްސޭނެތަ؟ ވައިއަޅުވައިގެން އަހަރެމެންގެ މޭޒުމައްޗަށް ކާނާ އެރުވޭނެތަ؟ ޚުޝާމަދު ކުރުމަށް ވަގުތު ނަގައިނުލާ މަސައްކަތަށް އެކަށޭނެ އުޖޫރަދީ. ފައިސާގެ ވާހަކަ ދެއްކުމަކީ އާޓުގެ އަގު ދަށްވާ ކަމެއް ކަމަށް ކުރިއަށް އޮތްތާނގައި ވެސް ހީނުކުރާތި."

"ދެން އޮތީ ޒަނީނަށް މަސައްކަތް ކޮށްދިނުމުގެ ވާހަކަ. އަހަރެން ޒަނީނުގެ މަސައްކަތެއް ނުކުރާނަން. ނަމަވެސް ޒަނީން ބޭނުމިއްޔާ އަހަރެންގެ ޕެޓާންތައް ބޭނުންކުރުމާމެދު އަހަރެންގެ އިއުތިރާޒެއް ނެތް."

ރުޅި އައިސް ކެކިކެކި ހުރެ އޭނާ އެތަނުން ހިނގައްޖެއެވެ.

***

މަރިޔަމާ ޒަނީން ކޮރިޑޯގައި ވާހަކަ ދައްކަން ތިބިތަން ސޯފިއާއަށް ފެނުނެވެ. ވީގޮތް އޮޅުންފިލުވަން އެރޭ އޭނާ ޒަނީނަށް ގުޅިއެވެ. ޒަނީން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"ކޮބާ! މަ ބުނީމެއްނު އޭނައަކީ ވަރަށް ރުންކުރު މީހެކޭ. ކީއްކުރަން އޭނައާ ވާހަކަ ދެއްކީ؟ އެންސީއޭގަ އެބަތިބި ނުލާހިކު މޮޅު އާޓިސްޓުން. އޭގެތެރެއިން ބައެއް ކުދީންނާ ޒަނީން ވާހަކަވެސް ދެއްކީމެއްނު؟ އެތަނުން ކުއްޖަކު ނަގަންވީނުން؟"

"އާނ، މިހާރު އަހަރެން ވެސް ގަސްތުކުރަނީ އެގޮތަށް. އެކަމަކު މަރިޔަމް ދެއްކި ވާހަކަ މުޅިއަކުން ގޯހެއްނޫން. މައްސަލައަކީ އޭނާ ވާހަކަ ބުނާ ގޮތް. ޒާތީވެ ކުދިކުދި ކަންތައްތަކުގައި ހިފައިދަމައިގެން ދިރިއެއް ނޫޅެވޭނެ. އަހަރެން މާފަށްވެސް އެދުނިން." މާފަށް އެދުމުންވެސް މަރިޔަމް ގޮތް ދޫނުކުރީތީ ޒަނީން ހުރީ ހިތްހަމަނުޖެހިފައެވެ.

***

ޒަނީން މާފަށް އެދުމުންވެސް މަރިޔަމްގެ ރުޅި މައިތިރިއެއް ނުވިއެވެ. މަރިޔަމް ދުށްގޮތުގައި އެއީ އޭނާގެ ނާޖާއިޒު ފައިދާ ނަގަންވެގެން ބުނެލި އެއްޗެކެވެ. މަރިޔަމްގެ މަސައްކަތް އޭނާއަށް ކަމުދިޔައިމާ މަރިޔަމް ހައްދަން މަސައްކަތް ކުރީއެވެ.

ޒަނީނާ މަރިޔަމާ ދެމެދު އެ ހާދިސާ ހިނގިތާ ދުވަސްކޮޅެއް ފަހުން ފައިން އާޓްސް ކުލާހުން ސޯފިއާ މަރިޔަމާ ބައްދަލުކުރިއެވެ. ދެމީހުން ވެސް ކެންވާސްގެ މަސައްކަތެއް ކުރާން ފަށަނީއެވެ. ސޯފިއާ ދަބަހުން ސިޓީ އުރައެއް ނެގިއެވެ. "މަރިޔަމް، މީ ޒަނީން ދިން ޗެކެއް، މަރިޔަމް ކުރި މަސައްކަތުގެ އަގު."

