މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފި

ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ. އެމްއެންޑީއެފުން މިކަށް އިލްތިމާސް ކުރެއްވީ މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވާތީއެވެ.

 މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް އަންގާފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށްވެސް ކޯސްޓުގާޑުން ވިދާޅުވިއެވެ. އެގޮތުން ތިން ކުޑަކުދިންނާއި ބޮޑު މީހަކު ދަތުރުކުރި ޑިންގީއެއް ގެއްލިގެން މިއަދުވަނީ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައެވެ. މިރޭ 20:00 ހާއިރު އެ ޑިންގީއިން ދަތުރުކުރި 4 މީހުން ވަނީ ސަލާމަތުން ތިއްބާ ފެނިފައެވެ.

"ވީމާ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި އަދި ޚާއްސަކޮށް ކުދި، އަނގަމަތި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އިލްތިމާސްކުރަމެވެ."

ދަތުރުކުރާ އުޅަނދެއްގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް ވެސް ސިފައިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށެވެ.  އުތުރާއި މެދުތެރޭ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި  ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.