ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބަލައިގެންފި

ރައީސް އަބްދުﷲ ޔާމީން ފަސްއަހަރަށް ޖަލަށްލުމަށް ކްރިމިނަލްކޯޓުން ހުކުމް ކުރުމުން އެމަނިކުފާނުގެ ފަރާތްޕުޅުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެކޯޓު އެމައްސަލަ ބަލައިގެންފިއެވެ.

އެމަނިކުފާނުގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރައްވާފައިވަނީ ނޮވެމްބަރު 28 ގައެވެ. އެމައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވީ ނޮވެމްބަރު 30 ގައެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި އިރު ވަނީ ދެކަމަކަށް އެދިވަޑައިގެންފައެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ކުރައްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދެއްވުމަށާއި، ކަފާލާތުގެ ދަށުން ދޫކޮށްލުމެވެ.

ޔާމީންގެ ދިފާޢުގައި މަސައްކަތް ކުރައްވާ ޑރ. ޖަމީލް މިއަދުވަނީ ރައީސް ޔަމީންގެ ކަފާލާތުގެ ދަށުން ދޫކޮށްދެއްވުމަށް ހައިކޯޓަށް ހުށަހަޅުއްވައިފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ ފަރާތުން ވާނީ ބެއިލް އަށް އެދި ހައި ކޯޓަށް ހުށަހަޅާފައި. ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ޙައްޤުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުޞަތު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް" ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.