މަރިޔަމަށް ހީވީ ޒަނީން ދެވަނަ ފަހަރަށް ވެސް އޭނާ ލަދުގެންނެވީ ހެންނެވެ. އޭނާ ރުޅި އައިސް ރަތްވިއެވެ. ސިޓީއުރައަކު ވެސް ނުހިފިއެވެ. "އަހަރެން ތި ޗެކު ބޭނުމެއް ނޫން. ތި ޗެކު ޒަނީނަށް ދީ، ދީފައި ބުނޭ ތިއަށް އަދަބު އަޚުލާގު ގަންނާށޭ."

"އަދަބު އަޚުލާގު ދަސްކުރަންވީ ޒަނީނެއް ނޫން، މަރިޔަމް." މަރިޔަމްގެ ހަރުކަށިކަމުން ސޯފިއާވެސް ރުޅި އަތުވެއްޖެއެވެ. އޭނާ ކުލަ ޓްރޭ ނަގައި ބިންމަތީގައި ބެހެއްޓުމަށްފަހު މަސައްކަތް ފެށިއެވެ.

"ސޯފިއާ އަހަންނަށް ނަސޭހަތް ދޭނެ ކަމެއް ނެތް." އޭނާއާ ދިމާއަށް ކުލަފިހި ދިއްކޮށްފައި މަރިޔަމް ބުންޏެވެ. "ޒަނީން ސޯފިއާ ފޮނުވީ ޕޯސްޓު ބަހާ މީހެއްގެ ގޮތުގައި. އެމަސައްކަތުގެ އިތުރުން އެހެން މަސައްކަތް ކުރަން ނޫޅޭ. ޕޯސްޓު ބަހާ މީހުންގެ ވަޒީފާއަކީ ޕޯސްޓު ހަވާލުކޮށްފައި އެނބުރި ދިއުން. މީހުންނަށް ލަފާދީ ނަސޭހަތްދިނުމަކީ އެމީހުންގެ ވަޒީފާގެ ބައެއް ނޫން."

ސޯފިއާ ރުޅި އައިސްފައި މަރިޔަމާ ދިމާއަށް ސިޓީއުރަ ހޫރައިލިއެވެ. އަދި އެންމެންނަށް އަޑުއިވޭ ވަރަށް ބާރަށް ހަޅޭއް ލަވައިގަތެވެ. "ބޮޑު މުސީބާތެއްނުން! ފުރަތަމަ އުޅުނީ ފައިސާ ބޭނުންވެގެން. ފައިސާއަށް ކިޔާފަ އަދި ގޮތް ދައްކަންވެސް ކެރޭތަ؟"

މަރިޔަމް ރުޅި އައިސް ރަތްވިއެވެ. އޭނާ ހީކުރީ ހުރިހާ ކަމެއް ހަމައަކަށް އެޅުނީ ކަމަށެވެ. އެކަމަކު މިހާރު ކުލާހުގެ ހުރިހާ ކުދީންގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. އެންމެންގެ މޫނުމަތިން ފެންނަނީ މަލާމަތުގެ އަސަރެވެ. ސޯފިއާގެ ރުޅިގަނޑު އަދިވެސް މަތިރިއެއް ނުވެއެވެ. "ކަލެއަކީ ތީ ކާކުކަމަށްތަ ހީކުރަނީ؟ ދެތިން މީހަކު ކަލޭގެ މަސައްކަތަށް ތައުރީފުކުރީމާ ތިމާއަށް ތިމާ ފެނިފަ ހުންނަ މީހެއް. ތީ މި ގައުމުގައި އުފެދުނު އެންމެ މޮޅު އާޓިސްޓުންގެ ތެރޭގައި ހިމެނޭ މީހެއް ނޫން. ތިކަހަލަ އާޓިސްޓުންގެ ކުރެހުންތަކުގެ ޑަޒަނެއްގެ އަގު ދިހަ ލާރިއަށްވެސް ނާރާނެ. އެންސީއޭ ކަހަލަ ކޮލެޖުތަކުގެ އަގު ވައްޓާލަނީ ތިކަހަލަ ތަންދޮރު ނޭނގޭ އާއިލާތަކުން އަންނަ މީހުން." ސޯފިއާ ދުންޖަހާފައި ކުލާހުން ނުކުތެވެ. އޭނާ ހުރީ މަސައްކަތްކުރެވޭ ވަރަށް ވުރެ ރުޅި ގަދަވެފައެވެ.

