ކ. މާފުށީގައި ބިންހިއްކައި ނިމުމުން އެބިން ފެހިކުރުމަށް ބޭނުންވާ ގަސް އެހެން ތަނަކުން ހޯދުމުގެ ބަދަލުގައި، ސީދާ ރަށުގައި ގަސް އިންދައިގެން ރަށް ފެހިކުރުމަށް ޕްލޭނިން މިނިސްޓަރ އިލްތިމާސް ކުރައްވައިފިއެވެ.
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް އެރަށުގެ ރައްޔިތުންނަށް މިކަމަށް އިލްތިމާސް ކުރެއްވީ އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު އިފްތިތާހު ކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިގޮތަށް ހިއްކާ ބައެއް ބިންތަކާއި ރިސޯޓުތައް ފެހި ކުރުމަށް އެހެން ރަށްރަށުން ރުއްގަސް ގެނެސްގެނެސް ފެހި ކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުންދާތީއެވެ. އެކަން ކުރުމުގައި އުސޫލުން ބޭރުންވާ ކަމަށްވާނަމަ އޭގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ ގެއްލުން އިންތިހާއަށް ބޮޑު ކަމަށް އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މާފުއްޓަކީ ދައުލަތަށް ބޮޑު އާމްދަނީއެއް މިހާރު ވެސް ހޯދައިދޭ ރަށެއް ކަމަށެވެ. އެރަށުން ދައުލަތަށް އާމްދަނީ ހޯދައިދެނީ ޓޫރިޒަމް ވިޔަފާރީންނެވެ. އެރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ފުޅާކޮށް ކުރަމުންދާ ނަމޫނާ ރަށެވެ.
މިނިސްޓަރ ވިދާޅުވީ އެރަށުގައި ހިއްކާ ބިމުގެ ސަބަބުން ތަރައްޤީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާފުށީގެ ބިން ހިއްކުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެރަށުގައި ހިއްކަނީ 25 ހެކްޓަރު ބިމެވެ. އެމްޓީސީސީގެ ސީއީއޯ ޙަސަން ޝާހު ވިދާޅުވެފައިވަނީ މަހާޖައްރާފުގެ ސްޕީޑަށް ބަލާފައި 75 ދުވަސް ތެރޭގައި އެރަށުން ބިންހިއްކައި ނިންމައިލެވޭނެ ކަމަށެވެ.