މޮގަދިޝޫގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ

ފާއިތުވި އަހަރު މޮގަދިޝޫގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި ހަލާކުވެފައިވާ ފުުލުހުންގެ އުޅަނދެއް ގެންދަނީ

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ވަދާޖިރް އަވަށުގައި ހުންނަ ސައިހޮޓަލެއްގައި އަންގާރަދުވަހުގެ ރޭ އިރާކޮޅު މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެެއްގައި 11 މީހުން މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި އާއްމުންނާއި، ސިފައިންގެ މީހުން ހިމެނެއެވެ.

އަނަޑޯލޫ ނިއުސް އެެޖެންސީއާ ވާހަކަ ދައްކަމުން ފުލުސް އޮފިސަރު ދާދިރް ޙަސަން ބުނި ގޮތުގައި ބޮމުގެ ހަމަލާގެ އަމާޒަކަށް ވެފައިވަނީ ސިފައިންގެ މަރުކަޒެއް ކައިރީގައި ހުންނަ، ގިނަ ބަޔަކު ވަންނަ ސައިހޮޓަލެކެވެ.

"އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ސިފަންނާއި ފުލުހުން ގިނައިން ވަދެ އުޅޭ ސައިހޮޓަލަށް ދިން ހަމަލާގައި ހަރަކާތްތެރިވެފައި ވަނީ ގައިގައި ގޮވާތަކެތި ހަރުކޮށްގެން ހުރި އެންެމެ މީހެއް. ސިފައިން ވެސް ހިމެނޭހެން 11 މީހަކު މަރުވެފައިވާކަން އަހަރުމެންނަށް ޔަގީންކޮށްދެވިދާނެ. އޭގެ އިތުރަށް އެތައް ބަޔަކު ވަނީ މަރުވެފައި." ޙަސަން ބުންޏެވެ.

ސޯމާލިޔާ ސަރުކާރު ވައްޓާލަން ހަނގުރާމަކުރަމުން ދާ އަދި އަލްޤާޢިދާއާ ގުޅިފައިވާ އައްޝަބާބު ހަނގުރާމަވެރި ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

އަނަޑޯލޫއަށް މައުލޫމާތުދިން ގޮތުގައި ޖެނެރަލް ދަގާބަދާން މިލިޓަރީ ޓްރޭނިންގް ސެންޓަރު ހުންނަނީ ބޮންގޮއްވާލި ސައި ހޮޓަލާ ވަރަށް ކައިރީގައެވެ. އަދި ބޮންގޮއްވާލި ވަގުތު ގިނަ އަދަދެއްގެ ސިފައިން އެތަނުގައި ތިއްބެވެ.

އައްޝަބާބު ޖަމާއަތުން ވަނީ ސޯމާލިޔާގައި ގިނަ ޓެރަރިސްޓު ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭން އެންމެ ލޭ އޮހޮރުވުން ބޮޑު ހަމަލާއަކީ 2017 ވަނަ އަަހަރު މޮގަދިޝޫގެ ހޮޓަލަކަށް ދިން ހަމަލާއެވެ. އެ އަހަރު އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުު ގޮވާތަކެތި ބަރުކޮށްފައިވާ ދެ ލޮރީ ބޭނުންކޮށްގެން މޮގަދިޝޫގެ ސަފާރީ ހޮޓަލަށް ދިން ވަރުގަަދަ ހަމަލާގައި 587 މީހުން މަރުވެ، 316 މީހުން ޒަޚަމްވެފައި ވެެއެވެ. މިއީ، ސޯމާލިޔާގެ ތާރީޚުގައި ދިން އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާއެވެ.

2009 ވަނަ އަހަރު ސޯމާލިޔާގެ ވެރިިރަށް މޮގަދިޝޫ ހިފި، އައްޝަބާބު ޖަަމާއަތް އެފްރިކަން ޔުނިއަން (އޭޔޫ) ގެ ސިފައިންގެ އެހީގައި 2011 ވަނަ އަހަރުގެ އޮގަސްޓު މަހު އެރަށުން ބޭރުކޮށްފައި ވިޔަސް، އައްޝަބާބު ޖަމާއަތުން މިހާރުވެސް ސޯމާލިޔާގެ ބޮޑު ބައެއް ކޮންޓުރޯލުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.