މަރިޔަމް ކުލާސްތެރެއަށް ވަށައިގެން ބަލައިލިއެވެ. އިރުކޮޅަކުން މުޅި ކޮލެޖުތެރޭގައި އޮންނާނީ އެ ޒުވާބުގެ ވާހަކަކަން އޭނާއަށް އެނގެއެވެ. ޒަނީން އޭނާއަށް ޗެކެއް ފޮނުވީ ކާކަށް ދައްކަން ހެއްޔެވެ؟ މަރިޔަމް އޭނާގެ ދަށުވެފައި ހުރިކަން ދައްކަން ހެއްޔެވެ؟ ނުވަތަ އޭނާއަކީ މަސައްކަތުގެ އަގު ވަޒަންކުރާ މީހެއްކަން ދައްކަން ހެއްޔެވެ؟ ޒަނީނާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ނަފްރަތު ތަންފުކެއްވެސް ކުޑައެއް ނުވިއެވެ. މުސްތަފާ އިނީ އޭނާއާ ދިމާއަށް ބަލާށެވެ. އޭނާ އިނީ މަރިޔަމާ ދިމާއަށްވާގޮތަށް ކުލާހުގެ އަނެއް ފަރާތުގައެވެ. މުސްތަފާއަކީ ޒަނީންގެ މަސައްކަތަށް ނެގި ކުއްޖާއެވެ. އޭނާ ނެގީ މަރިޔަމް ޒަނީނާއެކު މަސައްކަތް ކުރާން އެއްބަސް ނުވުމުންނެވެ. މަރިޔަމް ތެދުވެގެން ގޮސް މުސްތަފާ އަތަށް ސިޓީއުރަ ދީފައި ބުންޏެވެ. "މި ސިޓީއުރަ ޒަނީނާ ހަވާލުކޮށްދީފާނަންތަ؟"

"އަހަރެމެންގެ މަސައްކަތުގެ އަސްލަކަށް ބޭނުންކުރަނީ މަރިޔަމްގެ ޑިޒައިންތައް..." މުސްތަފާގެ ވާހަކަ އަޑުއެހުމުގެ ޝައުގެއް އޭނާގެ ނެތެވެ. ހިނިތުންވެފައި ހުރެ އޭނާ އެނބުރި މަސައްކަތަށް ރުޖޫއަވިއެވެ.

***

ފެށުނީއްސުރެވެސް މަރިޔަމް ސޯފިއާ އަކާ ގަޔައެއް ނުވެއެވެ. ސޯފިއާ ދެކޭ ގޮތުގައި މަރިޔަމަކީ ވަރަށް ރުންކުރު ބޮޑާ ކުއްޖެކެވެ. އަދި އޭނާ އެހައި ކިބުރުވެރިވެ ބޮޑާވެގެން އުޅެނީ ޕްރޮފެސަރުން އަބަދު ތައުރީފުކުރާތީ އެވެ.

އެއީ މުޅިއަކުން ކުށްހީއެއް ވެސް ނޫނެވެ. މަރިޔަމަކީ އާދަޔާ ޚިލާފަށް މޮޅު ކުއްޖެއް ކަމާމެދު ސޯފިއާވެސް ޝައްކެއް ނުކުރެއެވެ. މަރިޔަމަކީ ކުރެހުމުގެ ފަންނަށް އިންގިލާބެއް ގެންނާނެ ކުއްޖެއް ކަމަށް އެންސީއޭގެ ހުރިހާ ދާރިސުން އިއްތިފާގުވެއެވެ. ދާރިސުންގެ އިތުބާރު އޭނާއަށް އޮންނަކަން މަރިޔަމަށް ވަރަށް ރަނގަޅަށް އެނގެއެވެ. ކޮލެޖުގެ އެހެން ހުރިހާ ކުދީންނަށްވުރެ އޭނާގެ ޚިޔާލު ތަނަވަސްވެފައި މަސައްކަތުގެ ފެންވަރު ރަނގަޅުކަން މަރިޔަމަށްވެސް އެނގެއެވެ. އޭނާ ބޮޑާވެފައި ހުންނަނީ އެހެންވީމައެވެ. މަރިޔަމް ގަބޫލުކުރާ ގޮތުގައި ސޯފިއާއަށް އެންސީއޭއަށް ވަދެވުނީ ފެންވަރެއް ހުރެގެނެއް ނޫނެވެ. ނަމަވެސް ނަސަބާއި ހަސަބުގެ ގޮތުން މޮޅުވެފައި މުއްސަނދި އާއިލާއަކަށް ނިސްބަތްވީތީ އެވެ.

