ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫ (މަޤްދިޝޫ) ގައި ކާރު ބޮމެއް ގޮއްވާލައިފިއެވެ. މި ހަމަލާގެ ސަބަބުން މަދުވެގެން 76 މީހުން މަރުވިކަން މިހާތަަނަށް ޔަގީންކުރެވިފައި ވާއިރު، 100 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. ސަރުކާރުގެ ތަރުޖަމާނު އިސްމާޢީލު މުޚްތާރު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު އަދި މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
ސޯމާލިޔާގެ ދާޚިލީ ހަނގުރާމައިގައި ދިން އެންެމެ ވަރުގަދަ އެއް ހަމަލާ ކަމުގައި ބެލެވޭ މިހަަަލާއަށް ފަހު މަރުވިމީހުން އެންމެ ގިނައިން ގެންދިޔަ މަދީނާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުޙައްމަދު ޔޫސުފު މަޢުލޫމާތު ދެއްވި ގޮތުގައި އެ ހޮސްޕިޓަލަށް 73 މީހުންގެ ހަށިގަނޑު ގެންގޮސްފައި ވެއެވެ. އާމިން އެމްބިއުލާންސް ސާވިސްއިން ބުނީ އެތަނުގެ އެމްބިއުލާންސްތަކުގެ 76 މީހުންގެ ހަށިގަނޑާއި ޒަޚަމްވެފައިވާ 50 މީހުން އުފުލާފައިވާ ކަމުގައެވެ.
ފުލުހުންގެ ވާހަކަދެއްކި އޮފިސަރަކު ކަމުގައިވާ މުޙައްމަދު ޙުސައިން ބުނި ގޮތުގައި ކާރު ބޮން ގޮއްވާލާފައިވަނީ، ހެނދުނު އެންމެ ބާރު ބޮޑު ގަޑީގައި، ޓެކްސް ފައިސާ ބަލައިގަންނަ މަރުކަޒެއްގެ ކައިރީގައި ކަމުގައެވެެ. ބޮން ގޮވި ތަނާ ކައިރީގައި މަގު ހެދުމުގެ މަސައްކަތުގައި ތުރުކީގެ އިންޖިނިއަރުންތަކެއް ހަރަކާތްތެރިވަމުން ދިޔަ ކަމަށްެ ވެއެވެ. އެމީހުން ދުުއްވި އުޅަނދު ވަނީ ހަލާކުވެފައެވެ.
މޮގަދިޝޫގެ މޭޔަރު ވިދާޅުވި ގޮަތުގައި ހަފުތާ ބަންދުގެ ޗުއްޓީއަށް ފަހު ޔުނިވަސިޓީގެ ކިލާސްތަކަށް އެނބުރި އައި ގިނައަދަދެއްގެ ދަރިވަރުން ވެސް ހިމެނެއެެވެ. ސޯމާލިޔާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ހަމަލާގައި ތުރުކީގެ ދެ އިންޖިއަރުން ވަނީ މަރުވެފައެވެ. ސޯމާލިޔާގައި ހުންނަވާ ތުރުކީ ސަފީރުވެސް ވަނީ މިކަން ޔަގީންކޮށްދެއްވާފައެވެ.
މި ހަަމަލާގެ ޒިންމާ އަދި އެއެްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިހަމަލާ ވާނީ ސޯމާލިޔާގައި އެމީހުން ގަބޫލުކުރާ އިސްލާމީ އުސޫލުތަކަަށް ތަބާވާ ދައުލަތެއް ގާއިމުކުރުމަށް 1991 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުންދާ އައްޝަބާބުގެ އަމަލަކަށެވެ. އައްޝަބާބަކީ އަލްގައިދާއަށް ތަބާވާ ޖަމާއަތެކެވެ.
މި ފަހުގެ ތާރީޚެއްގައި މޮގަދިޝޫގައި އެންމެ ވަރުގަަދަ ހަމަލާއެެެއް ދީފައި ވަނީ 2017 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހެ ކާރު ބޮމުގެ ދެ ބޮން ގޮއްވާލައިގެން 587 މީހުން މަރުވެ 316 މީހުން ޒަޚަމްވެފައި ވެއެވެ.