ހިތަދޫގައި ރޭ ހިނގި މަރާމާރީއެއްގައި އަނިޔާވި މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވައިފި

އައްޑޫސިޓީ ހިތަދޫގައި ރޭ ދަންވަރު ހިނގި ގުރޫޕްމާރާމާރީއެއްގައި އަނިޔާވީ 21 އަހަރުގެ ޒުވާނަކަށް އިތުރު ފަރުވާ ދިނުމަށް މިއަދު ހަވީރު މާލެ ފުރުވާލައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އޭނާ މާލެ ފޮނުވީ ބޮލަށް ލިބިފައިވާ އަނިޔާތައް އިތުރަށް ބެލުމަށްޓަކައި ސިޓީ ސްކޭން ހެދުމަށް ކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް އެތަނުން ހާމައެއް ނުކުރެއެވެ.

މިޙާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ރޭ ދަންވަރު ގެންދިޔައީ 3 މީހުންނެވެ. އެއީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. މީގެ ތެރެއިން 22 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފައި ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު ޗީފްއިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހީރު ވިދާޅުވީ އެމައްސަލާގައި މިހާތަނަށް މީހަކު ބަންދުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.މި މާރާމާރީ ހިންގަން ޖެހުނު ސަބަބުވެސް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.

މި މާރާމާރީ ހިނގާފައިވަނީ ހިތަދޫ "ޖަޒީރާގާޑިއާ" ސަރަހައްދުގައެވެ. މަރަދޫގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެން މީހާ ވެސް ރޭ ފަތިހު މާލެ ފުރުވާލައިފައިވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.