އެންސީއޭއަށް ވަންނަން އޭރު ފޯމު ހުށަހެޅި ކުދީންގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އޮތީ މަރިޔަމްގެ ނަމެވެ. ނަމަވެސް އޭނާގެ މަންމަގެ އެތަނަވަސްކަން ނެތުމުން ކޮލެޖު ފީ ދެއްކޭނެ ފުދުންތެރިކަމެއް ނެތެވެ. އޭނާއަށް ދާޚިލާ ލިބުނީ މަރިޔަމް ކިޔެވި ސްކޫލުގެ ޕްރިންސިޕަލްގެ އެދުމަކަށް، އެންސީއޭގެ ބޯޑުން ފީ މާފުކޮށްދިނުމުންނެވެ. ކޮލެޖުގެ ފީ މާފުކޮށްދިން ނަމަވެސް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ވަރަށް ގިނައެވެ. މަރިޔަމް ގަބޫލުކުރާ ގޮތުގައި އެންސީއޭ ކަހަލަ ކޮލެޖުތަކުން ފައިސާއަށްވުރެ ބޮޑަށް އިސްކަންދޭންވާނީ ހުނަރުވެރި ކުދީންގެ ހުނަރު އިތުރަަށް ތަރައްގީކޮށް އެކުދީންނަށް ފުރުސަތު ފަހިކޮށްދިނުމަށެވެ. މާލީ ގޮތުން ތަނަވަސްކަމެއް ނެތް ނަމަވެސް، ހުނަރުވެރި އެތައް ކުދީންނެއް ބާކީކުރުމަށްފަހު އެތަނުން ޖާގަ ދެނީ މުއްސަނދީންގެ ދަރީންނަށެވެ. ހުނަރަށް ބެލުމެއް ނެތިއެވެ. މަރިޔަމްގެ ހީ މުޅިއަކުން ގޯހެއް ނޫނެވެ.

އެންސީއޭގައި އުޅޭ ދަރިވަރުންގެ ބޮޑު އާބާދީއަކީ މުއްސަނދި އާއިލާތަކުން އައިސްތިބި ކުދީންކަން މަރިޔަމަށް ފާހަގަކުރެވުނީ ކުލާސްތައް ފެށުމުންނެވެ. ހުނަރެއް ނެތް، އެހެނަސް އެކި މުއައްސަސާތަކުގެ ވެރީންނާ ގުޅުން އޮންނަ އާއިލާތަކުގެ ކުދީންނަށް ޖާގަދީފައި ހުރިކަން މަރިޔަމަށް ފާހަގަކުރެވުނެވެ. މަރިޔަމް ކުރިންވެސް ފާޅުގައި ސޯފިއާއަށް ފާޑުކިޔައެވެ.

"ކެންވާސްއެއްގައި ހަތަރު ރޮނގު އަޅާށާއި، ކުލަ ފިއްސެއްގައި ހިފަން އެނގޭ ކޮންމެ މީހަކީ އާޓިސްޓެއް ނޫން." އޭނާ އަބަދުވެސް ސޯފިއާއާ ދިމާއަށް ބުނެއެވެ. "އާއިލާއާއި ގާތް ރައްޓެހީން ފިޔަވައި އެމީހުންގެ މަސައްކަތް ގަންނާނީ ކޮންބައެއް؟ އެވެސް އާއިލާއަށް އޮންނަ އިހުތިރާމެއްގެ ގޮތުން. އެހައި އަގުބޮޑުކޮށް މަސައްކަތް ވިއްކާލެވެނީ އެހެންވީމާ!"

އޭނާ ދައްކާ ވާހަކަ ސޯފިއާގެ ކަންފަތަށް ވަރަށް އަވަހަށް އަރައެވެ. ދެމީހުންގެ މެދުގައި ނަފްރަތު އުފެދެން ފެށީ އެހިސާބުންނެވެ.

ކޮލެޖުގެ ކުދީންނާ ދެމެދު އޮންނަ ހަމަނުޖެހުމުގެ އިތުރުން މަރިޔަމްގެ މަންމަ ދެކެ ވެސް އޭނާ ހުންނަނީ ނުރުހިފައެވެ. އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ނުކޮށްގެންނެވެ. އިނިގރޭސިވިލާތަށް ގޮސް ހަމަޖެހިގެން އޭނާއަށް އުޅެވުނީހެވެ. ދަތި ހާލުގައި އުޅެންޖެހެނީ މަންމަގެ ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އޭގެ ސަބަބުން އެހެން ކުދީންގެ ދެކެވެސް ނުރުހުން އިތުރުވާން ފެށީއެވެ. ޒަނީން ދެކެ ރުޅި އާދެވުނު މައިގަނޑު ސަބަބަކީވެސް ސޯފިއާއެވެ.

