ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ހިފަހައްޓާފައިވާ ތިން ބޭފުޅުންގެ ތެރެއިން ޢަބްދުއްރަޙީމާއި، ފާއިޒުގެ ދަޢުވަތުން މަކުތަބާ ސަލަފިއްޔާއި އޭގައި ހިމެހޭ ތިންވަނަ ބޭފުޅާ މުޙައްމަދު ޙަސަން ބަރިއްއަވާ ކަމަށް އެޖަމާއަތުން ބުނެފިއެވެ.
ދަރުސް ދިނުމުގެ ހުއްދަ މިނިސްޓްރީން ހިފަހައްޓާފައިވަނީ ނ. ޅޮހި، މަނަދޫގޭ، ޢަބްދުއްރަޙީމް މުޙައްމަމަދާއި ސ. މީދޫ، ދެކުނުގޭ، ޖައުފަރު ފާއިޒާއި ގދ. ތިނަދޫ، ރެޑްސީ، މުޙައްމަދު ހަސަނުގެ ހުއްދައެވެ. އެ ބޭފުޅުންގެ ހުއްދަ ހިފެހެއްޓިކަން އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވީ ޑިސެމްބަރ 17 ވަނަދުވަހުއެވެ.
މި ބޭފުޅުންނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައި ވަނީ އާންމުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެއްދުމަށް ވާހަކަ ދައްކަވާތީ ކަމަށެވެ. އަދި އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ދީނުގެ ނަމުގައި ވާހަކަ ދައްކާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރު ޤައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ވެސް އެ ބޭފުޅުން ވާހަކަ ދައްކަމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މަކުތަބާ ސަލަފިއްޔާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުޙަމަދު ޙަސަން ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ދާޚިލީ ހަނގުރާތަކަމަށް މީހުން ދިޔުމަށް އެއްވެސް ބަޔަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށެވެ. އަދި އޭނާއަކީ ހަރުކަށި ފިކުރު ދަންނަ ވެސް ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.
އޭނާގެ ހުއްދަ ހިފަހައްޓާފައިވަނީ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާ ބެހޭ ގޮތުން މުޖުތަމަޢުގައި ބައިބައިވުމާއި ފަސާދަ އަށް މަގުފަހިވާނެ ވާހަކަ ދެއްކުމުގެ އިތުރުން ޢިލްމުވެރިންނާ ދޭތެރޭ ޙަޤީޤަތާ ޚިލާފު ވާހަކަ ދައްކަވައިފައިވާތީއެވެ. އޭގެ އިތުރުން ދަންނަ ބޭކަލުންގެ އިޖުމާޢުން އެނގެން ނެތް ކަންކަމުގައި އަމިއްލަ އަށް ދެކޭ ގޮތް އެއީ އިސްލާމް ދީނުގައި ހަމައެކަނި އޮތް ގޮތް ކަމަށް ބުނެދޭން އޭނާ މަސައްކަތް ކުރައްވައި ސޯޝަލް މީޑިއާ މެދުވރިކޮށް ވެސް އެކަން އެގޮތަށް ކުރައްވާތީ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހުރިހާ ކަމަކަށް މުޙައްމަދު ޙަސަން ވަނީ އިންކާރު ކުރައްވައިފައެވެ. އޭނާ އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އެހެން ޢިލްމުވެރިން ކުރައްވާފައިވާ ޓުވީޓުތައް ދައްކައި އެކަން ކުރައްވަނީ ކޮންބައެއްތޯ ސުވާލު ކުރައްވައިފިއެވެ.
މަކުތަބާ ސަލަފިއްޔާއިން މިއަދު ނެރުނު ނޫސްބަޔަނެއްގައި ބުނެފައިވަނީ ފާއިޒާއި ޢަބްދުއްރަޙީމަކީ މަކުތަބާ ސަލަފިއްޔާއި މުޙައްމަދު ޙަސަނާ އެއްވެސް ގޮތަކުން ގުޅުން އޮންނަބައެއް ނޫންކަމަށެވެ. އެހެންނަމަވެސް އެމީހުންނާ މަކުތަބާ ސަލަފިއްޔާއާ ގުޅުން އޮންނަ ކަމަށް ދެއްކުމަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށް އެބަޔާނުގައި ވެއެވެ. "އެއީ އަހަރެމެންނާ އެއްގޮތަކަށް ވެސް ގުޅުން އޮންނަ ބައެއްނޫނެވެ. އަދި ކިއެއް އެދެމީހުންގެ ދަޢުވަތުވެސް މަކުތަބާ ސަލަފިއްޔާ އަދި މުޙައްމަދު ޙަސަން ބަރީއަ ވެގެންވެއެވެ." އެބަޔާނުގައިވެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ މުޙައްމަދު ޙަސަންގެ ހުއްދަ ހިފަހައްޓާފައިވާތީ ބޭއްވި ބައްދަލުވުމެއް ނޫން ކަމަށާއި އެއީ ހަރުކަށީ ފިކުރާއި، ޖިހާދީ ފިކުރާއި މުޙައްމަދު ޙަސަނާ ގުޅުވައިގެ މީޑިއާގައި ވާހަކަ ދައްކަމުންދާތީ އެކަމުގެ ޙަޤީޤަތް ހާމަކޮށްދޭން ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް އެބަޔާނުގައި ވެއެވެ.