ހުސްވި އެޕްރީލް މަހުގައި މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މިރާއިން ވިދާޅުވީ އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %2.8 އިތުރު އަދަދެއް ކަމަށެވެ. އެ އަދަދާއެކު މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާވަނީ މިރާއަށް ބަލައިގަނެފައެވެ.
އެޕްރީލް މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުން ކަމަށްވެސް އެތަނުން ވިދާޅުވިއެވެ. އަދި ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާއިން ވިދާޅުވިއެވެ.
އެޕްރީލް 2018 ގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %64.0 ނުވަތަ 742.0 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %6.5 ނުވަތަ 74.86 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރަށް ބީ.ޕީ.ޓީގެ ގޮތުގައި 70.97 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 55.05 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައިވަނީ 54.83 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.67 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ވިދާޅުވިއެވެ.
އެޕްރީލް 2018ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާއިން ވިދާޅުވިއެވެ.