ޒަނީނަކީ ސޯފިއާއާ ދެބޭންގެ ދެދަރި މީހަކަށްވެފައި ޒަނީން އޭނާގެ އަގު ވައްޓައިލީއެވެ. ލަދުގެންނެވީއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޒަނީން އެގޮތަށް ކަންތައް ކުރީ ސޯފިއާގެ ނުފޫޒުންނެވެ. އޭނާ ހީކުރަނީ އޮފީހަށް ދިޔަ ދެވަނަ ދުވަހު ޒަނީންގެ ކެބިންގައި އިނީވެސް ސޯފިއާ ކަމަށެވެ. ޒަނީން ޗެކު ފޮނުވީ ސޯފިއާ އަތަށް ދީފައެވެ. އެހެންކަމުން މަރިޔަމްގެ ޝައްކު ޔަގީނަށް ބަދަލުވީއެވެ. ސޯފިއާއާ ޒަނީން ރާވައިގެން އޭނާގެ އަގު ވައްޓާލަނީއެވެ.

***

އެރޭ ކާމޭޒު ދޮށުގައި އިނދެ ސޯފިއާ ޒަނީނަށް އެދުވަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދިނެވެ. މަރިޔަމަށް ފައިސާ ދޭން ޒަނީން ގަސްތުކުރީ އޭނާގެ ޕްރޮޖެކްޓްގެ އަސްލަކަށް މަރިޔަމްގެ ޑިޒައިންތައް ބޭނުންކުރާތީއެވެ. ފައިސާގައި ހިފާނެކަމެއް ނުވަތަ ނޫންކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި ސޯފިއާއާ ޗެކު ހަވާލުކުރެވުނީ އޭނާއާ މަރިޔަމާ ދެމެދު އޮންނަ ކޯޅުމެއްވެސް ނޭނގިއެވެ. ޒަނީން ވަރަށް ކަންބޮޑުވެފައި ސޯފިއާގެ ވާހަކަ އަޑުއަހަން އިނެވެ. އެކަމަކު ޕޯސްޓުބަހާ މީހެކޭ ބުނުމާއެކު ކޮށިއެރިއެވެ. ޒަނީން ފެންތަށި ބެހެއްޓިއެވެ.

"އެއީ މާ ހެއްވާ ވާހަކައަކީތަ؟ އަހަންނަކަށް މަޖަލެއް ނޫން." ސޯފިއާ ޝަކުވާ ކުރިއެވެ. "އެއީ އަދަބެއްސަދަބެއް ނެތް ކުއްޖެއް."

"އާނ، ވެދާނެ. އަހަންނަށް ހެވުނީ އޭނާ ބޭނުންކުރާ ބަސްކޮށާރުން." ސޯފިއާ ހިތްހަމަޖައްސައިދޭން ޒަނީން މަސައްކަތް ކުރިއެވެ.

ސޯފިއާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ޒަނީންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. "ސޯފިއާ، އެވަރަށް އޭނާ ލަދުގަންނަވަން ޖެހޭތަ؟" ޒަނީން އެހިއެވެ.

"ކިހިނެއްވީ؟ އޭނާ ހިތަށް އެރި އެއްޗެއް އަހަންނާ ދިމާއަށް ގޮވާއިރު އަހަރެން ވީ ބަލަހައްޓައިގެން ހުންނަންތަ؟ އަހަންނަކީ ޒަނީނެއް ނޫން. އަހަންނަކަށް އެއީ ނުވާ ކަމެއް ކަމަށް ހަދައިގެން ނުހުރެވޭނެ."

ކަންތައް ވެގެން ދިޔަގޮތާމެދު ޒަނީން އިނީ ވަރަށް ކަންބޮޑުވެފައެވެ. އޭނާއަށް ގަބޫލުކުރެވުނީ ސޯފިއާ މާ ބޮޑުވަރު ކޮށްލީކަމަށެވެ. އެއަށްވުރެ ރަނގަޅަށް ސޯފިއާއަށް މަރިޔަމާ ވާހަކަ ދެއްކުނީހެވެ.

