ސިރީއާއި އިރާގުގައި ހިނގަމުންދާ ޙަގުރާމައަށް ދިޔަ ދިވެހި ފިރިހެނުންގެ ތެރެއިން އަނބުރާ ގެނެވޭ ޙާލަތުގައި ތިބީ 9 އިންސައްތަ މީހުންކަމަށް ނެޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ) އިން ހާމަކުރައްވައިފައެވެ.
"ވިޔަވަތި ރާއްޖެ" ކޮންފަރެންސްގައި ހަރުކަށި ފިކުރާގުޅޭ ގޮތުން މަޢުލޫމާތު ދެއްވުވުމުގެ ސެޝަންގައި އެންސިޓީސީގެ ފަރާތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވެފައިވަނީ ހަނގުރާމަތަކަށް ގޮސްފައިވަނީ 173 މީހުންކަމަށެވެ. އޭގެތެރެއިން 53 އިންސައްތަ އަކީ ފިރިހެނުންނެވެ. 20 އިންސައްތައަކީ އަންހެނުންނެވެ. އަދި 21 އިންސައްތައަކީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ.
ހަނގުރާމައަށް ގޮސްތިބި 53 އިންސައްތަ ފިރިހެނުންންގެ ތެރެއިން 48 އިންސައްތަ އަކީ ކުށުގެ ރެކޯރޑް އޮތް ފަރާތްތަކެވެ. އަދި ކުށުގެ ރެކޯރޑް އޮތް ފަރާތްތަކުގެ ތެރެއިން 39 އިންސައްތަ އަކީ ގޭންގް ތަކަށް ނިސްބަތްވާ މީހުންނެވެ.
ހަނގުރާމައަށް ގޮސް ތިބި މީހުންގެ ތެރެއިން 91 އިންސަތަ އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެނެވޭ ޙާލަތުގައި ތިބިއިރު އަނބުރާ ގެނެވޭ ޙާލަތުގައި ތިބީ 9 އިންސައްތަ ފިރިހެނުންކަމަށް އެންސީޓީސީ އިން ހާމަކުރެއްވިއެވެ. ގެނެވޭ ޙާލަތުގައި ތިބި ފަރާތްތައް ކުރިއަށް އޮތް ހަތް މަހެއްހާ ދުވަސް ތެރޭގައި އަނބުރާ ރާއްޖެއަށް ގެނެވޭނެކަމަށް ވެސް ސީޕީ ޙަމީދު ވިދާޅުވިއެވެ.
މިއަދުގެ ސެޝަންގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވީ ސިރީއާއި އިރާޤްގެ ހަނގުރާމައަށް ގޮސް ތިބި 173 މީހުންނަކީ ހަނގުރާމަތަކަށް ދާން އުޅުނު 423 މީހުންގެ ތެރެއިން ހަނގުރާމައަށް ދެވުނު މީހުންގެ ޢަދަދެވެ. ޖެހިގެން ހުރި މީހާގެ ފުރާނަ ދުއްވާލުމަށް ފަސް ނުޖެހޭ ވަރަށް އެ ފިކުރުގެ ތެރެއަށް ވެށްޓިފައި ތިބި 14 ސަތޭކަ އާ ގާތްކުރާ ޢަދަދަކަށް ދިވެހިން ރާއްޖޭގައި އުޅެމުންދާކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.
ސިރީއާއި އިރާގުގެ ހަނގުރާމައިގެ ކުރިންވެސް އަފްޣާނިސްތާނާއި ޕާކިސްތާނުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ވެސް ދިވެހިންތެރެއިން އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާކަން ސީޕީ ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން އެއްބަޔަކު އަނބުރާ ރާއްޖެއަށް އައިސް މިހާރުވެސް ހަރުކަށިފިކުރު ފެތުރުމުގައި ޙަރަކާތްތެރިވަމުންދާކަން ފާހަގަ ކުރެއްވިއެވެ. ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވުމުންދާކަން ވެސް ޕޮލިސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ވެސް ވިދާޅުވިއެވެ.