ޖެހިގެން އައިދުވަހު މުސްތަފާ ޒަނީނާ ޗެކު ހަވާލުކުރިއެވެ. ބަޔާންކޮށްދޭން ނޭނގޭކަހަލަ އިހުސާސެއް ޒަނީނަށް ކުރެވުނެވެ. މަރިޔަމް އޭނާއާ މެދު އިތުރަށް ހިތްހަމަނުޖެހިއްޖެކަމުގެ އިހުސާސްކުރެވުނެވެ.

(ދިހަވަނަ ބާބު)

އެރޭ ސްކޮޓްލެންޑް ޔާޑުން އެ އިމާރާތް ބަލައިފާސްކުރިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އެހިސާބުގައި ވަނީ މީހަކު މަރާލާފައެވެ. ފުލުހުން އައީ އެމައްސަލަ ތަހުގީގުކުރާށެވެ. އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް، މަރާލާފައިވަނި ކާކު ކަމެއް ކެތަރިންއަކަށް ނޭނގެއެވެ. ފުލުހުން މަރުގެ ތުހުމަތުކުރަނީ ކާކަށް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް ފުލުހުން އެރޭ އެ އިމާރާތް ބަލައިފާސްކުރީ އެމަރާ ގުޅިގެނެއް ނޫނެވެ. މިއީ އެތައް މަހެއް ވަންދެން ފާރަލުމަށްފަހު ހިންގާ އޮޕަރޭޝަނެކެވެ. ސްކޮޓްލެންޑް ޔާޑުން ގެންދަނީ ގާނޫނާ ޚިލާފު އަމަލު ހިންގާ މީހުންނާ އެފަދަ އަމަލުތަކަށް ތުހުމަތުކުރެވޭ މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަމުންނެވެ. ކެތަރިން އަކީ މީގެ ކުރިން ހަށިވިއްކި މީހެކެވެ. އެހެންކަމުން ފުލުހުންގެ އަތުގައި އޭނާގެ ރިކޯޑުވެސް އޮންނާނެއެވެ. އޭނާއަކީ އެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އެކަކެވެ.

އޭނާ ދިރިއުޅޭ ފްލެޓު ބަލައިފާސްކުރި އިރު ގާނޫނާ ޚިލާފު އެއްވެސް އެއްޗެއް އެތަނަކުން ނުފެނެއެވެ. ނަމަވެސް އެމީހުންނާއެކު ފުލުސް ސްޓޭޝަނަށް ދާން އެންގިއެވެ. އެތައް ގަޑިއިރެއް ވަންދެން އޭނާއާ ފުލުހުން ސުވާލުކުރިއެވެ. އެޕާޓްމެންޓަށް ގޮސް އައިސް ހަދާ ގޮތް އެހިއެވެ. އަދި މަޒްހަރާ އޭނާއާ އޮންނަނީ ކޮން ގުޅުމެއްތޯ ވެސް ސުވާލުކުރިއެވެ. ބިރުން ހުރެވެސް އޭނާ ފުލުހުންގެ ހުރިހާ ސުވާލަކަށް ތެދުބަހުން ޖަވާބުދިނެވެ. ޑްރަގްގެ މައްސަލައިގައި އޭނާއާ ގުޅުމެއް ނެތްކަން އެނގުމުން އެ މައްސަލައިގައި ސުވާލުކުރަން ގެނައި އެހެން މީހުންނާއެކު އޭނާވެސް ގެއަށް ފޮނުވައިލިއެވެ. ކެތަރިން ގެއަށް އައީ އޭނާ މިނިވަންވީ ކަމުގެ އުއްމީދުގައެވެ. މިއީ މުސީބާތެއްގެ ފެށުންކަމެއް ރޭކާވެސް ނުލައެވެ.

***

ގެއަށް އައިތާ ތިންގަޑިއިރުނުވެ ދޮރުގައި އަނެއްކާވެސް ބާރަށް ޓަކިޖަހަން ފެށިއެވެ. ބިރުން ވިރިވިރި ހުރެ އޭނާ ދޮރު ހުޅުވިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

4 ޚިޔާލު

  1. vvvinthizaaru koffin nukumeythoo kome dhuvahaku dhe thin faharu mi site ah vann
    bunuvveemeh noothoo hukuru dhuvahu fiyavaa hurihaa dhuvahaku nere dhehvaanamey
    akamu mirey mee hatharu vana yah vaarey noon thoo plx plx avas gothakun kiyaaln libey gotheh hahdhavaa dhevva

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.